ޢަމަލުތަކުގައި އިޚްލާޞްތެރިވުން

masjid nabavi door

عن أمير المؤمِنين أبي حَفْصٍ عمرَ بنِ الخطابِ رضي الله عنه ، قالَ : سَمِعتُ رَسُولَ اللهِ صلى الله عليه وسلم ، يقُولُ : (( إنّمَا الأَعْمَالُ بالنِّيّاتِ ، وَإِنَّمَا لِكُلِّ امرِىءٍ مَا نَوَى ، فَمَنْ كَانَتْ هجرته إلى الله ورسوله ، فهجرته إلى الله ورسوله ، ومن كانت هِجْرَتُهُ لِدُنْيَا يُصيبُهَا ، أَوْ امْرَأَةٍ يَنْكَحُهَا ، فَهِجْرَتُهُ إِلى مَا هَاجَرَ إِلَيْه )) . مُتَّفَقٌ عَلَيهِ

އަމީރުލް މުއުމިނީން އަބީ ޙަފްސް ޢުމަރު ބުނުލް ޚައްޠާބް رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. “ހަމަކަށަވަރުން ޢަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ. އަދި ހަމަކަށަވަރުން، ކޮންމެ މީހަކަށްމެ އޮތީ އެމީހަކު ނިޔަތް ގަތް ގޮތެކެވެ. ފަހެ، މީހަކު ހިޖުރަކުރީ ﷲ އާއި އެކަލާނގެ ރަސޫލާއަށްޓަކައިނަމަ، ފަހެ، އޭނާގެ ހިޖުރަ ކުރުންވަނީ ﷲ އާއި އެކަލާނގެ ރަސޫލާއަށްޓަކައެވެ. އަދި އެ މީހަކު ހިޖުރަކުރީ، އޭނާގެ ދުނިޔޭގެ ބޭނުމަކަށްޓަކައިނަމަ، ނުވަތަ އިންނަން އެދޭ އަންހެނަކަށްޓަކައިނަމަ، ފަހެ، އޭނާގެ ހިކުރަކުރުންވަނީ، އޭނާ އެ ކަމަކަށްޓަކައި ހިޖުރަކުރި ކަމަކަށެވެ.”

