ފައިވާނުގައި ނަމާދު ކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟

ނަމާދުކޮށް ނިމިގެން އަޅުގަނޑު މިސްކިތުން ނުކުތް މަގުމަތީގައި ސުންނަތަށް ލޯބިކުރާ ޒުވާނަކު ސުވާލު ކުރިއެވެ. “ރަސޫލުއް ﷲ صلى الله عليه وسلم ފައިވާންފުޅުގައި ނަމާދު ކުރުމަށް އަމުރު ކުރައްވާފައިވޭ ނޫން ހެއްޔެވެ؟ އެކަމާމެދު ބުނަނީ ކީކޭތަ ؟”

އަޅުގަނޑު އޭނާއަށް ޖަވާބު ދިނުމުގެ ގޮތުން ހޯދައި ބަލައިލި ބަލައިލުމުން ލިބުނު މަޢުލޫމާތަކީ އެހެން މީހުންނާވެސް ޙިޞާކޮށްލުން މުހިންމު މަޢުލޫމާތު ތަކެއްކަމުގައި ފެނުނެވެ. ވީމާ މިލިޔުމުގައި ހިމަނައިލާފައިމިވަނީ މަޝްހޫރު ވެބްސައިޓެއް ކަމުގައިވާ (އިސްލާމް ކިޔޫ އޭ ގެ ފަތުވާ ނަންބަރު: 69793) ގައި ހިމަނާފައިވާ ފަތުވާއެކެވެ. ނަމަވެސް މިލިޔުމުގައިވާ ޙަދީޘްތަކަކީ ޙަދީޘް ފޮތްތަކުން ބަލައި ދިރާސާކުރުމަށްފަހުގައި ލިޔެފައިވާ ޙަދީޘްތަކެކެވެ.

ފައިވާނުގައި ނަމާދު ކުރުމަކީ ހުއްދަވެގެންވާ (مباح) ކަންތައްތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. އަދި ކިއެއްތޯއެވެ! ޔަހޫދީންނާއި ޚިލާފުވުމަށްޓަކައި ފައިވާނުގައި ނަމާދު ކުރުމަށް މާތް ނަބިއްޔާ صلى الله عليه وسلم ވަނީ އަމުރުވެސް ކުރައްވައިފައި އެވެ. ނަބިއްޔާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ ޞަޙާބީން رضي الله عنهم ވަނީ ފައިވާން ފުޅުގައި ނަމާދު ކުރައްވައިފައެވެ. އަދި ފައިވާނުގައި ނަމާދު ކުރަނީނަމަ އޭގައި ނަޖިހެއް ހުރިތޯ ރަނގަޅަށް ބެލުމަށްވެސް މާތް ނަބިއްޔާ صلى الله عليه وسلم ވަނީ އަމުރު ކުރައްވައިފަ އެވެ. އަދި އެކަލޭގެފާނުގެ ފައިވާންފުޅުގައި ނަޖިހެއް ހުރިކަމުގެ ޚަބަރު ޖިބްރީލު عليه السلام ދެއްވުމުން، ނަމާދުގައި ހުންނަވައިގެން ފައިވާންފުޅު ބޭލެއްވެވިއެވެ. ދެން ޞަޙާބީންވެސް އެކަލޭގެފާނުގެ ފަހަތްޕުޅުން އެބޭކަލުންގެ ފައިވާންތައްވެސް ބޭލެއްވިއެވެ. މިހުރިހާ ވާހަކަތަކެއްވެސްވަނީ ޞައްޙަ ޙަދީޘްތަކުގައި ސާބިތުވެފައެވެ. އެޙަދީޘްތަކާއި ސަޢޫދީ ޢަރަބިޔާގެ ފިޤުހުވެރިންގެ ކޮމެޓީގެ ފަތުވާވެސް ތިރީގައި ބަޔާންކުރަމެވެ.

އެއްވެސް ޝައްކެއް ނެތްގޮތުގައި، އެޒަމާނުގެ މިސްކިތްތަކުގައި ދޫލަ އަޅައިފައެއް ނުހުރެއެވެ. އޭރު މިސްކިތްތަކުގައި ހުންނަނީ ވެއްޔާއި ކުދި ހިލައެވެ. އެހެންކަމުން މިސްކިތަށް ފައިވާނާއެކުގައި ވަނުމަކީ އެވެސް މައްސަލައެއް ނޫނެވެ. ނަމަވެސް މިޒަމާނުގެ މިސްކިތްތަކުގައި ދޫލަ އަޅައިފައި ހުރުމުގެ ސަބަބުން ފައިވާނާއެކުގައި މިސްކިތްތަކަށް ވަނުމަކީ، މިސްކިތް ހަނޑިވެ ނުސާފުވެ، ކާޕެޓްމަތީގައި ވެލިބޯވުމަށް މަގުފަހިވާނޭ ކަމެކެވެ. ހަމައެފަދައިން ފަރުވާކުޑަކޮށްލައިފައި މިސްކިތަށް ފައިވާނާއެކުގައި ވަންނަ ބައެއް މީހުންގެ ފައިވާނުގައި ނަޖިހާއި ކުނި ތަތްލަވައިފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

