ނަޞީޙަތަކީ ދީނުގެ އަސާސް

عَنْ تَمِيمٍ الدَّارِيِّ أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: «الدِّينُ النَّصِيحَةُ» قُلْنَا: لِمَنْ؟ قَالَ: «لِلَّهِ وَلِكِتَابِهِ وَلِرَسُولِهِ وَلِأَئِمَّةِ الْمُسْلِمِينَ وَعَامَّتِهِمْ» متفق عليه وللفظ للمسلم

ތަމީމުއްދާރީ رضي الله عنه ގެ އަރިހުން ރިވާގެންވެއެވެ. ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “ދީނަކީ ނަޞީޙަތެކެވެ.” ތިމަންމެން ދެންނެވީމެވެ. “އެއީ ކޮން ބަޔަކަށްތޯއެވެ؟” ޙަދީޘް ކުރެއްވިއެވެ. “ﷲ އަށްޓަކައެވެ. އަދި އެކަލާނގެ ފޮތަށްޓަކައެވެ. އަދި އެކަލާނގެ ރަސޫލާއަށްޓަކައެވެ. އަދި މުސްލިމުންގެ ވެރީންނަށްޓަކައެވެ. އަދި މުސްލިމުންގެ ޢާއްމު (މީހުންނަށް) ނަށެވެ.”

