އެންމެ މާތް ދިހަ ދުވަސް

ރެޔެކަށްފަހު ރެޔެއް، ދުވަހަކަށްފަހު ދުވަހެ ނިމެމުންދާހިނދު، އިންސާނާގެ އަޖަލުވެސް ދަނީ ހަމަވަމުންނެވެ. ރެޔާދުވާލު ތަކުރާރުވަމުންދާ ދިޔުމާއެކު، އިންސާނާ އޭނަގެ ހަޔާތުގެ ދަތުރުގައި، މަންޒިލަކަށްފަހު މަންޒިލެއް ކަޑަތު ކުރެއެވެ. މި ދަތުރުގެ މަރުހަލާތަކަކީ އިންސާނާގެ ހަޔާތުގެ ދުވަސްތަކެވެ. އެ މަރުހަލާތައް ނިމެމުންގޮސް އެންމެ ފަހު މަރުހަލާއާއި ހަމައަށް އޭނާ ގެންދެއެވެ. އެއީ މިހަޔާތާ ވަކިވުމުގެ މަރުހަލާއެވެ. ބާއްޖަވެރިޔަކީ މި ދަތުރުގެ ބޭނުން ހެޔޮގޮތުގައި ހިފި މީހާއެވެ. އަދި އަބާއްޖަވެރިޔަކީ އޭނާއާއި އޭނާގެ ވެރި ރައްބުގެ ޙައްޤުތައް ނަގާލި މީހާއެވެ. އޭނާ އާޚިރަތުގެ ދަތުރަށް ތައްޔާރެއް ނުވެއެވެ. އަދި އެދަތުރަށް ބޭނުންޖެހޭނޭ ބޯފެނާއި ކޮއްތެއްވެސް ނުހޯދައެވެ.

ހ

ރެޔާދުވާލު ތަކުރާރުވަމުން، އެކައްޗަށްފަހުގައި އަނެކައްޗެއް އަންނަމުންދާ ގޮތުގައި ލައްވާފައިވުމުގައި ޙިކުމްތަތަކެއްވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “وَهُوَ الَّذِي جَعَلَ اللَّيْلَ وَالنَّهَارَ خِلْفَةً لِّمَنْ أَرَادَ أَن يَذَّكَّرَ أَوْ أَرَادَ شُكُوراً” (الفرقان 62) މާނައީ: “އަދި އެކަލާނގެއީ، ރެޔާއި ދުވާލު އެކައްޗަކަށްފަހު، އަނެކައްޗެއް އަންނަގޮތުގައި ލެއްވި ރަސްކަލާނގެއެވެ. އެއީ ހަނދުމަކުރުމަށް އެދޭމީހަކަށް، ނުވަތަ ޝުކުރުވެރިވުމަށް އެދޭމީހަކަށްޓަކައެވެ.”

ހ

ދުވަސްތަކުގެ ތެރެއިން ބައެއް ދުވަސްތައް އެނޫން ދުވަސްތަކުގެ މައްޗަށް މާތް ކުރައްވައި މަތިވެރި ކުރައްވާފައިވުމީވެސް މާތް ﷲ އިންސާނުންނަށް ދެއްވި ބޮޑު ނިޢުމަތެކެވެ. މާތް ﷲ އެދި ވޮޑިގެންނެވި އެއްޗެއް ނުވަތަ ތަނެއް ނުވަތަ ފަރާތެއް މާތް ކުރައްވައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “وَرَبُّكَ يَخْلُقُ مَا يَشَاءُ وَيَخْتَارُ ” (القصص 68) މާނައީ: “ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލާނގެ އިރާދަކުރައްވާ އެއްޗެއް ހައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރެއްވި އެއްޗެއް ޚިޔާރު ކުރައްވައެވެ.”

ހ

އަހަރުގެ ތެރޭގައި ތަކުރާރުވަމުން، ދައުރަވުމުން ދާގޮތުގައި ހެޔޮކަމާއި އަޅުކަމުގެ ޚާއްޞަ މޫސުންތައް އައުމީ އިންސާނާ ހެޔު ޢަމަލުގެ މަތީގައި ދެމިހުރުމަށް ލިބޭ ފަހި ފުރުސަތެކެވެ. ރޯދަމަހުގެ ދުވާލު ރޯދަ ހިފައި، ރޭއަޅުކަންކޮށް، ކީރިތި ޤުރްއާން ކިޔެވުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރުމަށްފަހު، ހެޔޮ އަމަލުތައް މަދުވެ ނުވަތަ ހުއްޓުމަކަށް އައިސްފައިވާ އެތައް ބަޔަކަށް މިއީ އަނެއްކާވެސް އެކަންކަމަށް އެނބުރި ދިޔުމަށް އޮތް ރަނގަޅު ފުރުޞަޠެކެވެ.

ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ ދުނިޔެމަތީގައި އަންނާނޭ އެންމެ މާތް ދުވަސްތަކެވެ. މާތް ﷲ ވަނީ އެދުވަސްތައް ގަންދެއްވައި ހުވާ ވަޙީކުރައްވާފައެވެ. “وَالْفَجْرِ * وَلَيَالٍ عَشْرٍ” (الفجر 2) މާނައީ: “ފަތިސްވަގުތު ގަންދެއްވަމެވެ * އަދި ދިހަ ރޭ ގަންދެއްވަމެވެ.” އަލްއިމާމު އިބްނު ކަޘީރު ރަޙިމަހު ﷲ ވިދާޅުވެފައިވެއެވެ. “ދިހަ ރޭގެ މުރާދަކީ ޙައްޖު މަހުގެ ފުރަތަމަ ދިހައެކެވެ. މިފަދައިން ވިދާޅުވެފައިވާ ބޭކަލުންގެ ތެރޭގައި އިބްނު ޢައްބާސް ރަޟިޔާ އާއި މުޖާހިދު އާއި އައްއިމާމުލް ބުޚާރީ ހިމެނެއެވެ.” އަދި އެއީ އަންނަނިވި އާޔަތުގައިވާ ** ކަމުގައިވެސް އިބްނު ކަޘީރު ރަޙިމަހު ﷲ ވިދާޅުވެފައިވެއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. “وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَّعْلُومَاتٍ” (الحج 28) މާނައީ: “އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި، އެއުރެން ﷲ ގެ އިސްމުފުޅު ހަނދުމަކޮށް އުޅުމަށެވެ.”

މި ދުވަސްތަކުގެ މާތް ކަމާއި ބެހޭ ގޮތުން މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ފައިވެއެވެ.

ހ

عَنْ ابْنِ عَبَّاسٍ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «مَا مِنْ أَيَّامٍ العَمَلُ الصَّالِحُ فِيهِنَّ أَحَبُّ إِلَى اللَّهِ مِنْ هَذِهِ الأَيَّامِ العَشْرِ»، فَقَالُوا: يَا رَسُولَ اللَّهِ، وَلَا الجِهَادُ فِي سَبِيلِ اللَّهِ؟ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «وَلَا الجِهَادُ فِي سَبِيلِ اللَّهِ، إِلَّا رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ مِنْ ذَلِكَ بِشَيْءٍ» روا الترمذي

މާނައީ: “މި ދުވަސްތަކަށްވުރެ، އެބަހީ: ޛުލް ޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހަށްވުރެ، ހެޔޮ ޢަމަލު ކުރުމަށް ﷲ ގެ ޙަޟުރަތުގައި ލޮބުވެތިކަން ބޮޑު އެހެން ދުވަސްތަކެއް ނުވެއެވެ.” ޞަޙާބީއަކު ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ! ﷲ ގެ މަގުގައި ޖިހާދު ކުރުމަށްވުރެންވެސް ތޯއެވެ؟” ޙަދީޘް ކުރެއްވިއެވެ. “ﷲ ގެ މަގުގައި ޖިހާދު ކުރުމަށްވުރެ ވެސް ބޮޑަށެވެ. އެކަމަކު އޭނާގެ މުދަލާއި އަމިއްލަ ނަފްސާއިގެން (ﷲ ގެ މަގުގައި) ނިކުމެ، އެއިން އެއްޗަކާއިގެން އެނބުރި ނާދެވުނު މީހާ މެނުވީއެވެ.” އެބަހީ: އޭނާގެ އަމިއްލަ ނަފްސާއި މުދަލާއިގެން، ޖިހާދުކުރުމަށް ނުކުމެ، ﷲ ގެ މަގުގައި ޝަހީދުވެދިޔަ މީހަކު އެކުޅަ ހެޔޮ ޢަމަލުމެނުވީ، އެހެން ކޮންމެ ހެޔޮ ޢަމަލެއް އެ ދުވަސްތަކުގައި މާތް ކަންބޮޑުވެގެންވެއެވެ.

