ޤިޔާމަތްވާހިނދު . . .

“ޤިޔާމަތްވުމުގެ ވަގުތު ގާތްވެއްޖެއެވެ. އަދި ހަނދު ފެޅިއްޖެއެވެ.”(އަލްޤަމްރު 1) “ފަހެ، ލޯތަކަށް ޙައިރާކަންލިބި ތަރަތަރަލާހިނދެވެ.(7) އަދި ހަނދު ކޭތަހިފައި އެއިން އަލިކަން ފިލައިދާހިނދެވެ.(8) އަދި އިރާއި، ހަނދު އެއްވާހިނދެވެ.(9) އެދުވަހުން އިންސާނާ ބުނާނެތެވެ. ފިލަންދާނީ ކޮންތާކަށް ހެއްޔެވެ؟(10)” (އަލްޤިޔާމާ 7-10)  “. . . ހަމަކަށަވަރުން، ޤިޔާމަތުގެ ޒަލްޒަލާއަކީ ބޮޑުވެގެންވާ ކަމެކެވެ.(1) ތިޔަބައިމީހުންނަނަށް އެ ޒަލްޒަލާ ފެންނަ ދުވަހު، ކިރުމައިން އެމީހުންގެ ކިރުދޭ ޅަދަރިންގެ މަތިން ހަނދާންނެތި، އަދި މާބަނޑު އަންހެނުންގެ ބަނޑުގައިއޮތް ދަރި ވެއްޓި، މީސްތަކުން މަސްތުވެފައިވާ ފަދައިންވަނިކޮށް ތިބާ ދެކޭނެއެވެ. ނަމަވެސް އެމީހުން ވަނީ މަސްތަކުނޫނެވެ. އެހެނެއްކަމަކު ﷲ ގެ ޢަޛާބު ގަދަފަދައީއެވެ.(2)” (އަލްޙައްޖު 1 -2)

ދުނިޔެ ނިމޭނޭހިނދު، ނުވަތަ ޤިޔާމަތް ވާހިނދު ކަންތައް ވެގެންދާނޭ ގޮތް ކީރިތި ޤުރްއާނުގައި ބަޔާންކޮށްދެއްވާފައިވަނީ މިފަދައިންނެވެ. އަދި މިނޫން އެހެން އާޔަތްތަކުގައިވެސް ޤިޔާމަތްވާހިނދު އިންސާނާގެ ޙާލަތު ހުންނާނޭގޮތް މާތް ﷲ ވަނީ ބަޔާންކޮށްދެއްވާފައެވެ. ޤިޔާމަތުގެ ކުދި ޢަލާމާތްތަކާއި ބޮޑެތި ޢަލާމާތްތަކާއި ދައްޖާލުގެ ވާހަކަ ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްތަކުގައި ތަފްޞީލުކޮށް އެނގެ އެބައޮތެވެ.

ދުނިޔެ ނިމުމާއިމެދު ދެކެވޭ ދޮގު ވާހަކަތައް

ނަމަވެސް އެތަފްޞީލުތަކަށް ބެލުމެއްނެތި، މުސްލިމުންގެ ލޯތައްވެސް މިއަދު އެނބުރިފައިވަނީ ޣައިރު ދީންތަކުގެ މީސްމީހުންގެ ފަލްސަފާތަކުގެ މައްޗަށް އެމީހުން ހަނދާފައިވާ ޚިޔާލީ ފިލުމުތަކަށެވެ. ބައެއް ޣައިރު އިސްލާމީ ޙަޟާރަތްތަތަކުގައިވެސް ޤިޔާމަތް ވުމުގެ ވާހަކަތައް ފެންނާން އެބަހުއްޓެވެ. ނަމަވެސް އެވާހަކަ ތަކާއި، އެވާހަކަތުގެ ތެރެއަށް އިތުރުވެފައިވާ ޚުރާފާތްތަކާއި ޝިރުކިއްޔާތުތަކަކީ، އިސްލާމީ ޢަޤީދާގެ މަތީގައި ސާބިތުވެހުރި މީހަކަށް އެކަމުގެ ބާޠިލުކަން ފާޅުވެ އެގެން އޮތް ކަމެކެވެ.

