ނިދުމުގެ އަދަބުތައް

sleepy night

الحمد لله والصلاة والسلام على رسول الله ، وبعد :

 

ކީރިތި ޤުރްއާނާއި ކީރިތި ރަސޫލު ﷲ صلى عليه وسلم ގެ ސުންނަތުގައި ނިދުމާ ބެހޭގޮތުންނާއި، އެތައް ބަސްފުޅުތަކެއް ވާރިދުވެފައިވެއެވެ. އަދި ނިދުމުގެ އަދަބުތައް ވަރަށް ތަފްޞީލުކޮށް ވަނީ ބަޔާންކޮށްދެއްވާފައެވެ.

 

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “وَهُوَ الَّذِي جَعَلَ لَكُمُ اللَّيْلَ لِبَاساً وَالنَّوْمَ سُبَاتاً وَجَعَلَ النَّهَارَ نُشُوراً” (الفرقان 47) މާނައީ: “އެކަލާނގެއީ، ރޭގަނޑު ނިވަލެއްކަމުގައި، އަދި ނިދުމަކީ އަރާމެއްކަމުގައި ލައްވައި، އަދި ދުވާލަކީ، ދިރިއުޅުން ހޯދުމަށް އުޅޭވަގުތެއްކަމުގައި ލެއްވި ރަސްކަލާނގެއެވެ.”

 

ދުވާލުގެ ބުރަކަމާއި، އާމްދަނީ ހޯދުމާއި މަސައްކަތުގެ ވަރުބަލިކަން ފިލުވައިލުމުގެ ވަޞީލަތެއްގެ ގޮތުގައި ލައްވާފައިވާ ނިންޖަކީ މާތް ﷲ އެކަލާނގެ އަޅުތަކުންނަށްޓަކައި ލައްވާފައިވާ ބޮޑުވެގެންވާ ނިޢުމަތެކެވެ. ރޭނގަޑުގެ ހަމަހިމޭންކަމާއި ފިނިކަމުގެ ތެރޭގައި، މުޅި ހަށިގަނޑު އަރާމަށް ބޭނުންވާގޮތަށް އިންސާނާ ލައްވާފައިވަނީ ﷲ تعالى އެވެ.

 

ނިންޖާ ބެހޭގޮތުން އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. “وَمِنْ آيَاتِهِ مَنَامُكُم بِاللَّيْلِ وَالنَّهَارِ وَابْتِغَاؤُكُم مِّن فَضْلِهِ إِنَّ فِي ذَلِكَ لَآيَاتٍ لِّقَوْمٍ يَسْمَعُونَ” (الروم: 23) މާނައީ: “އަދި ރޭގަނޑާއި ދުވާލުގެ ވަގުތުގައި ތިޔަބައިމީހުން ނިދާ ނިދުމާއި، އެކަލާނގެ ފަޟުލަވަންތަކަމުގެ ތެރެއިން އެދި ތިޔަބައިމީހުން މަސައްކަތްކުރުންވަނީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންނެވެ. ހަމަކަށަވަރުން، އެކަމުގައި އަހާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.”

 

ނިންޖަކީ މަރުވުންފަދަ ކަމެއްކަމުގައި އިޝާރަތްކުރައްވާ މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “اللَّهُ يَتَوَفَّى الْأَنفُسَ حِينَ مَوْتِهَا وَالَّتِي لَمْ تَمُتْ فِي مَنَامِهَا فَيُمْسِكُ الَّتِي قَضَى عَلَيْهَا الْمَوْتَ وَيُرْسِلُ الْأُخْرَى إِلَى أَجَلٍ مُسَمًّى إِنَّ فِي ذَلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ” (الزمر 42) މާނައީ: “ނަފްސުތައް މަރުވާހިނދު، އެ ނަފްސުތަކުގެ ފުރާނަތަކާއި، މަރުނުވެ ނިދާވަގުތުގައި ނިދާމީހުންގެ ފުރާނަތައް ހިއްޕަވަނީ اللَّه އެވެ. ދެން މަރުވުމަށް ކަނޑައަޅުއްވައިފި މީހެއްގެ ފުރާނަ، އެކަލާނގެ ހިފަހައްޓަވަތެވެ. އަދި އެނޫން މީހުންގެ ފުރާނަ، ކަނޑައެޅިގެންވާ މުއްދަތަކަށް (ހަށިތަކަށް) ފޮނުއްވަތެވެ. ހަމަކަށަވަރުން، އެކަންތަކުގައި ފިކުރުކުރާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.”