ހ

އެހެން ބަސްފުޅެއްގައި އިބްނު ޢުމަރު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘް ކުރެއްވިއެވެ. ” مَا مِنْ أَيَّامٍ أَعْظَمُ عِنْدَ اللهِ وَلَا أَحَبُّ إِلَيْهِ الْعَمَلُ فِيهِنَّ مِنْ هَذِهِ الْأَيَّامِ الْعَشْرِ، فَأَكْثِرُوا فِيهِنَّ مِنَ التَّهْلِيلِ وَالتَّكْبِيرِ وَالتَّحْمِيدِ ” رواه أحمد “ޙައްޖު މަހުގެ ދިހަ ދުވަހަށްވުރެ، މާތް ﷲ ގެ ޙަޟުރަތުގައި، ވަކީން ބޮޑަށް މަތިވެރިވެގެންވާ ދުވަސްތަކެއް، އަދި ހެޔޮ ޢަމަލު ކުޅައުމަށް އެއިލާހު ލޯބިވެވޮޑިގަންނަވާ ދުވަސްތަކެއް ނުވެއެވެ. ފަހެ އެދުވަސްތަކުގައި ތަހުލީލު ތަކުބީރު އަދި ތަޙްމީދު ކިޔުން ގިނަކުރާށެވެ!” ތަހުލީލަކީ لاَ إِلهَ إِلاَّ اللهُ އެވެ. ތަޙުމީދަކީ الحَمْدُ للهِ އެވެ. އަދި ތަކްބީރަކީ اللهُ أَكْبَرُ އެވެ.  

ހ

އަހަރުގެ އެހެން ދުވަސްތަކަށްވުރެ، ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް މާތްވެގެންވާ ސަބަބާމެދު ޢިލްމުވެރިން ވިދާޅުވެފައެވެ. މިދުވަސްތަކުގައި އަހަރުގެ އެހެން އެއްވެސް ދުވަސްތަކެއްގައި ނުކުރެވޭ އަޅުކަންތައް މިދުވަސްތަކަށްވަނީ ޖަމާވެފައެވެ. އެގޮތުން، ޙައްޖުގެ އަޅުކަމުގެ ތެރެއިން، ޢަރަފާތުގައި ހުރުމާއި، މިނާގައި ރޭކުރުމާއި، ޖަމަރާތަކަށް ހިލައުކުމާއި، ޙައްޖާޖީން ހަދުޔު ކަތިލުމާއި އެނޫން މީސްތަކުން އުޟްޙިޔާ ކަތިލުންފަދަ އަޅުކަންތަކަކީ މިދުވަސްތަކަށް ޚާއްޞަވެފައިވާ، އަހަރުގެ އެހެން ދުވަސްތަކެއްގައި އަދާނުކުރެވޭ އަޅުކަމެވެ.

މި ދުވަސްތަކުގައި ކުރުން މޮޅު އިތުރުވެގެންވާ ހެޔޮ ޢަމަލުތައް

ހ

އެކެއް: ޙައްޖުވުން

ޙައްޖުގެ އަޅުކަމަކީ ދަރުމަޔާއި ސަވާބު މަތިވެރިވެގެންވާ އަޅުކަމެކެވެ. ފުރިހަމަ ޙައްޖެގެ ސަވާބަކީ ސުވަރުގެ އެވެ. ޙައްޖު ކުރާހިނދު އެންމެހާ ފާޙިޝް ޢަމަލުތަކާއި ބަސްތަކުން، އެއްކިބާވެގެން ހުރެ ޙައްޖުގެ އަޅުކަން ފުރިހަމަކޮށްފި މީހާ އޭނާގެ މައިމީހާގެ ބަނޑުން ވިހޭ ދުވަސްފަދައިން ފާފަތައް ފުއްސެވިގެންވާކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ޙަދީޘް ކުރައްވާފައެވެ.