މިއަދުގެ މިސްކިތްތަކަށް ފައިވާނާއެކުގައި ވަނުމަށް ހުއްދަދޭކަމުގައި ވަނީނަމަ، ކޮންމެ ދުވަހެއް ކީއްކުރަންތޯ ކޮންމެ ނަމާދަކަށްފަހުގައި މިސްކިތް ސާފުކޮށް ކުނިކަހާނޭ އެތަކެއް މީހުންނެއް ބޭނުންވާނޭކަން ކަށަވަރެވެ. އަދި މިސްކިތަށް ފައިވާނުގައި ވަދެ ނަމާދު ކުރަން އެދޭ މީހާވެސް، ހިރަފުހާއި ވެއްޔާއި އަދިކިއެއްތަ ކުނިބުނީގެ ފުންޏެއްގެ ތެރޭގައި ނަމާދު ކުރުމަކަށް ނޭދޭނެކަން ކަށަވަރެވެ.

ފައިވާނުގައި ނަމާދު ކުރުމާ ބެހޭގޮތުން ސަޢޫދީ ޢަރަބިއްޔާގެ ފިޤުހުވެރިންގެ ކޮމެޓީއާއި ސުވާލު ކުރެވިފައިވެއެވެ. އެކޮމެޓީން ދެއްވާފައި ޖަވާބު ތިރީގައި ނަކަލު ކޮށްލާނަމެވެ.

“ފައިވާނުގައި މިސްކިތަށްވަދެ ފައިވާނަށް އަރައިގެން ހުރެ ނަމާދު ކުރުމަކީ ނައްބިއްޔާ صلى الله عليه وسلم ހިދާޔަތުގެ ތެރެއިން ހިމެނޭކަމެކެވެ. އަބޫ ދާވޫދު ޞައްޙަ ސަނަދުން އަބޫ ސަޢީދުލް ޚުދްރީ رضي الله عنه ގެއަރިހުން ރިވާކުރައްވާފައިވެއެވެ. قَالَ بَيْنَمَا رَسُولُ اللَّهِ -صلى الله عليه وسلم- يُصَلِّى بِأَصْحَابِهِ إِذْ خَلَعَ نَعْلَيْهِ فَوَضَعَهُمَا عَنْ يَسَارِهِ فَلَمَّا رَأَى ذَلِكَ الْقَوْمُ أَلْقَوْا نِعَالَهُمْ فَلَمَّا قَضَى رَسُولُ اللَّهِ -صلى الله عليه وسلم- صَلاَتَهُ قَالَ « مَا حَمَلَكُمْ عَلَى إِلْقَائِكُمْ نِعَالَكُمْ ». قَالُوا رَأَيْنَاكَ أَلْقَيْتَ نَعْلَيْكَ فَأَلْقَيْنَا نِعَالَنَا. فَقَالَ رَسُولُ اللَّهِ -صلى الله عليه وسلم- « إِنَّ جِبْرِيلَ -صلى الله عليه وسلم- أَتَانِى فَأَخْبَرَنِى أَنَّ فِيهِمَا قَذَرًا ». وَقَالَ « إِذَا جَاءَ أَحَدُكُمْ إِلَى الْمَسْجِدِ فَلْيَنْظُرْ فَإِنْ رَأَى فِى نَعْلَيْهِ قَذَرًا أَوْ أَذًى فَلْيَمْسَحْهُ وَلْيُصَلِّ فِيهِمَا » މާނައި: އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުއް ﷲ صلى الله عليه وسلم އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނާއެކު ނަމާދުކުރައްވަން ހުންނަވައިފައި، އެކަލޭގެފާނުގެ ފައިވާންފުޅު ބާލައްވައި ވައަތް ފަރާތުގައި ބެހެއްޓެވިއެވެ. އެތަން ޞަޙާބީންނަށް ފެނިލެއްވުމުން އެބޭކަލުންވެސް ފައިވާންތައް ބޭލެއްވެވިއެވެ. ދެން ރަސޫލުއް ﷲ ގެފާނު ނަމާދުން ނިމިވަޑައިގެން ޙަދީޘްފުޅު ކުރެއްވިއެވެ. “ތިޔަބޭކަލުންގެ ފައިވާންތައް ބޭލެއްވެވީ ކީއްވެގެންތޯއެވެ؟” އެބޭކަލުން ދެންނެވިއެވެ. ތިމަންމެނަށް ކަލޭގެފާނު ފައިވާންފުޅު ބޭލެއްވެވިތަން ފެނުމުން ތިމަންމެންވެސް ފައިވާ ބޭލީއެވެ. އެހިނދު ރަސޫލުއް ﷲ ގެފާނު ޙަދީޘްކުރެއްވިއެވެ. “ތިމަންކަލޭގެފާނުގެ ފައިވާންފުޅުގައި ނަޖިހެއްވާކަމުގެ ޚަބަރު ޖިބްރީލު ގެފާނު ވަޑައިގެން ތިމަންކަލޭގެފާނުގެ އަރިހުގައި ދެންނެވިއެވެ.” އަދި ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުންގެ ތެރެއިން މީހަކު މިސްކިތަށް އަރަނީނަމަ، އޭނާގެ ފައިވާންނުގައި ނަޖިހެއް ނުވަތަ ކުންޏެއް ހަރުލާފައި ހުރިތޯ ބަލައި ފައިވާން (ބިމުގައި) ފޮހެލާށެވެ. އަދި އެއަށް އަރައިގެން ނަމާދު ކުރާށެވެ.”

