ފަސްކަމެއްގެ ކުރިން ފަސްކަމެއް ލިބިގަންނާށެވެ!

އިންސާނާގެ ހުރިހާވެސް ރައުސްމާލަކީ އޭނާ މިދުނިޔޭގައި ހޭދަކުރާ މަދު ވަގުތުކޮޅެވެ. އޭނާގެ ޢުމުރަކީ ކަނޑައެޅިފައިވާ މަދު ދުވަސްކޮޅެކެވެ. ދިރިއުޅުމާއި މެދުވިސްނާލައިފިނަމަ ފެންނާނީ މަދު ހިނދުކޮޅުތަކެކެވެ. އެ ހިނދުކޮޅުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، އެގަޑިތައް ބޭކާރުގޮތުގައި ނަގާނުލައިފި މީހާއަކީ ކާމިޔާބުވެއްޖެ މީހެކެވެ. ނަމަވެސް އެވަގުތުތައް ބޭކާރު ގޮތުގައި ހޭދަކޮށްލައިފިނަމަ އެއިން އެންމެ ހިނދުކޮޅެއްވެސް އަނބުރާ ނުގެނެވޭނެއެވެ.

 

އިންސާނާގެ ޢުމުރުގެ މުހިންމުކަމާއި އަގުބޮޑުކަމާއިމެދު ޖާހިލުވެފައިވާ ކޮންމެ މީހަކައްމެ އޭނާގެ ވަގުތުތައް ނަގާލެވުނީތީ ހިތާމަކުރާނޭ ހިނދުކޮޅެއް އަންނާނެއެވެ. އެކަމަކު ވަގުތު ފާއިތުވުމުން ކުރާ ހިތާމައަކުން ފައިދާއެއް ނެތެވެ.

 

މި ސަބަބަށްޓަކައި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. “اغْتَنِمْ خَمْسًا قَبْلَ خَمْسٍ: شَبَابَكَ قَبْلَ هَرَمِكَ، وَصِحَّتَكَ قَبْلَ سَقَمِكَ، وَغِنَاكَ قَبْلَ فَقْرِكَ، وَفَرَاغَكَ قَبْلَ شُغْلِكَ، وَحَيَاتَكَ قَبْلَ مَوْتِكَ” رواه الحاكم والبيهقي، وصححه الألباني.

މާނައީ: “ފަސްކަމެއްގެ ކުރިން ފަސްކަމެއްގެ ފައިދާ ލިބިގަންނާށެވެ! މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. ބަލިވުމުގެ ކުރިން ޞިއްޙަތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. ފަޤީރުވުމުގެ ކުރިން މުއްސަނދިކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. މަޝްޣޫލުވުމުގެ ކުރިން ހުސްވަގުތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. މަރުވުމުގެ ކުރިން ޙަޔާތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ.”

 

އިންސާނާގެ ޢުމުރަކީ ގޮވާންކުރުމުގެ މޫސުމުވެ. އޭނާގެ މަސައްކަތުގެ މޭވާ ކަނޑާނެ ވަގުތަކީ އާޚިރަތެވެ. އެހެންކަމުން އަޖަލު ހަމަވުމުގެ ކުރިން ހެޔޮ ޢަމަލު ކުރުމަށް އަވަސްވެގަތުމަކީ ކޮންމެ މީހެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ.

 

ތިމާގެ ޢަމަލުތައް ހުޓާލުމުގެ ރަންގަބީލު ޖެހުމުގެ ކުރިން، އިމްތިޙާނުގެ ކަރުދާހުގައި ލިޔެވުނު އެއްޗެއް ލިޔެ ނިންމަންޖެހޭނެއެވެ. ވަގުތު ހަމަވުމަށްފަހުގައި ޢަމަލުތަކުގެ ފަތްފުއް ބަންދުވީއެވެ. އެވަގުތު ހަމަވާނީ ބަލިވެގެންނެވެ. ނޫނީ ޣާފިލުކަންމަތީ ހުއްޓާ ބޮލުގެ އިސްތަށިތައް ހުދުވެ، ގައިގެ ހަންގަނޑު ދޫވެ، މުސްކުޅިވެގެންނެވެ. އޭގެ ފަހުގައި ގެއްލިގެންދިޔަ ވަގުތުތަކާއިމެދު ހިތާމަކުރުމަކުން ކުރާނޭ ފައިދާނެއެއް ނެތެވެ. މާތް ﷲ ވަޙީކުރައްވާފައިވެވެ. “حَتَّى إِذَا جَاءَ أَحَدَهُمُ الْمَوْتُ قَالَ رَبِّ ارْجِعُونِ . لَعَلِّي أَعْمَلُ صَالِحًا فِيمَا تَرَكْتُ كَلا إِنَّهَا كَلِمَةٌ هُوَ قَائِلُهَا وَمِنْ وَرَائِهِمْ بَرْزَخٌ إِلَى يَوْمِ ُبْعَثُونَ”(المؤمنون:99-100). މާނައީ: “އެއުރެންކުރެ މީހެއްގެ ގާތަށް މަރު އަތުވެއްޖައުމަން ދާނދެނެވެ. އެހިނދު އޭނާ ބުނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާ (ދުނިޔޭގެ ޙަޔާތަށް) އަލުން އަނބުރައި ފޮނުއްވާނދޭވެ! * (އެއީ) ތިމަން ފަހަތަށް ދޫކުޅަ ކަންތަކުގައި ޞާލިޙު ޢަމަލުކުރުމުގެ އެދުމުގައެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެއީ އޭނާ ބުނެލާ ބަހެކެވެ. އަދި އެއުރެންގެ ފަހަތުގައިވަނީ ފަރުދާއެކެވެ. އެއުރެން އަލުން ދިރުމަކަށް ފޮނުއްވާ ދުވަހަށްދާނދެނެވެ.”