އެފަދަ ބައެއް މީހުން ދެކޭގޮތުގައި 2012 ވަނަ އަހަރު ދުނިޔެ ނިމިގެންދާނެވެ. މާޔަން ކަލަންޑަރުގައި ވާގޮތުން ދުނިޔޭގެ ތާރީޚުގެ ނިމުމަކީ 21 ޑިސެމްބަރ 2012 އެވެ. އެއީ އެމީހުން ކަލަންޑަރުގައި ވާގޮތުންނަމަ، ފަސްވަނަ “ލޯނގު ކައުންޓު” ނިމިގެން ދާނެ ތާރީޚެވެ. އެމީހުންގެ ތާރީޚުގައި ވާގޮތުން ކޮންމެ 26 ހާސް އަހަރަކުން “ގުރޭޓް ސައިކަލް” ފުރިހަމަވާނެއެވެ. މާޔަން ޙަޟާރަތުގެ ތެރޭގައި ދުވަސް ގުނާ ގޮތުގައި “ޕުރޮސެޝަން އޮފް އިކުއިނޮކްސް” ތަކެއް ހުރެއެވެ. އެއަށް “ގުރޭޓް ސައިކަލް” އޭވެސް ކިޔައެވެ. އެގޮތުން އެއިން ކޮންމެ “ދިގު ގުނުމެއްގެ” ތެރޭގައި 5 މިލިޔަން އަހަރު ހަމަވާނޭކަމުގައިވެސް އެވާހަކަތަކުގައި ހުރެއެވެ.

އެހެންވުމުން މިބުނާ ފަސްވަނަ “ޕުރޮސެޝަން އޮފް އިކުއިނޮކްސް” ފުރިހަމަވާނެ ތާރީޚަކީ 2012 ވަނަ އަހަރުގެ 21 ޑިސެބަރު ވާ ހުކުރު ދުވަސް ކަމުގައިވެސް ވެއެވެ. މާޔަން ކަލަންޑަރުގެ އެންމެ ފަހު ދުވަހަކީ އެދުވަސް ކަމަށްވާތީ އެއީ އެންމެ ފަހުދުވަސް ނުވަތަ އާޚިރަތް ދުވަސްކަމުގައި އެމީހުން ނިންމައެވެ.

އެފަދަ ބައެއް ޚުރާފާތުގެ ތެރެއަށް، އިތުރު ދޮގު ޚަބަރުތައްވެސް އެއްކޮށްގެން އެވާހަކަތައް ބަޔަކު ދަނީ ފަތުރަމުންނެވެ. އެގޮތުން ފެތުރޭ ވާހަކަތަކުގެ ތެރޭގައި، އެމެރިކާގެ ފަލަކީ ދިރާސާތަކާ ބެހޭ މުއައްސަސާ، ނާސާ އާ ޙަވާލާދީ، 21 ޑިސެމްބަރު 2012 ވަނަ ދުވަހަކީ “ސޯލާ ޕޯލަރ ޝިފްޓް” (އިރު ހިނގާ ދަނޑިއަށް ބަދަލުއަންނަ) ދުވަހެއްކަމުގައި ވެދާނޭކަމަށް ބުނާ ޚަބަރު ހިމެނެއެވެ. އަދި އެދުވަހު ސޯލާރ ސްޓޯމް (އިރުން އުފުދޭ އާވީގެ ތޫފާނަކާއި) ދުނިޔޭގެ “މެގްނެޓިކް ޕޯލަރ ޝިފްޓް” (ދުނިޔޭގެ ދަގަތްފާނު ބާރުގެ މައްޗަށް ބިނާވެފައިވާ ދެކުނު ދަނޑިއަށް ބަދަލުއަންނަ) ދުވަހެއް ކަމުގައިވެސް ވެދާނެކަށްވެސް އެ ޚަބަރުގައި ބުނެއެވެ. އެޔާއެކު ޤުދްރަތީ ތަފާތު ކާރިޘާތައް އުފެދުމާއި، އޭގެތެރޭގައި ބިން ހެލުމާއި، ސުނާމީއާއި، އަލިފާން ފަރުބަދަތައް ގޮވުމާއި އަދި މިނޫން ކަތައްތައްވެސް ހިނގާފާނޭކަމަށްވެސް އޭގަ ބަޔާންކޮށްފައި ވެއެވެ.

ވިސްނާލައްވާށެވެ! މިފަދަ ބޮޑެތި ކަންކަން ނާސާފަދަ ދުނިޔޭގެ ބޮޑެތި މުއައްސަސާތަކަށް އެނގޭ ކަމުގައިވާނަމަ، އެވާހަކަތައް ސިރުކުރުން އެކަށީގެން ނުވެއެވެ. އަދި މިހާތަނަށް ރަސްމީ ސިފައެއްގައި މިފަދަ އެއްވެސް ވާހަކައެއް ނާސާއިވެސް ހާމަކޮށްފިވެސް ނުވެއެވެ. އަދި ކިއެއްތަ، މި ޚަބަރުތަކަކީ ދޮގު ޚަބަރުތަކެއް ކަމުގައި ނަސާގެ ވެބްސައިޓުގާވެސް ވަނީ ހާމަކޮށްފައެވެ. http://www.nasa.gov/topics/earth/features/2012.html

ނާސާގެ އެ ޚަބަރުގެ ތަންކޮޅެއްގެ ތަރުޖަމާ ނަކަލުކޮށްލާނަމެވެ.