އަބޫ ދާވޫދު رحمه الله ރިވާކުރައްވާފައިވެއެވެ. ސައްދާދު ބިން އައުސް رضي الله عنه އެކަލޭގެފާނުގެ ބައްޕާފުޅު ވިދާޅުވިކަމަށް ރިވާކުރެއްވިއެވެ. قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « خَالِفُوا الْيَهُودَ فَإِنَّهُمْ لاَ يُصَلُّونَ فِى نِعَالِهِمْ وَلاَ خِفَافِهِمْ » މާނައީ: ރަސޫލުއް ﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ޔަހޫދީންނާއި ޚިލާފުވާށެވެ. ހަމަކަށަވަރުން އެމީހުންނަކީ ފައިވާނަށް އަރައިގެން ނުވަތަ ޚުއްފުގައި ނަމާދުކުރާ ބައެއް ނޫނެވެ.” (ޚުއްފަކީ ހަމުން ހަދާފައި ހުންނަ އިސްޓާކީނު ކަހަލަ އެއްޗެކެވެ.)

އަދި ޢަމްރު ބިން ޝުޢައިބު رضي الله عنه އެކަލޭގެފާނުގެ ބައްޕާފުޅު ވިދާޅުވިކަމުގައި ރިވާކުރައްވާފައިވެއެވެ. رَأَيْتُ رَسُولَ اللَّهِ -صلى الله عليه وسلم- يُصَلِّى حَافِيًا وَمُنْتَعِلاً މާނައި: “ރަސޫލުއް ﷲ ގެފާނު ފައިވާންފުޅު ތުރުކުރައްވައިގެންނާއި ހުސްފައިގައިވެސް ނަމާދު ކުރައްވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ.” މިއީ އަބޫ ދާވޫދާއި އައްނަސާއީ އާއި އިބްނު މާޖާވެސް رحمهم الله ރިވާކުރައްވާފައިވާ ޞައްޙަ ޙަދީޘްފުޅެކެވެ.

މިސްކިތްތަކުގައި ދޫލަ އެޅުމަށްފަހުގައި ވަކިން ޚާއްޞަކޮށް އަގުބޮޑު ކާޕެޓް އަޅައިފައި ހުންނައިރު، މިސްކިތުގެ ސާފުޠާހިރުކަމަށް ސަމާލުވެ ފައިވާން ބާލައިގެން މިސްކިތަށް އެރުމަށް ސަމާލުކަން ދޭންޖެހޭނެއެވެ. އަދި ނަމާދު ކުރާ އެހެން މީހުންނަށްވެސް އެކަމުން ކުރިމަތިވެދާނެ ހިތްހަމަ ނުޖެހުމެއް ނުވަތަ އުނދަގުލަކުން ސަލާމަތްވެ އެއްކިބާވެގެން ތިބުން މުހިންމެވެ. – މިއީ އެކޮމެޓީގެ ފަތުވާ ނަންބަރު: (213/6،214)