 

ނިދުމުގެ އަދަބުތަކާއި ، ނިދާއިރު ކިޔާ ޒިކުރުތައް ކީރިތި ރަސޫލު ﷲ صلى عليه وسلم ވަނީ އަޅުގަނޑުމެންނަށް އުނގަންނަވައި ދެއްވާފައިވެއެވެ. އޭގެއިތުރުން އެކަލޭގެފާނު ނިދިއަވަހާރަފުޅުލައްޕަވާގޮތް ވަނީ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ އަރިހުން ޘާބިތުމަގުން ރިވާވެގެންއައިސްފައެވެ.

 

ޢާއިޝާ رضي الله عنها ގެ އަރިހުންރިވާވެގެންވެއެވެ. “كَانَ يَنَامُ أَوَّلَ اللَّيْلِ وَيُحْيِى آخِرَهُ” މާނައީ: “އެކަލޭގެފާނު ނިދިކުރައްވަނީ ރޭގަނޑުގެ ކުރީ ކޮޅުގައެވެ. އަދި ރޭގަނޑުގެ ފަހުބައި އަޅުކަމުގައި ހޭދަކުރައްވައެވެ.”

 

ނިދަން އޮށޯންނަ މީހަކު ކަންތައް ކުރަންވީގޮތް ކީރިތި ރަސޫލު ﷲ صلى عليه وسلم ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައެވެ.

 

الْبَرَاءُ بْنُ عَازِبٍ قَالَ قَالَ لِى رَسُولُ اللَّهِ صلى الله عليه وسلم « إِذَا أَتَيْتَ مَضْجَعَكَ فَتَوَضَّأْ وُضُوءَكَ لِلصَّلاَةِ ثُمَّ اضْطَجِعْ عَلَى شِقِّكَ الأَيْمَنِ وَقُلِ اللَّهُمَّ أَسْلَمْتُ وَجْهِى إِلَيْكَ وَفَوَّضْتُ أَمْرِى إِلَيْكَ وَأَلْجَأْتُ ظَهْرِى إِلَيْكَ رَهْبَةً وَرَغْبَةً إِلَيْكَ لاَ مَلْجَأَ وَلاَ مَنْجَى مِنْكَ إِلاَّ إِلَيْكَ آمَنْتُ بِكِتَابِكَ الَّذِى أَنْزَلْتَ وَبِنَبِيِّكَ الَّذِى أَرْسَلْتَ ». قَالَ « فَإِنْ مِتَّ مِتَّ عَلَى الْفِطْرَةِ وَاجْعَلْهُنَّ آخِرَ مَا تَقُولُ » رواه البخاري

 

އަލްބައްރާއު ބުނު ޢާޒިބު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލު ﷲ صلى عليه وسلم ޙަދީޘްކުރެއްވިއެވެ. “ތިބާ ނިދަން ތަންމައްޗަށް އެރުމުގެ ކުރިން ނަމާދުކުރަން ވުޟޫކުރާފަދައިން ވުޟޫ ކުރާށެވެ. ދެން އޮށޯންނައިރު ކަނާތްފަޅިއަށް އޮށޯންނަހުށިކަމެވެ. އެއަށްފަހު މިދުވާ ކިޔާށެވެ. اللَّهُمَّ أَسْلَمْتُ وَجْهِى إِلَيْكَ وَفَوَّضْتُ أَمْرِى إِلَيْكَ وَأَلْجَأْتُ ظَهْرِى إِلَيْكَ رَهْبَةً وَرَغْبَةً إِلَيْكَ لاَ مَلْجَأَ وَلاَ مَنْجَى مِنْكَ إِلاَّ إِلَيْكَ آمَنْتُ بِكِتَابِكَ الَّذِى أَنْزَلْتَ وَبِنَبِيِّكَ الَّذِى أَرْسَلْتَ ދެން ޙަދީޘްކުރެއްވިއެވެ. “އެއަށްފަހު ނިދިއްޖެނަމަ ނިދޭނީ ފިޠުރަރުގެ (އެބަހީ: އިސްލާމް ދީނުގެ) މަތީގައެވެ. އަދި އެ ދުޢާއަކީ ދުލުން ބޭރުކުރާ އެންމެ ފަހުބަސްތައް ކަމުގައި ހަދާށެވެ.”

