ތައުބާ ނަމާދު

tauba

الحمد لله ، والصلاة والسلام على رسول الله ،

ތައުބާވާން އެދޭ މީހާ 2 ރަކުޢަތް ނަމާދެއް ކުރުން އެއީ ތައުބާވުމުގެ ޝަރުޠެއް ނޫނެވެ.

ތައުބާވުމަކީ ތިމާއަށް ކުރެވުނު ފާފައަށް ހިތާމަކޮށް، ފާފަ ކުރުން ހުއްޓާލައި ދެން ފާފަ ނުކުރާނޭކަމަށް ޢަޒުމު ކަޑައަޅައި ފާފަ ފުއްސެއްވުންއެދި މާތް ﷲ އަށް ދުޢާ ކުރުމެވެ.

ފާފައެއް ކުރެވޭހިނދު، ވުޟޫކޮށް ދެރަކުޢަތް ނަމާދެއްކޮށް އެފާފަ ކުރެވުނު ކަމަށްޓަކައި ހިތާމަކޮށް ތެދެވެރި ތައުބާއަކުން ތައުބާވެ ފާފަ ފުއްސެވުމަށް އެދި ދުޢާކުރުމަކީ އެންމެ ފުރިހަމަ އަދި ސުންނަތާ އެންމެ ގާތް ގޮތެވެ.

އަބޫ ބަކުރުއްޞިއްދީޤް رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ صلى عليه وسلم ޙަދީޘް ކުރެއްވިއެވެ. “مَا مِنْ عَبْدٍ يُذْنِبُ ذَنْبًا فَيُحْسِنُ الطُّهُورَ ، ثُمَّ يَقُومُ فَيُصَلِّي رَكْعَتَيْنِ ، ثُمَّ يَسْتَغْفِرُ اللَّهَ إِلَّا غَفَرَ اللَّهُ لَهُ ، ثُمَّ قَرَأَ هَذِهِ الْآيَةَ : “وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنْفُسَهُمْ ذَكَرُوا اللَّهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَنْ يَغْفِرُ الذُّنُوبَ إِلَّا اللَّهُ وَلَمْ يُصِرُّوا عَلَى مَا فَعَلُوا وَهُمْ يَعْلَمُونَ” . صححه الألباني في صحيح أبي داود މާނައީ: “މާތް ﷲ ގެ އަޅުތަކުކުރެ އަޅަކަށް ފާފަ ކުރެވޭހިނދު، ވުޟޫ ފުރިހަމައަށްކޮށް އެއަށްފަހު ދެރަކުޢަތް ނަމާދެއްކޮށް، ފާފަ ފުއްސެވުމަށްއެދި ދުޢާކޮށްފިނަމަ، މާތް ﷲ އޭނާގެ ފާފަ ފުއްސަވައިދެއްވާނެތެވެ.” އެއަށްފަހު އަންނަނިވި އާޔަތް އިތުރު އެކަލޭގެފާނު ކިޔަވައި ވިދާޅުވިއެވެ. “وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنْفُسَهُمْ ذَكَرُوا اللَّهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَنْ يَغْفِرُ الذُّنُوبَ إِلَّا اللَّهُ وَلَمْ يُصِرُّوا عَلَى مَا فَعَلُوا وَهُمْ يَعْلَمُونَ” މާނައީ: “އަދި، އެއުރެންނީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކޮށްފިނަމަ، ނުވަތަ، އެއުރެންގެ ނަފްސުތަކަށް އަނިޔާވެރިވެއްޖެނަމަ، (އެބަހީ: ކިތަންމެ ކުޑަނަމަވެސް ފާފައެއް ކޮށްފިނަމަ) ﷲ ހަނދުމަކޮށް، އެއުރެންގެ ފާފަތައް ފުއްސެވުންއެދި ދުޢާކޮށް އުޅޭމީހުންނެވެ. ﷲ ފިޔަވައި ފާފަފުއްސަވާނީ ފަހެ، ކާކުހެއްޔެވެ؟ އަދި، އެއުރެން ދެނެތިބި ޙާލު އެއުރެން ކުޅަ ކުށުގެ މަތީގައި ދެމިއެއް ނުތިބެއެވެ.”

ވަރުޟު ފަސްނަމާދާއި ސުންނަތް ނަމާދަށް ފަހުގައިވެސް ފާފަ ފުއްސެވުންއެދި ދުޢާކޮށް ތައުބާވުމަކީ އެދެވިގެންވާ ހެޔޮ ޢަމަލެކެވެ.

وبالله التوفيق، وصلى الله على نبينا محمد وآله وصحبه وسلم.