ހ

ދެއް: ރޯދަ ހިފުން

ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ ހެޔޮ ޢަމަލު ކުރުން އެންމެ މޮޅުއިތުރުވެގެންވާ ދުސްވަތައް ކަމުގައިވީހިނދު، މިދުވަސްތަކުގައި ސުންނަތް ރޯދަހިފުމަކީ، ކުރެވިދާނޭ ވަރަށް މަތިވެރި އަޅުކަމެކެވެ. މާތް ﷲ އަށް އިޚްލާޞްތެރިކަމާއެކު އެންމެ ރޯދައެއްހިފި މީހާގެ މޫނު، ހަތްދިހަ ހާސް އަހަރުގެ ރާސްތާއަށް ނަރަކައާ ދުރުކުރައްވާނޭ ކަމުގައި ޙަދީޘްތަކުގައި ވާރިދުވެފައިވެއެވެ.

ހ

މިދުސްވަތުގައި ރޯދަހިފުން ސުންނަތްވެގެންވޭތޯ އުފެދޭ ސުވާލާމެދު ބަލައިލާހިނދު، އެދުވަސްތަކުގައި ހެޔޮ ޢަމަލު ކުރުމަށް ދީނުގައި ބާރުއަޅުއްވާފައިވާ ކަމައްޓަކައި، އެ ހެޔޮ ޢަމަލުތަކުގެ ތެރެއިން ރޯދަ ހިފުންވެސް ހިމެނޭކަމުގައި ޢިލްމުވެރިން އިއްތިފާޤުވެލައްވައެވެ.

ހ

ޙައްޖު މަހުގެ ފުރަތަމަ ނުވަ ދުވަސް އެކުގައި ރޯދަ ހިފުމާމެދު ދެ ޙަދީޘްފުޅެއް ވާރިދުވެފައިވެއެވެ. އެ ބަސްފުޅުގައި ވެއެވެ. ނަބިއްޔާ صلى الله عليه وسلم ގެ އަބިނއަނބިކަނބަލުންގެ އަރިހުން ރިވާވެގެންވެއެވެ. “كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَصُومُ تِسْعَ ذِي الْحِجَّةِ وَيَوْمَ عَاشُورَاءَ وَثَلَاثَةَ أَيَّامٍ مِنْ كُلِّ شَهْرٍ ” ، قال الشيخ الألباني رحمه الله : ” إسناده صحيح ” في (صحيح سنن أبي داود ) މާނައީ: “ނަބިއްޔާ صلى الله عليه وسلم ޙައްޖު މަހުގެ ނުވަ ދުވަހާއި، ޢާޝޫރާ ދުވަހާއި، ކޮންމެ މަހަކުން ތިން ދުވަހު ރޯދަ ހިއްޕެވިއެވެ.”

ހ

އަނެއް ޙަދީޘްއަކީ ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެފައިވާ ބަސްފުޅެކެވެ. އެކަމަނާ ވިދާޅުވިއެވެ. “مَا رَأَيْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ صَائِمًا فِي الْعَشْرِ قَطُّ” رواه مسلم މާނައީ: “ރަސޫލު ﷲ صلى الله عليه وسلم ގެ ޙައްޖު މަހުގެ ދިހަ ދުވަހު ރޯދަ ހިއްޕަވަނިކޮށް ދުވަހަކުވެސް ތިމަންކަމަނާ ދެކެވަޑައި ނުގަންނަވަމުއެވެ.”

ޢާއިޝާ رضي الله عنها ގެ މި ބަސްފުޅަށް ޢިލްމުވެރިން ދެއްވާފައިވާ ޖަވާބުގެ ތެރޭގައި، އިމާމު އަޙުމަދު ބިން ޙަންބަލް ރަޙިމަހު ﷲ ވިދާޅުވެފައިވެއެވެ. “ދެ ބަސްފުޅެއް ފުށު އަރާނަމަ، އޭގެތެރެއިން ނަފީކުރާ ބަސްފުޅުގެ މައްޗަށް ސާބިތުކުރާ ބަސްފުޅު އިސްވެގެންވެއެވެ.” އެބަހީ: ރޯދަ ނުހިއްޕަވާ ކަމަށް އޮތް ބަސްފުޅުގެ މައްޗަށް އިސްވެގެންވަނީ ހިއްޕެވިކަމަށް އޮތް ބަސްފުޅެވެ.