އަލްއިމާމުލް އަލްބާނީ رحمه الله އާ މިސުވާލު ކުރެވުނުހިނދު އެކަލޭގެފާނުވެސް އިސްވެ ބަޔާންކުރެވުނު ފަތުވާގައިވާ ވަހަކަތަކަށް ތާއިދުލިބޭ ބަސްފުޅުތަކެއް ވިދާޅުވުމަށްފަހުގައި މިސްކިތަށް ފައިވާނާއެކު އެރުމުގެ ޙުކުމުގައި ސުންނަތުން ވާރިދުވެފައިވާ އެހެން ބަސްފުޅަކުން މިސާލު ޖައްސަވާފައިވެއެވެ. މާތް ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްފުޅެއްގައިވެއެވެ. أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَأَى نُخَامَةً فِي حَائِطِ الْمَسْجِدِ فَتَنَاوَلَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَصَاةً فَحَتَّهَا ثُمَّ قَالَ إِذَا تَنَخَّمَ أَحَدُكُمْ فَلَا يَتَنَخَّمْ قِبَلَ وَجْهِهِ وَلَا عَنْ يَمِينِهِ وَلْيَبْصُقْ عَنْ يَسَارِهِ أَوْ تَحْتَ قَدَمِهِ الْيُسْرَى މާނައީ: “ރަސޫލުއް ﷲ ގެފާނަށް މިސްކިތުގެ ފާރުގައި ކުޅުގަނޑެއް ހުއްޓައި ފެނުމުން ހިލަކޮޅެއް ނަންގަވައި، އެއިން އެ ސާފުކުރެއްވުމަށްފަހުގައި ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުންގެ ތެރެއިން މީހަކު ކަރުކެހި ކުޅުގަނޑެއް ޖަހަންޖެހިއްޖެނަމަ (އެބަހީ: ނަމާދުގައި އެފަދަކަމެއް ކުރަން ބޭނުން ޖެހިއްޖެނަމަ) އޭނާގެ ކުރިމަންތިން (ޤިބުލައާވީ ފަޅިން) ކުޅު ނުޖަހާހުށިކަމެވެ. އަދި ކަނާތުފަރާތައްވެސް ކުޅު ނުޖަހާހުށިކަމެވެ. އޭނާގެ ވައަތް ފަރާތުން ނުވަތަ ފައިދަށަށް ކުޅު ޖަހާށެވެ.” މިއީ އަލްބުޚާރީ ރިވާކުރައްވާފައިވާ ޙަދީޘްފުޅެކެވެ. މިޙަދީޘްފުޅުގެ ބައެއް ރިވާޔަތްތަކުގައި ނަމާދަށް ހުރެ ޤިބުލައާވީ ފަޅިޔަށް ކުޅު ޖެހުން ނަހީކުރައްވާފައިވެއެވެ. އަދި ފައިދަށަށް ކުޅު ޖެހުމަށާއި އެކުޅުގަނޑު ވަޅުލުމަށްވެސް އިރުޝާދު ދެއްވާފައިވެއެވެ. މިޙަދީޘްފުޅުގައި މިފަދައިން އިރްޝާދު ދެއްވާފައި ވީނަމަވެސް މިޒަމާނުގައި މިސްކިތުގެ ތެރޭގައި ހުރެގެން ކުޅު ޖެހުން ނުވަތަ ފައިދަށަށް ކުޅުޖަހާ ހެދުމަކީ މިސްކިތުގެ ސާފުޠާހިރުކަން ގެއްލޭކަމެކެވެ. އެހެނީ ވެލީގެ ސަބަބުން ނުވަތަ ބިންގަނޑުގެ ސަބަބުން އެކުޅުގަނޑުގެ އަސަރު ފިލައި ދިޔައެއްކަމަކު ދޫލަ އަޅާފައި ހުންނަ މިސްކިތަކުން އެ ޠާހިރުކަމެއް ޙާޞިލެއް ނުވާނެއެވެ.

ވީމާ، ފައިވާނުގައި ނަމާދު ކުރުމަކީ ރަސޫލުއް ﷲ صلى الله عليه وسلم އަމުރު ކުރައްވާފައިވާ ކަމެއްކުމުގައިވިޔަސް ދޫލަ އަޅާފައި ހުންނަ މިސްކިތެއްގައިނަމަ މިސްކިތުގެ ސާފުޠާހިރު ކަމަށާއި، ދެންތިބި ނަމާދު ކުރާ އެހެން މީހުންނަށް ނުތަނަވަސްކަމެއް ލިބުނަ ނުދިނުމަށް ސަމާލުވާން ޖެހެއެވެ.