 

އިތުރު އެކަލޭގެފާނު صلى الله عليه وسلم ނިދިކުރެއްވުމުގެ ކުރިން “އިޚްލާޞް ފަލަޤި ، ނާސި” މިތިން ސޫރަތް ކިޔަވައި ވިދާޅުވެ، އެކަލޭގެފާނުގެ އަތްގޮއްޓަށް ފުމެލައްވައި މުޅި ހަށިގަނޑުގައި އަތްޕުޅު ބީއްސަވައި ހިންގަވައިލައްވައެވެ. އަދި އެފަދައިން ތިންފަހަރު ހައްދަވައެވެ.

 

ހަމައެފަދައިން ނިދުމުގެ ކުރިން “އާޔަތުލް ކުރުސީ” (ބަޤަރާ ސޫރަތުގެ 255 އާޔަތް) ކިޔަވައިފި މީހަކަށް އެރޭގެ ނުބައި ހުރިހާ ކަމަކުން ރައްކާތެރިކަން ލިބިގެންވާކަމުގައި ޙަދީޘްކުރައްވާފައިވެއެވެ. ނިދިމުގެ ކުރިން އެއާޔަތް ކިޔަވައިފި މީހަކަށް މާތް ﷲ ގެޚާއްޞަ ރައްކާތެރިކަމާއި، އަދި ރައްކާތެރިކޮށްދެއްވާ މަލާއިކަތެއް ފަތިސްވަންދެން ހުންނާނޭކަމުގައިވެސް ޙަދީޘްތަކުގައި ރިވާވެގެންވެއެވެ.

 

ހަމައެފަދައިން ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތަކީވެސް ނިދުމުގެ ކުރިން ކިޔެވުން ސުންނަތްވެގެންވާ ދެއަޔާތެވެ. ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. “ރޭގަނޑު ބަޤަރާ ސޫރަތުގެ ފަހު ދެއާޔަތް ކިޔަވައިފި މީހަކަށް ރައްކާތެރިކަމެއްގެ ގޮތުގައި އެދެއާޔަތް ފުދިގެންވެއެވެ.”

 

މިދަންނަވާލެވުނީ ނިދުމުގެ ކުރީން ކިޔަންހުރި ޒިކުރުތަކުގެ ތެރެއިން ކޮންމެވެސް މިންވަރެކެވެ. ރޭނގަޑުގެ ދަންވަރުގެ ވަގުތުގައި ހޭލެވިއްޖެ މީހާ ޢަމަލު ކުރަންވީ ގޮތްވެސް ވަނީ ކީރިތި ރަސޫލު ﷲ صلى عليه وسلم އުގަންނަވައި ދެއްވާފައެވެ. ބިރުވެރި ހުވަފެނެއް ފެނިއްޖެނަމަ ޢަމަލުކުރަންވީ ގޮތް ބަޔާންކޮށްދެއްވަމުން އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ. « إِذَا رَأَى أَحَدُكُمُ الرُّؤْيَا يَكْرَهُهَا فَلْيَبْصُقْ عَنْ يَسَارِهِ ثَلاَثًا وَلْيَسْتَعِذْ بِاللَّهِ مِنَ الشَّيْطَانِ ثَلاَثًا وَلْيَتَحَوَّلْ عَنْ جَنْبِهِ الَّذِى كَانَ عَلَيْهِ » رواه مسلم މާނައީ: “ތިޔަބައިމީހުންކުރެ މީހަކަށް ނުރުހެވޭފަދަ ހުވަފެނެއް ފެނިއްޖެނަމަ، އޭނާގެ ވައަތްފަޅިއަށް ތިންފަހަރު ފުމެލުމަށްފަހު ތިންފަހަރު އަޢޫޒުކިޔައި (ޝައިޠާނާގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް ﷲ ގެ ޙަޟްރަތުން އެދުން) ، އޭނާ އޮތްފަޅި ނޫން އަނެއްފަޅިއަށް އެނބުރޭށެވެ.”