 

އުމުރު ބޭކާރުގޮތުގައި ހޭދަކޮށްލި މީހުންނަށް، އާޚިރަތުގެ ޙަޤީޤަތްތަކާއި ކުރިމަތިލުމަކީ ބޮޑު ވޭނެކެވެ. އެމީހުންގެ ފުރާނަ ހިއްޕެވެނީ ވޭނާއެކުގައެވެ. އެއަށްފަހުގައި އާޚިރަތުގައި އެމީހުން ކުރިމަތިލާ ކޮންމެ މަންޒިލަކީ އެމީހުންނަށްހުރި ހިތާމައެކެވެ. ތިމާމެންގެ ނަފްސުތަކަށް އަނިޔާވެރިވީ މީހުންގެ ނިމުން ހުރިގޮތް ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “وَلَوْ تَرَى إِذْ وُقِفُوا عَلَى النَّارِ فَقَالُوا يَا لَيْتَنَا نُرَدُّ وَلا نُكَذِّبَ بِآَيَاتِ رَبِّنَا وَنَكُونَ مِنَ الْمُؤْمِنِينَ”(الأنعام:27) މާނައީ: “އެއުރެން ނަރަކައިގެ ތުންފަތްމަތީގައި ތިބޭހިނދު ކަލޭގެފާނު ދެކެވަޑައިގަންނަވާނެ ނަމައެވެ. އެހިނދު އެއުރެން ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންމެން (ދުނިޔެއަށް) އަނބުރާ ފޮނުއްވާނެނަމަ ކޮންފަދަހެއްޔެވެ؟ އޭރުން ތިމަންމެންގެ ވެރިރަސްކަލާނގެ އާޔަތްތައް ދޮގެއް ނުކުރާނޫއެވެ. އަދި އީމާންވި މީހުންގެ ތެރެއިން ތިމަންމެން ވާނޫއެވެ.”

 

ނަމަވެސް ދުނިޔޭގެ ޙަޔާތުގެ ދުވަސްތައް ބޭކާރުކޮށްލި މީހަކަށް ދެވަނަ ފުރުޞަތެއް ނުވެއެވެ. އެފަދަ މީހަކީ ދެވަނަ ފުރުޞަތެއް ލިބުނު ކަމުގައިވީނަމަވެސް އެފުރުޞަތުގެ ބޭނުންވެސް ހިފާނޭ މީހެއް ނޫނެވެ. ވިސްނައި ލައްވާށެވެ! ދުނިޔޭގައި ތިމާގެ ނަފްސު އިޞްލާޙު ކުރުމަށް ލިބިފައިވަނީ ކިތައް ފުރުޞަތު ހެއްޔެވެ؟

 

މާތް ﷲ އެފަދަ މީހުންނާމެދު ވަޙީކުރައްވާފައިވެއެވެ.  “بَلْ بَدَا لَهُم مَّا كَانُواْ يُخْفُونَ مِن قَبْلُ وَلَوْ رُدُّواْ لَعَادُواْ لِمَا نُهُواْ عَنْهُ وَإِنَّهُمْ لَكَاذِبُونَ” (الأنعام : 28 ) މާނައީ: “އަދި ކިއެއްތަ! އެއުރެން ކުރިން ވަންހަނާކޮށް ފޮރުވައިގެން އުޅުނު ކަންތައް އެއުރެންނަށް ފާޅުވީއެވެ. އަދި އެއުރެން (ދުނިޔެއަށް) އަލުން ފޮނުއްވިނަމަ، އެއުރެންނަށް އަނެއްކާވެސް ނަހީކުރެއްވި ކަންތަކަށް އެއުރެން އެނބުރި ހިނގައްޖައީހެވެ. އަދި ހަމަކަށަވަރުން، އެއުރެންނަކީ ދޮގުހަދާ ބަޔަކުކަން ކަށަވަރެވެ.”

 

ވީމާ، އަޅުގަނޑުމެން ދުނިޔޭގެ މިވަގުތުތަކާއިމެދު ފަރުވާތެރިވެ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ ގައިވެއެވެ. “يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ وَاتَّقُوا اللَّهَ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ” (الحشر : 18 )”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް ތަޤްވާވެރިވެރިވާށެވެ! އަދި ކޮންމެ ނަފްސެއްމެ، މާދަމައަށްޓަކައި އިސްކޮށްފައިވާ ޢަމަލެއް ބަލައިފާހުށިކަމެވެ! އަދި ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން، ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”

 

ޢަމަލުތަކުގެ ފަތްފުއް ބަންދުވުމުގެ ކުރިން އަވަސްވެގަންނާށެވެ. މި މަންޒިލް ދޫކޮށްފައި ދިޔުމުގެ ވަގުތުވަނީ ވަރަށްވެސް ގާތްވެފައެވެ. މިދުނިޔޭގެ ވަގުތުތައް ހެޔޮ ގޮތުގައި ބޭނުން ކުރުމަށް ވަޞިއްޔަތް ކުރަމެވެ.