ހ

ހަމައެފަދައިން، ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޢަމަލުފުޅުގެ މައްޗަށް އެކަލޭގެފާނުގެ ބަސްފުޅު އިސްވެގެންވެއެވެ. އެބަހީ: ކަމެއް ކުރުމަށް އަމުރު ކުރައްވާފައިވާ ބަސްފުޅެއް ވާރިދުވެފައިވާނަމަ، ޢަމަލުފުޅު ބަޔާންކުރާ ޙަދާޘްގެ މައްޗަށް އެބަސްފުޅު އިސްވެގެންވެއެވެ. މިސާލަކަށް، ޢާއިޝާ رضي الله عنها ބަޔާންކުރައްވާފައިވާ، ކީރިތި ރަސުލާ صلى الله عليه وسلم ކުރައްވާފައި ނުވާ ކަމެއް ބަޔާންކުރެއްވުމުގެ މި ޙަދީޘްއަށްވުރެ އިސްވެގެންވަނީ، ޙައްޖު މަހުގެ ދިހަ ދުވަހުގެ މާތް ކަމާއި މާތް ﷲ ގެ ޙަޟުރަތުގައި އެދުވަސްތަކުގައި ކުރެވޭ ހެޔޮ ޢަމަލުތަކުގެ ލޮބިވުތިކަން ބޮޑުކަން ބަޔާންކުރައްވާފައިވާ ބަސްފުޅެވެ.

ހަމައެފަދައިން ޢާއިޝާ رضي الله عنها އަށް ފެނިވަޑައިގެންފައި ނުވުމަކީ ކީރިތި ރަސޫލާ صلى الله عليه وسلم ، ކުރައްވާފައި ނުވުމުގެ ދަލީލެއް ނޫންކަމުގައިވެސް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.

ވީމާ، ޙައްޖު މަހުގެ މިމާތް ދިހަ ދުވަހުގެ ތެރެއިން، އަޟްޙާ ޢީދު ދުވަސްފިޔަވައި އެހެން ދުވަސްތަކުގައި ރޯދައަށް ހުރުމަކީ ނުހަނު އެދެވިގެންވާ ކަމެކެވެ.   

ހ

ތިނެއް: ޢަރަފާތް ދުވަހުގެ ރޯދަ

ޢަރަފާތް ދުވަހަކީ ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ ތެރެއިންވެސް ވަކީން ބޮޑަށް މާތްވެގެންވާ ދުވަހެކެވެ. އެދުވަހަކީ ޙައްޖުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ، ޢަރަފާތުގައި ހުރުމުގެ އަޅުކަން އަދާކުރެވޭ ދުވަހެވެ. އަދި އެދުވަހުގެ މެންދުރުފަހުގެ ވަގުތަކީ، ﷲ ސުބުޙާނަހޫ ވަތަޢާލާ ދުނިޔޭ އުޑަށް ފައިބާ ވޮޑިގެން، ޢަރަފާތު ބިމުގައިވާ އަޅުތަކުންނާމެދު ފަޚުރުވެވޮޑިގެންވާ ވަގުތެވެ. އެދުވަހާމެދު ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. “مَا مِنْ يَوْمٍ أكْثَرَ مِنْ أَن يَعْتِقَ اللهُ فِيهِ عَبْدًا مِنَ النَّارِ مِنْ يَوْمِ عَرَفَةَ”. رواه مسلم މާނައީ: “ޢަރަފާތު ދުވަހަށްވުރެ ގިންނައި މާތް ﷲ އެކަލާނގެ އަޅުތަކުން ނަރަކައިން މުއްތިކުރައްވާ އެހެން ދުވަހެއް ނުވެއެވެ.”

ހ

ޢަރަފާތް ދުވަހުގެ ރޯދައަށް ޚާއްޞަ ދަރުމަޔާއި ސަވާބެއް ވެއެވެ. ޢަރަފާތް ދުވަހު ރޯދަހިފުމާގުޅޭ ގޮތުން، ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ސުވާލު ދެންނެވުނެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “އެދުވަހު ރޯދަހިފުމަކީ، ފާތިވެދިޔަ އަހަރާއި، އަންނަން އޮތް އަހަރުގެ ކުދި ފާފަތައް ފުއްސެވޭނޭ ކަމެކެވެ.”

