އެއްކައުވަންތަ ކަމުގެ ޢަޤީދާ

M_Id_429435_Allah

ޢަޤީދާއަކީ ޤަބޫލުކުރާ ކަންތައްތަކަށް ކިޔާ ނަމަކެވެ. މީހަކު ޤަބޫލުކުރާ ޤަބޫލުކުރުން ޢަޤީދާއަކަށް ވަނީ އެއްވެސް ޝައްކެތްނެތި އަމިއްލަ އިޚްތިޔާރުގައި ހިތުގެ ހަމަޖެހުމާއި އެކު އެކަމެއް ޤަބޫލުކުރުމުންނެވެ. އަދި އެޤަބޫލުކުރިކަންތައް އޭނާގެ ޙަޔާތުގައި ޢަމަލީގޮތުން ތަންފީޒުކޮށް އެކަންތައް ދިފާޢުކުރުމަށް ޤުރުބާންވާތީއެވެ. އިސްލާމީ ޢަޤީދާއަކީ މާތް ﷲ ވޮޑިގެންވާކަމަށް އީމާންވުމާއި، އެކާލާނގެ ފިޔަވާ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް އީމާންވުމާއި، މީސްތަކުންގެ ކަންތައްތަކާއި ކާއިނާތުގެ އެންމެހާ ކަންކަމެއް ރާއްވަވާ ހިންގެވުމުގައި އެކަލާނގެއަށް އެއްވެސް ބައިވެރިއަކު ނުވާކަމަށް އީމާންވުމާއި، އެކަލޭނގެ އިސްމުފުޅުތަކާއި ޞިފަފުޅުތަކަށް އިމާންވުމެވެ. ހަމައެއާއެކު ކީރިތި ވަންތަ ﷲ ގެ މަލާއިކަންތުންނަށް އީމާންވެ އެކަލާނގެ ފޮނުއްވި ރަސޫލު ބޭކަލުންނަށާއި ބާވައިލެއްވި ފޮތްތަކަށާއި ޤިޔާމަތް ދުވަހަށާއި މިންވަރަށް އީމާންވުމެވެ.

މުސްލިމެއްގެ ޙަޔާތުގައި އޭނާގެ ޢަޤީދާއަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭންޖެހެއެވެ. މުސްލިމަކު އެންމެ ފުރަތަމަ ދަންނަޖެހޭ ކަންތައްތަކުގެ ތެރޭގައި ހުރިހާ ރަސޫލު ބޭކަލުންގެ ދަޢުވަތަކީ މާތް ﷲ ފިޔަވާ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމާއި އެކަލާނގެ އެއްކައުވަންތަކަމަށް ގޮވައިލެއްވެވުމެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގާ ވެއެވެ. “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މެނުވީ އިލާހަކު ނުވާކަމަށް އެބޭކަލަކަށް ވަޙީ ނުކުރައްވާ އެއްވެސް ރަސޫލަކު، ކަލޭގެފާނުގެ ކުރިންވެސް ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަންރަސްކަލާނގެއަށް އަޅުކަން ކުރާށެވެ!”

އަދި މާތް ﷲ ގެ އެއްކަންވަންތަކަން ޤަބޫލުކޮށް އިންސީންނާއި ޖިންނީ ޚަލްޤު ކުރައްވާފައިވަނީ ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުންކަމުގައި އީމާންވާންޖެހެވެ. މީސްތަކުންގެ ޢަމަލުތަށް މާތް ﷲ ގެ ޙަޟުރަތުގައި ޤަބޫލު ކުރެއްވުން ގުޅިފައިވަނީ ފުރިހަމައަށް އެކަލާނގެ އެއްކައުވަންތަކަމަށް އީމާންވުމުގެ މައްޗަށެވެ. އާޚިރަތުގެ ނަޖާތާއި ކާމިޔާބު ލިބުން ވަނީ ޞައްޙަ ޢަޤީދާއެއްގެ މަތީގައި ހުރެ ދުނިޔެ ދޫކާރާ މީހަކަށް އެކަންޏެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. “މާތް ﷲ ގެ ވަޖުހުފުޅު އަދައިގެން ހުރެ، لا إله إلا الله ކިޔައިފި މީހަކުވަނީ ނަރަކާއިގެ މައްޗަށް އެކަލާނގެ ޙަރާމް ކުރައްވާފައެވެ.”

ދެދުނިޔޭގެ ބާއްޖަވެރިކަން ގުޅިފައިވަނީ މާތް ﷲ މަޢްރިފާކޮށް ދެނެގަތުމާއެވެ. ތިމާގެ ވެރިރަސްކަލާނގެ ދެނެގަތުމާކީ އެހެން ހުރިހާ ކަމަކަށްވުރެ އިންސަނާއަށް މުހިންމުކަން ބޮޑު ކަމެކެވެ. ނަފްސުގެ ރާޙަތާއި ހިތުގެ ހަމަޖެހުން ގުޅިފައިވަނީ މާތް ﷲ ގެ ރުބޫބިއްޔަތާއި އުލޫހިއްޔަތާއި އިސްމުފުޅުތަކާއި ޞިފަފުޅުތަކަށް ފުރިހަމައަށް އީމާންވުމާއެވެ. މި މަތިވެރި ޢަޤީދާއިން އިންސާނާގެ ހިތުގައި އުފެދޭ ހުރިހާ ސުވާލުތަކެއްގެ ޖަވާބު އޭނާއަށް ލިއްބައިދެއެވެ. އޭނާ ދުނިޔެއަށް އަމުގެ ޙަޤީޤީ ބޭނުމާއި، މިދުނިޔެ ދޫކޮށް ދާން އޮތް މަންޒިލަކީ ކޮބައިކަން އަންގައިދެއެވެ. އަދި ދުނިޔޭގައި އޭނާގެ ޢަމަލުތައް ބަހަށްޓަންވީ ގޮތަކީ ކޮބައިކަން ސާފުކޮށް ބުނެދީފައިވަނީ ހަމައެކަނި އިސްލާމް ދީނުގައެވެ.

ޞައްޙަ ޢަޤީދާއަކީ ދީނުގެ ހުރިހާ އަސާސްތައް އޭގެ މައްޗަށް ބިނާވެފައިވާ ބިންގަލެވެ. ހެޔޮ ޢަމަލުތައް ޤަބޫލުވެވިގެންވަނީ ޝިރުކުން އެއްކިބާވެގެން ހުރެ ކުރުމުން އެކަންޏެވެ. މާތް ﷲ ވަނީ ޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގާ ވެއެވެ. “ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެއާ ބައްދަލުވުމަށް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ޞާލިޙު ޢަމަލުން ޢަމަލުކުރާ ހުށިކަމެވެ! އަދި އެމީހާގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމުގައި، އެއްވެސްމީހަކު ބައިވެރި ނުކުރާހުށިކަމެވެ!”