ސުވާލު: 2012 ގައި ދުނިޔެ ނިމޭނެކަމަށް ދެކެވޭ ވާހަކަތަކުގެ އަޞްލަކީ ކޮބައިތޯއެވެ؟

ޖަވާބު: އެވާހަކަ ފެށިފައިވަނީ، ސޫމާރީންގެ ޙަޟާރަތުގައި އެމީހުން ހޯދާފައިވާ ކަމަށްބުނާ ބޮޑުތަރި “ނިބިރޫ” އަންނަނީ ދުނިޔެއާ ދިމާލަށް ދަތުރުކުރަމުންކަމުގައި ބުނާ ވާހަކައަކުން ނެވެ. މި ކަން ވާނޭކަމަށް އެންމެ ފުރަތަމަ ލަފާކޮށްފައިވަނީ 2003 ވަނަ އަހަރުގައެވެ. ނަމަވެސް 2003 ގައި ދުނިޔެ ނިމިގެން ގޮސްފައިނުވާތީ އެދުވަސް ވަނީ 2012 އަށް ބަދަލުކޮށްފައެވެ. އަދި ބެލެވޭގޮތުގައި މިފިކުރަކީ އެޚަބަރާއި މާޔަން ކަލަންޑަރުގެ ނިމުމާ ގުޅުވާލައިގެން އުފެދިފައިވާ ފިކުރެކެވެ. އ.ހ (މިވާހަކަ ތަކުގެ ދޮގުކަން ވަރަށް ތަފްޞިލުކޮށް މިލިޔުމުގައިވަނީ އިތުރަށް ކިޔައިދީފައެވެ.)

މިފަދަ ޚަބަރުތަކުގެ ތެރެއިން ފެތުރޭ ބައެއް ވާހަކަތަކުގެ ތެރޭގައި، 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ޢީސާގެފާނު ދުނިޔެއަށް ފައިބައިވަޑައިގަންނަވާނޭ ކަމުގައި ބުނާ ޚަބަރެއްވެސް ހިމެނެއެވެ. ޢީސާގެފާނަކީ މާތް ﷲ ކަމުގައި ނުވަތަ އެކަލާނގެ ދަރިކަލެއްކަމުގައި ބުނާ މީހުންގެ ތެރެއިން އައިސްފައިވާ މިޚަބަރުތަކަކީ “ބައިބަލް” ގައިވެސް ނެތް ވާހަކަތަކެކެވެ. ނަމަވެސް މިވާހަކަތައް ފެތުރިގެން ދާހިނދު، ނަޞާރާއިންގެ ގިނަ މީހުންވެސް މިވާހަކަތައް ލޮލުން ބޮލުން ޤަބޫލުކުރެއެވެ.

ބައެއް މީހުން ބުނާގޮތުގައި، ދުނިޔެދުއް ބޮޑު ފިޒިކްސް ޢިލްމުވެރިއެއް ކަމުގައިވާ އައިޒެކް ނިއުޓަން ވެސްވަނީ ދުނިޔެ ނިމޭނޭ ދުވަހެއްގެ ހިސާބުޖަހަން މަސައްކަތް ކޮށްފައެވެ. އެގޮތުން އޭނާގެ ހިސާބުތަކުން ދައްކާގޮތުންނަމަ އެއީ 2060 ގެ އަހަރެއް ކަމުގައިވެސް އެމީހުން ހާމަކުރެއެވެ. ނަމަވެސް މި ޚަބަރަކީވެސް އެބުނާ ސައިންޓިސްޓުގެ ކިބައިން ސާބިތުވެފައިވާ ޚަބަރެއް ނޫނެވެ. މިއީވެސް ޚަބަރު އައިނައިތަނެއް ނޭނގި ސޯޝަލް މީޑިޔާގައި ފެތުރެމުންދާ ބޮޑު ކުނިގަޑެކެވެ.

މިނޫންނަސް މިފަދަ އެތައް ބައިވަރު ދޮގުވާހަކަތައް ދުނިޔެ ނިމުމާއި ގުޅުވައިގެން ދެކެވެމުންދެއެވެ. މިފަދަ ވާހަކަތަކާއި ޚުރާފާތްތަކުން އެއްކިބާވުމަށްޓަކައި ޝަރުޢީ ޢިލްމު އުނގެނުން އިންތިހާއަށް މުހިންމުވެގެން ވެއެވެ.