ހ

ޢަރަފާތް ދުވަހުގެ ދުޢާއަކީ އެންމެ ހެޔޮވެގެންވާ ދުޢާއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. “خَيْرُ الدُّعَاءِ دُعَاءُ يَوْمِ عَرَفَةَ، وَخَيْرُ مَا قُلْتُ أَنَا وَالنَّبِيُّونَ مِنْ قَبْلِي: لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الملْكُ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ “رواه الترمذي މާނައީ: “އެންމެ ހެޔޮވެގެންވާ ދުޢާއަކީ ޢަރަފާތް ދުވަހު ކުރެވޭ ދުޢާއެވެ. އަދި އެދުވަހު ތިމަންކަލޭގެފާނާއި، ތިމަންކަލޭގެފާނުގެ ކުރިން ފޮނުއްވުނު ނަބީބޭކަލުން ވިދާޅުވެފައިވާ އެންމެ ހެޔޮ ބަސްތަކަކީ، لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الملْكُ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ އެވެ.”

ހ

ޢަރަފާތް ދުވަހުގެ ހެޔޮ ކަމަކަމަކީ ހަމައެކަނި ޙައްޖުވެރީންނަށް ޚާއްޞަކަމެއް ނޫނެވެ. އެދުވަހުގެ މެންދުރު ފަހުގެ ވަގުތުގައި ދުޢާކުރުމާއި ޒިކުރު ކުރުމުގައި ވަގުތު ހޭދަކުރުމަކީ ޙައްޖާޖީން ނޫން މީހުންގެ ކިބައިންވެސް އެދިވެގެންވާ ކަމެކެވެ.  

ހ

ހަތަރެއް: އުޟުޙިޔާ ކަތިލުން

އުޟުޙިޔާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ތިމާގެ ކެރިފޯރުންތެރިކަން ހުރެމެ އުޟުޙިޔާ ކަތިނުލުމަކީ މަކުރޫހަވެގެންވާ ކަމެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “އުޟުޙިޔާ ކަތިލުމުގެ ކުޅަދާނަކަން ލިބިގެންވާ މީހާ، އުޟުޙިޔާ ކަތިނުލާނަމަ، ޢީދު ނަމާދުގެ ޖަމާޢަތަށް ނާންނަހުށިކަމެވެ.” (ރިވާކުރެއްވީ އިމާމު އަޙްމަދެވެ.)

އުޟުޙިޔާ ކަތިލަން ނިޔަތްގެންފައިވާ މީހާ، ޙައްޖު މަހުގެ ހަނދުބެލީއްސުރެ އުޟުޙިޔާ ކަތިލުމަށް ދާންދެން، އޭނާގެ ނިޔަފަތި ކެނޑުމާއި ގައިން އިސްތަށި ކޮށުން ނުވަތަ ބޭލުމުން ދުރުހެލިވުމަކީވެސް ސުންނަތެކެވެ.

އުޟުޙިޔާގެ ގޮތުގައި ކަތިލެވޭނީ ގެރިބަކަރި ޖަމަހުގެ ތެރެއިން އެއްޗެކެވެ. ގެރިޔެއްގައި ނުވަތަ ޖަމަލެއްގައި ހަތް މީހުންނަށް ނުވަތަ ހަތް އާއިލާއަށް ބައިވެރިވުން ހުއްދަވެގެންވެއެވެ. އަދި ބަކަރިއަކުން، އެއް ގޭބިސީއަކަށް ފުދޭނެއެވެ. އެބަހީ؛ އެކުގައި ކައްކައި ކައިބޮއި، ޚަރަދުބަރުދުކޮށް އުޅޭ ޢާއިލާއެއްގައި، އެއްބަކަރި ކަތިލުމުން، އެ އުޟުޙިޔާގެ އަޅުކަމުގައި އެ އެންމެންނަށް ބައިވެރިވެވުނީއެވެ.

ހ

އުޟުޙިޔާ ކަތިލުމުގައި ސުންނަތް ވެގެންވަނީ ތިމާ އަމިއްލައަށް ކަތިލުމެވެ. ނުވަތަ ކަތިލާތަނަށް ޙާޟިރުވެ އެކަމުގައި ބައިވެރިވުމެވެ. އަދި ކަތިލެވޭ އެތީގެ ބައެއް ކެއުމަށް ބޭނުންކުރުމެވެ. ނަމަވެސް، އުޟުޙިޔާ ކަތިލުމަށް މީހަކާ ހަވާލު ކުރުންވެސް ހުއްދަވެގެންވެއެވެ. އަދި އެހެން ރަށެއްގައި އެކަން ކުރުމަށް މީހަކާ ހަވާލު ކުރުމަކީވެސް ހުއްދަ ކަމެކެވެ.