މި ޙަދީޘުން ލިބޭ ފިލާވަޅުތަކުގެ ތެރޭގައި؛

  1. ރަނގަޅު ނިޔަތުގެ މުހިންމުކަން، އަދި ހެޔޮ ނިޔަތުމުގެ މަތިވެރިންކަމާއި، ހުރިހާ ޢަމަލުތަކެއް ބިނާވެފައިވަނީ ނިޔަތުގެ މައްޗަށް ކަމުގައި މި ޙަދީޘްފުޅުގައިވަނީ ބަޔާންކޮށްދެއްވާފައެވެ.
  2. މީސްތަކުންގެ ޢަމަލުތައް މާތް ﷲ ގެ ޙަޟުރަތުގައި ޤަބޫލު ވެވިގެންވުމާއި، ޤަބޫލު ނުވުމާއި، އަދި އެ ޢަމަލުތަކުގެ ސަވާބު ބޮޑުވުން ނުވަތަ މަދުވުން ބިނާވެފައިވަނީ ނިޔަތް ރަނގަޅުވުމާއި ނިޔަތް ފަސާދަވުމުގެ މައްޗަށެވެ. ނިޔަތުގެ ފުރިހަމަ ކަމާއި އުނިކަމުގެ މައްޗަށެވެ.
  3. މުނާފިޤުންނަށް އެމީހުން ކުރާ ހެޔޮ ޢަމަލުތަކުގެ ޘަވާބު ނުލިބޭ ސަބަބަކީ އެމީހުންގެ ނިޔަތް ގޯސްވެފައިވާތީއެވެ. އެހެންކަމުން، މާތް ﷲ ގެ ޙަޟުރަތުގައި ދަރުމަޔާއި ސަވާބު ލިބުންވަނީ ހަމައެކަނި ބޭރުފުށަށް ފެންނަ ހެޔޮ ޢަމަލަކަށް ނޫނެވެ. އަދި ކިއެއްތަ، އެ ހެޔޮ ޢަމަލާއެކުގައި ، ރަގަނޅު ނިޔަތެއް އޮވެގެންނެވެ.
  4. ޢަމަލުތަކަށް ނިސްބަތްކޮށް ބަލާއިރު ނިޔަތް ސަބަބުން:
    • އަޅުކަމާއި ޢާއްމު ދިރިއުޅުމުގައި ކުރާ ކަންކަން ތަފާތުކޮށްދެއެވެ. އެގޮތުން ޖުނުބު ހިނައިގަތުމާއި ސާފުތާހިރުވެލުމަށް ފެންވަރައިލާ ފެންވެރުމާއި ތަފާތުކޮށްދެނީ ނިތުންނެވެ.
    • އެއް އަޅުކަމާއި އަނެއް އަޅުކަން ތަފާތުކޮށްދެއެވެ. އެގޮތުން މެންދުރު ނަމާދާއި ޢަޞްރު ނަމާދު ތަފާތުވަނީ ހަމައެކަނި ނިޔަތުންނެވެ.
    • ޢަމަލުތައް ކުރެވެނީ ﷲ އަށްޓަކައި ކަން ނުވަތަ ނޫންކަން އެނގި ވަކިވަނީ ނިޔަތުންނެވެ.
  5. މުބާޙު ކަންކަން (ކުރުން ހުއްދަ ކަންކަން) މުސްތަޙަބު ކަންކަމަށް (ކުރުމުން ސަވާބު ލިބޭ ކަންކަމަށް) ބަދަލުކޮށްދެނީ ނިޔަތުންނެވެ. އެގޮތުން، އެކުވެރިޔަކާއެކު، ދީނުގައި މަނާކަމަކަށް ނުވާގޮތުގައި ވާހަކަ ދެއްކުމުގައި ވަގުތު ހޭދަކުރުމަކީ މުބާޙު ކަމެކެވެ. ނަމަވެސް ތިމާގެ މުސްލިމު އަޚާގެ ޙާލު ބަލައި އޭނާގެ އެކަނިވެރިކަން ފިލުވައިދީ، ކަންކަމުގައި މަޝްވަރާކޮށް ހެދުމުގެ ޤަޞްދުގައި ވަގުތު ހޭދަކުރާނަމަ އެކަމަކީ ދަރުމަޔާ ސަވާބު ލިބޭކަމަކަށް ބަދަލުވެގެން ދެއެވެ.
  6. ނިޔަތާމެދު ވިސްނައި ނިޔަތް ރަނގަޅުކުރުމަށް ސަމާލުވާންޖެހޭ ކަން މިޙަދީޘުން އެނގިގެން ދެއެވެ.
  7. ރަނގަޅު ނިޔަތަކީ ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތާ އެގޮތްވާ ނިޔަތެއްކަމުގައި ހަދަންޖެހެއެވެ. ފުޟައިލް ބިން ޢިޔާޟު رحمه الله ވިދާޅުވެފައިވެއެވެ. ޢަމަލަކީ އިޚުލާޞްތެރި (ﷲ އަށްޓަކައި) ކުރި ޢަމަލަކަށްވެފައި އެ ޢަމަލީ ރަނގަޅު ޢަމަލެއް ކަމުގައި ނުވާނަމަ އެކަން ޤަބޫލު ނުކުރައްވާނެތެވެ. އަދި އެ ޢަމަލަކީ ރަނގަޅު ޢަމަލަކަށްވެފައި، އިޚުލާޞްތެރި (ﷲ އަށްޓަކައި) ކުރި ޢަމަލަކަށް ނުވާނަމަ އެކަން ޤަބޫލު ނުކުރައްވާނެތެވެ. ޢަމަލުތައް ޤަބޫލު ކުރައްވަނީ އިޚުލާޞްތެރި ރަގަނޅު ޢަމަލެއް ކަމުގައިވާނަމައެވެ.

އިޚުލާޞްތެރިއޭ ބުނެވެނީ ﷲ އަށްޓަކައި ކުރެވޭ، އެނޫން ފަރާތަކަށް އެ ޢަމަލަކުން ޤަޞްދުކުރެވިފައި ނުވާ ކަންކަމަށެވެ.