މި ޙަދީޘުން ލިބޭ ފިލާވަޅުތަކުގެ ތެރޭގައި؛

  1. ނަޞީޙަތްތެރިވުމުގެ މުހިންމުކަމާއި، ދީނަކީ މުޅީންވެސް ހެޔޮ ނަޞީޙަތް ކަން މި ޙަދީޘުން ދޭހަކޮށްދެއެވެ.
  2. ދީނުގެ މައިގަނޑު ދެބަޔަކީ ޢިބާދާތާއި މުޢާމަލާތާއި ދެބައެވެ.
  3. ޝަރުޢީ މަފުހޫމަކުން ބަލާއިރު ނަޞީޙަތުގެ ތެރޭގައި ދިރިއުޅުމުގެ ޙަޔާތުގައި ކުރިމަތިވާ ހުރިހާ ކަމެއް ހިމެނެއެވެ. އޭގެ ތެރޭގައި ޢަޤީދާއާއި އަޅުކަމާއި، މުޢާމަލާތްތައް ޝާމިލުވެގެންވެއެވެ.
  4. ޙަޤީޤަތުގައި ނަޞީޙަތަކީ މާތް ﷲ އަމުރު ކުރެއްވި އެންމެހައި ކަމެއް ކޮށް، އެކަލާނގެ ނަހީކުރެއްވި އެންމެހައި ކަމަކުން އެއްކިބާވުމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
  5. މާތް ﷲ އަށްޓަކައި ނަޞީޙަތްތެރިވުމޭ ބުނެވޭ ބަހުގެ މުރާދަކީ: އެކަލާނގެއަށް އީމާންވެ، ރުބޫބިއްޔަތުގައާއި އުލޫހިއްޔަތުގައާއި އެކަލާނގެ އިސްމުފުޅުތަކާއި ސިފަފުޅުތަކުގައި އެއްކަންވަންތަ ކުރުމެވެ. އަދި ދީނުގެ އެންމެހައި ކަމެއްގައި އެކަލާނގެއަށް އިޚްލާޞްތެރިވެ، އެހެން އެއްވެސް ފަރާތެއް އެކަލާނގެއާ ބައިވެރި ކުރުމެއްނެތި ޝިރުކުން ބަރީޢަވުމެވެ.
  6. މާތް ﷲ ގެ ފޮތަށް ނަޙީޞަތްތެރިވުމަކީ؛ އެ ފޮތަށް އީމާންވުމާއި، އެފޮތް ތިލާވަތު ކުރުމައި، އެފޮތުގެ އާޔަތްތައް ތަދައްބުރުކުރުމާއި، އެފޮތުގައިވާ ވަޢުޡުތަކުން ފިލާވަޅުތައް ޙާޞިލުކުރުމާއި، އެފޮތުގައި އަންގަވާފައިވާ އިންތައް ފަހަނައަޅައި ނުދިޔުމާއި، އަދި އެފޮތުގައި އަންގަވާފައިވާ ކަންތައްތައް ކޮށް ނަހީކުރައްވާފައިވާ ކަންތައްތަކުން އެއްކިބާވުމެވެ.
  7. އެކަލާނގެ ރަސޫލާ صلى الله عليه وسلم އަށްޓަކައި ނަޞީޙަތްތެރިވުމަކީ، އެކަލޭގެފާނަށް އީމާންވުމާއި، އެކަލޭގެފާނަށް ޤަދަރު އިޙްތިރާމު އަދާކުރުމާއި، އެކަލާގެފާނަށް ކިޔަމަންގަތުމާއި، އެކަލާގެފަނުގެ ސުންނަތް ދިރުވައި އާލާކުރުމާއި، ޙަދީޘް ޢިލްމު އުނގެނުމާއި ، އެ ޢިލްމު އުގަންނައި ދިނުމާއި، އެކަލޭގެފާނުދެކެ ރުޅިއަރާ ފަރާތެއް ދެކެ ރުޅިއައުމާއި، އެކަލޭގެފާނަށް ލޯބިކުރާ ފަރާތްތައް ދެކެ ލޯބިވުމާއި، އެކަލޭގެފާނުގެ އަޚުލާޤުން ސިފަ ލިބިގަތުމާއި، އެކަލޭގެފާނުގެ އަދަބުތަކާ އެއްގޮތަށް އުޅުމާއި، އެކަލޭގެފާނުގެ އާލު އަޞްޙާބުން ދެކެ ލޯބިވުމެވެ.
  8. ވެރިނަށް ނަޞީޙަތްތެރިވުމަކީ، މާތް ﷲ އަށް އުރެދުމަކަށް އަމަރު ނުކުރާހާހިނދަކު ކިޔަމަންތެރިކަން އަދާކުރުމާއި، ވަލިއްޔުލް އަމުރުގެ ކިޔަމަންތެރިކަމުން ބޭރުވެގެން ނުނިކުތުމާއި، ވެރިންގެ ޢައިބުތަކުގެ ވާހަކަ މީސްތަކުންގެ މެދުގައި ދެއްކުމުން އެއްކިބާވުމާއި، އެމީހުންގެ ކުއްތަކަށް ފަރާލައި ނުހެދުމެވެ.
  9. ޢާއްމުންނަށް ނަޞީޙަތްތެރި ވުމަކީ، އެ މީހުންނަށް ހެޔޮމަގަށް މަގު ދެއްކުމާއި، ފާފަތަކާއި ކުއްތަކުން އެއްކިބާވުމަށް ގޮވައިލުމާއި، ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުމެވެ.
  10. ތެދުވެރި ކަމާއެކު ދެވޭ ނަޞީޙަތަކީ މުޖްތަމަޢުގެ އެކުވެރިކަމާއި އުޚުއްވަތްތެރިކަން އާލާކޮށްދޭ ކަމެކެވެ.
  11. ނަޞީޙަތަކީ ވަކި މީހަކަށް ނުވަތަ ވަކި ގިންތި އެއްގެ ބަޔަކަށް ޚާއްޞަވެފައިވާ ކަމެއް ނޫންކަން މި ޙަދީޘުން އެނގެއެވެ.
  12. އެބަޔަކާއެކުގައި މުޢާމަލާތް ކުރަންޖެހޭ ހުރިހާ ފަރާތްތަކެއް މިޙަދީޘްފުޅުގައި ވަނީ ބަޔާން ކުރައްވާފައެވެ.
    • ތިމާގެ ވެރި ރައްބު ތަބާރަކަ ވަތަޢާލާއާއި ދެމެދުގައި އޮންނަ ގުޅުން،
    • ތިމާއާއި އެހެނިހެން މަޚުލޫޤުންނާ ދެމެދުގައި އޮންނަ ގުޅުން، އޭގެ ތެރޭގައި ހިމެނެނީ
  13. މުސްލިމަކަށް ތަރުބިއްޔަތު ލިބިގެންދާނީ ކޮންމެ ޙައްޤެއް އެ ޙައްޤެއްގެ ވެރިފަރާތައް އަދާކުރުމުގެ މަތީގައި ދެމިހުރެގެންނެވެ. އޭގެ ތެރޭގައި ﷲ ގެ ޙައްޤުތަކާއި، ރަސޫލާ صلى الله عليه وسلم ގެ ޙައްޤުތަކާއި ވަލިއްޔުލް އަމުރަށް އަދާކުރަންޖެހޭ ޙައްޤުތަކާއި އަދި ތިމާގެ މުސްލިމު އަޚުންނަށް އަދާކުރަންޖެހޭ ޙައްޤުތަކެއް ވާކަން ދެނެގަންނަން ޖެހެއެވެ.
  14. މި ޙަދީޘްފުޅުން، ކަންކަމަށް އަހައްމިޔަތު ދިނުމުގައި އިސްކަންދޭންޖެހޭ ތަރުތީބު ވަނީ ބަޔާން ކުރައްވާފައެވެ. އެތަރުތީބަކީ؛ ﷲ އާއި އެކަލާނގެ ފޮތާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم އާއި މުސްލިމުންގެ ވެރިންނާއި ޢާއްމު ރައްޔިތުންނެވެ.
  15. އެންމެ މަތިވެރިވެގެންވާ ނަޞީޙަތަކީ ހެޔޮ ކަންތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީ ކުރުމެވެ. މި ޙަދީޘްފުޅުގައި އަމުރު ވެވިގެންވާ ފަދައިން މުންކަރާތްތައް ނަހީ ނުކުރުމަކީ ތިމާގެ މުސްލިމު އަޚާއަށް ވެވޭ ޚިޔާނާތެކެވެ.