ހ

ފަހެއް: ތަކުބީރު ކިޔުމާއި ގިނަ ގިނައިން ޒިކުރު ކުރުން

ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހު ތަކުބީރު، ތަޙުމީދު، ތަހުލީލު ކިޔުން ގިނަ ކުރުމަކީ ސުންނަތްވެގެންވާ ކަމެކެވެ. އަދި އެނޫން އެހެން ޒިކުރުތައްވެސް ގިނަގިނައިން ކިޔުން އެދެވިގެންވެއެވެ. މިދުވަސްތަކާ ބެހޭގޮތުން މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “لِيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَّعْلُومَاتٍ عَلَى مَا رَزَقَهُم مِّن بَهِيمَةِ الْأَنْعَامِ فَكُلُوا مِنْهَا وَأَطْعِمُوا الْبَائِسَ الْفَقِيرَ” (الحج 28) މާނައީ: “އެއީ އެއުރެންނަށްހުރި މަންފާތައް ލިބިގަތުމަށްޓަކައެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި، އެއުރެން މާތް ﷲ ގެ އިސްމުފުޅު ހަނދުމަކޮށް އުޅުމަށެވެ. އަދި ނަޢަމް ސޫފީގެ ނިޢްމަތް އެއުރެންނަށް ދެއްވިކަމަށްޓަކައެވެ. ފަހެ، ތިޔަބައިމީހުން އެއިން ކައިއުޅޭށެވެ! އަދި ދަތި ޙާޅުގައިވާ ފަޤީރުންނަށް އެއިން ކާންދޭށެވެ!”

ހ

މި ދުވަސްތަކުގައި ދެ ގޮތަކަށް ތަކުބީރު ކިޔުން ވެއެވެ. އެއީ التكبير المطلق އާއި التكبير المقيد އެވެ.

التكبير المطلق އެއީ ވަކި ވަގުތަކަށް ޚާއްޞަވެފައި ނުވާ، މިމާތް ދުވަސްތަކުގެ ހުރިހާ ވަގުތެއްގައިވެސް ކިޔޭ ތަކުބީރެވެ. މި ތަކުބީރުގެ ވަގުތަކީ ޙައްޖު މަސްފެށުނީންސުރެ އައްޔާމުއް ތަޝްރީޤުގެ ތިން ދުވަސް ނިމެންދެންނެވެ.

التكبير المقيد އެއީ ފަރުޟު ނަމާދުތަކުގެ ފަހުގައި ކިޔޭ ތަކުބީރެވެ. މި ތިކުބީރު ފެށެނީ ޢަރަފާތް ދުވަހުގެ ފަތިސްނަމާދުންނެވެ. އަދި ނިމެނީ އައްޔާމުއްތަޝްރީޤުގެ ތިންވަނަ ދުވަހުގެ ޢަޞްރު ނަމާދަށެވެ. އައްޔާމުއްތަޝްރީޤުގެ ތިން ދުވަހަކީ ޙައްޖު މަހުގެ 11، 12 އަދި 13 ވަނަ ދުވަހެވެ.

ހ

މި ދުވަސްތަކުގައި ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތަކަށް ރައްކާތެރިވުމަށާއި، ކީރިތި ޤުރްއާން ކިޔެވުމާއި އަދި އެނޫންވެސް ހެޔޮ ޢަމަލު ގިނަ ކުރުމަށް އެދެވިގެންވެއެވެ. އަބާއްޖަވެރިއަކީ މިފަދަ ހެޔޮކަމުގެ ދުވަސްތައް ޣާފިލުކަންމަތީ ނަގައިލާ މީހާއެވެ. ވީމާ، ޣާފިލުކަމުން އެއްކިބާވެ، ބާޖައްވެރީންގެ ތެރެއިން ލައްވައިތޯ ގަދައަޅާ މަސއްކަތް ކުރައްވާށެވެ.

(މި ލިޔުމަކީ އަވަސް އޮންލައިން ނޫހުގައި 24 ޖުލައި 2020 ގައި ޝާއިޢު ކޮށްފައިވާ ލިޔުމުގެ އަޞްލެވެ.)