 

ނިންދަން އޮށޯންނަ މީހާގެ ފުއްކިބައިގައި ޝައިޠާނާގެ ސިހުރުވެރި ގޮށްޖަހާކަމުގައިވެސް ޞައްޙަ ޙަދީޘްފުޅުތަކުގައި ޘާބިތުވެފައިވެއެވެ. “ތިޔަބައިމީހުންކުރެ ހަމަކޮށްމެ މީހަކުމެ ނިދާން އޮށޯންނަހިނދު، ޝައިޠާނާ އައިސް، އޭނާގެ ބޮލުގެ ފުށްކިބައިގައި ތިން ގޮށްޖަހައެވެ. އެއިން ކޮންމެ ގޮށަކަށް، އެކަލޭގެ ކިޔެވެލިކިޔަވައެވެ. (ބުނެއެވެ.) ތިބާއަށް ދިގު ރޭގނަޑެއް ލިބިގެންވެއެވެ. އަރާމުކޮށް ނިދައިލާށޭވެ! ފަހެ، އޭނާ ހޭލައިގެން ތެދުވެ، ﷲ ހަނދުމަކޮށް، އެކަލާނގެ ޛިކުރުކޮށްފިނަމަ، އެއިން އެއްގޮށް މޮހިދެއެވެ. ފަހެ، އޭނާ ވުޟޫކޮށްފިނަމަ، އެއިން އަނެއް ގޮށް މޮހިނދެއެވެ. ފަހެ އޭނާ ވުޟޫކޮށްފިނަމަ، އަނެއްގޮށްވެސް މޮހިދެއެވެ. ފަހެ، އޭނާ ނަމާދުކޮށްފިނަމަ، އެކަލޭގެ ޖަހައިފައިވާ ހުރިހާ ގޮށެއް މޮހިދެއެވެ. އެހިނދު އޭނާ ފަތިސްކުރާހުށީ، މުރާލިކަމާއެކު ހިތްހަމަޖެހިގެންނެވާ ޙާލުގައެވެ. އެހެންނޫންނަމަ، އޭނާ ފަތިސްކުރާހުށީ، ކަންނެތްކަމާއި، ހިތް ނުތަނަވަސްކަމާއެކުގައެވެ.”

 

ވީމާ، ނިދަން އޮށޯތުމާއި، ނިދުމުގައްޔާއި ނިދިން ހޭލާއިރު ޢަމަލުތައް ބަހައްޓަންވީ ގޮތް ދީނުގައިވަނީ ވަރަށް ފުރިހަމައަށް ބަޔާންކޮށްދެއްވާފައެވެ. ނިދުމަކީ މަރުގެ އަޚެއްފަދަ އެއްޗެއް ކަމުގައިވީހިނދު ނިދުމުގެ ކުރިން ކިޔަންޖެހޭ ދުޢާތައް ކިޔުމަށް މުސްލިމުން ނުހަނު ސަމާލުކަން ދޭންޖެހޭނެއެވެ.

 

ޔަހޫދީންގެ މީހަކު ފުރައްސާރައިގެ ރާގުގައި މާތް ޞަޙާބީ ސަލްމާނުލް ފާރިސީ رضي الله عنه ގެ އަރިހުގައި އެހިއެވެ. “ކަލޭމެންގެ ނަބިއްޔާ ހުރިހާ ކަމެއް ދަސްކޮށްދެއްވާފައިވާއިރު ފާޚާނާކުރަން ދަސްކޮށްދެއްވިނޫން ދޯއެވެ!” ސަލްމާނު ވިދާޅުވިއެވެ. “އާއެކެވެ! ފާޚާނާ ކުރާއިރު ޤިބުލަޔަށް ކުރިމަތި ލުން ނަހީކުރައްވައި، ސާފުވާއިރު ކަނާތް ބޭނުންކުރުން ނަހީކުރައްވައި، އިސްތިންޖާކުރާއިރު ތިންހިލައަށްވުރެ މަދު ނުކުރެއްވުމަށްވެސް އަމުރުކުރެއްވެވިއެވެ.”

 

އެއްވެސް ޝައްކެއް ނެތެވެ. އިސްލާމް ދީނަކީ ދިރިއުޅުމެވެ. ދިރިއުޅުމަކީ އިސްލާމް ދީނެވެ. ކާފަރުން އިސްލާމްދީނާއިމެދު ޙަސަދަވެރިވަނީ ވެސް މިކަންކަމާ ހުރެ އެވެ. އާދެ! ދިރިއުޅުމުގެ ހުރިހާ ކަމެއްމެ އިސްލާމްދީނުގައި ހިމެނި، އިރުޝާދު ދީފައިވާކަމަށްޓަކައެވެ.

والحمد لله رب العالمين