ރަނގަޅުވުމޭ ބުނެވެނީ ސުންނަތާ އެއްގޮތަށް އެ ޢަމަލު ކުރުމަށެވެ. އެހެނީ ސުންނަތުގައި އެޢަމަލު ކުރުމަށް އޮތް މަގަކީ މާތް ﷲ ، އެކަލާނގެ ރަސޫލާ صلى الله عليه وسلم އަށް އެނގެވި ގޮތެވެ.

  1. އުގަންނައި ދިނުމުގެ އުޞްލޫބުތަކުގެ ތެރޭގައި، ޤާޢިދާ ބަޔާން ކުރުމަށްފަހު އޭގެ މިސާލު ބަޔާން ކުރުން ހިމެނެއެވެ. އެގޮތުން މިޙަދީޘްފުޅުގައި ބަޔާން ކުރައްވާފައިވާ ޤާޢިދާ އަކީ ” إنّمَا الأَعْمَالُ بالنِّيّاتِ ” “ޢަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ.” ދެން އެއަށް މިސާލެއް ދެއްކެވުމުގެ ގޮތުން ހިޖުރަ ކުރުމުގެ ވާހަކަ ޙަދީޘްކުރައްވައި ޝަރަޙަ ކޮށްދެއްވީއެވެ.
  2. ޢަބްދު ﷲ ބުނުލް މުބާރަކު رضي الله عنه ގެ ވިދާޅުވެފައިވެއެވެ. “ބޮޑު ޢަމަލެއްވެސް ނިޔަތުގެ ސަބަބުން ކުޑަވެގެން ދެއެވެ.” (ނިޔަށް ރަގަނޅު ނުވުމުން ކުރެވޭ ބޮޑުވެގެންވާ ހެޔޮ ޢަމަލަކީ އެއްވެސް ފައިދާއެއް ނެތް ކަމެއްގެ ގޮތުގައި ވެގެން ދެއެވެ.) މިކަމުގެ ދަލީލަކީ މީހަކު ހިޖުރަކުރުމަކީ ބޮޑުވެގެންވާ ހެޔޮ ޢަމަލެކެވެ. ނަމަވެސް އެ ޢަމަލުގެ ދަރުމަޔާ ސަވާބު އުނިކޮށް އެ ޢަމަލަކީ އެއްވެސް ކަމެއް ނޫން ކަމުގައި ހަދައިލަނީ ފަސާދަވެފައިވާ ނިޔަތެކެވެ. ދުނިޔެވީ ބޭނުމަކަށްޓަކައި ހިޖުރަކުރުމުން އެފަދަ މަތިވެރި ޢަމަލަކުން އޭނާއަށް އާޚިރަތުގައި ކުރާނޭ އެއްވެސް ފައިދާއެއް ނޯވެއެވެ.
  3. އިޚްލާޞްތެރިކަމާއި، ކުރާ ޢަމަލަކީ މާތް ﷲ ގެ ވަޖުހަފުޅަށްޓަކައި ކުރާ ޢަމަލެއްކަމުގައި ހެދުމަކީ ދާދި ފަސޭހަ ކަމެއްކަން މިޙަދީޘުން ހާމަކޮށްދެއެވެ. އެހެނީ މިޙަދީޘްފުޅު ޙަދީޘްކުރައްވާފައިވަނީ ޢާއްމުންނާ މުޚާޠަބު ކުރައްވައެވެ. ޢިލްމެއް ލިބިފައިނުވާ ޖާހިލު މީހާއާއި، ރައްފުށު މީހާއާއި އާދައިގެ މީހަކަށްވެސް ވިސްނޭނެފަދައިންނެވެ.

އެހެންވުމުން، އިޚްލާޞްތެރިވެ ނިޔަތުގައި މާތް ﷲ ފިޔަވައި އެހެން ފަރާތަކަށް ޤަޞްދު ނުކޮށް ހުރުމަކީ ވަރަށް އުނދަގޫކަމެއްކަމުގައި ހީވެފައި އޮންނަ އޮތުމަކީ ރަނގަޅު ހީއެއް ނޫންކަން އެނގިގެން ދެއެވެ.