އިސްލާމް ދީނުގައި މިކަން އޮތީ ކިހިނެއް؟

ޤިޔާމަތްވާނޭ ވަގުތަކީ މާތް ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް؛ އެއީ މަތިވެރިވެގެންވާ މަލާއިކަތަކު ކަމުގައިވިޔަސް އަދި މާތްވެގެންވާ ރަސޫލެއް ކަމުގައިވިޔަސް، އެއިން އެއްވެސް ބޭކަލަކަށް އެނގޭނޭ ކަމެއް ނޫނެވެ.

ކީރިތި ޤުރްއާނުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “إِنَّ اللَّهَ عِندَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْحَامِ وَمَا تَدْرِي نَفْسٌ مَّاذَا تَكْسِبُ غَداً وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ إِنَّ اللَّهَ عَلِيمٌ خَبِيرٌ” (لقمان: 34) މާނައީ: “މަކަށަވަރުން، ޤިޔާމަތްވުމުގެ ވަގުތު ދެނެވޮޑިގަތުން ވަނީ، ﷲ ގެ ޙަޟުރަތުގައެވެ. އަދި އެކަލާނގެ ވާރޭ ވެއްސަވަތެވެ. އަދި ރަޙިމު ތަކުގައިވާ ތަކެތި އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެއްވެސް ނަފްސަކަށް، އެ ނަފްސެއް މާދަމާ ހޯދައިގަންނާނީ ކޮންކަމެއްކަމެއް ނޭނގޭނެތެވެ. އަދި އެއްވެސް ނަފްސަކަށް އެ ނަފްސެއް މަރުވާނީ ކޮންބިމެއްގައި ކަމެއް ނޭނގޭނެތެވެ. ހަމަކަށަވަރުން، ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ ރަސްކަލާނގެއެވެ.”

މަޝްހޫރު “ޙަދީޘް ޖިބްރީލް”ގައި (އެބަހީ: އިންސާނެއްގެ ސިފައިގައި ޖިބްރީލް عليه السلام ވަޑައިގެން، މީސްތަކުންގެ މެދުގައި ކީރިތި ރަސޫލާ އިންނަވަނިކޮށް ކުރެއްވި ސުވާލުތަކުގެ ތެރޭގައިވެސް) މިވާހަކަ ވަނީ މިގޮތަށް ވާރިދުވެފައެވެ.

އެ ޙަދީޘްގައި ވެއެވެ. قَالَ: فَأَخْبِرنِي عَنِ السَّاعَةِ. قَالَ: «مَا المَسْؤُولُ عَنْهَا بأَعْلَمَ مِنَ السَّائِلِ» رواه مسلم މާނައީ: “(ޖިބްރީލްގެފާނު) ވިދާޅުވިއެވެ. “ޤިޔާމަތުގެ ވަގުތެއް ކަލޭގެފާނު އަޅުގަނޑަށް ވިދާޅުވެދެއްވާށެވެ!” ޙަދީޘް ކުރެއްވިއެވެ. “ސުވާލު ވެވުނު މީހާއަކީ (އެބަހީ: ތިމަންކަލޭގެފާނަކީ) ސުވާޅު ކުރެއްވި މީހާއަށްވުރެ (އެބަހީ: ކަލޭގެފާނަށްވުރެ) ބޮޑަށް، އެކަން އެނގިގެންވާ މީހަކީމެއް ނޫނެވެ.”

ވީމާ، ދޮގު ތެދުނޭގޭ، ޚަބަރުތައް އަޑުއިވޭހިނދު، އޭގެ ޙަޤީޤަތް ބެލުމެއްނެތި އެ ޚަބަރުތައް ނުފަތުރާށެވެ. އަދި އެފަދަ ޚަބަރުތަކުގެ އަޞްލު ދެނެގަތުމަށްޓަކައި ކަމާބެހޭ ޢިލްމުވެރިންގެ ވާހަކަތައް ހޯދައި ދިރާސާ ކުރާށެވެ.

(މި ލިޔުމަކީ 2012 ވަނަ އަހަރު ދިއިސްލާމް މަޖައްލާއަށް އަޅުގަނޑު ލިޔެފައިވާ ލިޔުމެކެވެ. ކުޑަ ބަދަލަކާއި ބައެއް އިޞްލާޙުތައް ތަކާއެކުގައެވެ.)