އެޕްރީލް 08، 2019

އުފާވެރިކަމުގެ މަގު

އެ އިޙްސާސެއް ލިބިގަތުމަށް ހުރިހާ މަޚުލޫޤުން އެންމެ އެދޭ އިޙްސާސަކީ އުފާވެރިކަމެވެ. އެއީ ގަނެ ވިއްކޭ އެއްޗެއް ނޫނެވެ. ފައިސާއަކުން ތަނަވަސްކަމަކު ޙާޞިލުވާ އެއްޗެއް ނުމެނޫންމެއެވެ. ޙަޤީޤީ އުފާވެރިކަމަކީ މާތް ﷲ ގެ ޙަޞުރަތުން އެކަލާނގެ އަޅުތަކުންނަށް ދެއްވާ ނިޢުމަތެކެވެ. އުފާވެރިކަމުގެ މަގުތަކެއް ލައްވާފައިވުމީ އެކަލާނގެ ދީލަތިވަންތަކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

އުފާވެރިކަން ލިއްބައިދޭ ބައެއް ކަންކަމުގެ ތެރޭގައި އަންނަނިވި ސަބަބުތައް ހިމެނެއެވެ.

އެކެއް: ޤަޟާޤަދަރަށް ރުހުން (މިންވަރަށް ޝުކުރު ކުރުން)

މިންވަރަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެކެވެ. މާތް ﷲ ގެ މިންވަރުފުޅަކީ އެންމެ ހެޔޮ ގޮތްކަމުގައި ތިމާގެ ހިތުގެ އަޑިން ޤަބޫލުކުރެވޭ މީހަކަށް ދުނިޔެމަތީގައި އެއްވެސް ކަންބޮޑުވުމެއް ނެތެވެ. އެހެނީ، މާތް ﷲ ދެއްވި އެއްޗަކަށް ހުރަސް އެޅޭނޭ ދެވަނަ އެހެން ފަރާތެއް ނެތެވެ. އަދި އެއިލާހު ނުދެއްވާ އެއްޗެއް، ހޯދައިދެވޭނޭ އެހެން ފަރާތެއްވެސް ނެތެވެ. މިސަބަބަށްޓަކައި ޤަޞާޤަދަރަށް އީމާންވުމަކީ ނަފްސާނީ ބަލިތަކުގެ އެންމެ ބޮޑު އެއް ފަރުވާއެވެ. މިންވަރަށް އީމާންވުމަކީ، އުފާވެރިކަމާއި ހިތާމައާއި ދެމެދުގައި ވަކި ކޮށްދޭ ފާހަގައެވެ.

ދޭއް: މީސްތަކުންނަށް ހިނިތުންވުން

މީސްތަކުންނާ ބައްދަލުވާހިނދު ހިނިތުންވެލުމަކީ ދަރުމަޔާއި ސަވާބު ލިބޭ ހެޔޮ ކަމެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. “تَبَسُّمُكَ فِي وَجْهِ أَخِيكَ صَدَقَةٌ” رواه الترمذي މާނައީ: “ތިބާގެ އަޚާއާ ބައްދަލުވާހިނދު ހިނިތުންވެލުމަކީވެސް ސަވާބު ލިބޭ ހެޔޮ ޢަމަލެކެވެ.”

މޫނުމަތިން ހިތާމަވެރިކަން ފާޅުކުރުމާއި، އަބަދު ކަންބޮޑުވެފައި ހުރުމަކީ އުފާވެރިކަން ގެއްލިދާ ކަމެކެވެ. އުފާވެރި މޫނަކައިގެން މީސްތަކުންނާ ބައްދަލު ވެލުމަކީ ތިމާގެ ޙަޔާތްތައްވެސް އުފާވެރިކަން ގެނުވާ ކަމެކެވެ. އަދި މާޔޫސީއާއި އުންމީދު ކެނޑުންމުން ސަލާމަތްކޮށްދޭ ކަމެކެވެ.

ތިނެއް: ސަލާމް ކުރުން

ސަލާމް ކުރުމަކީ އަނެކާއަށް ކޮށްދެވޭ ދުޢާ އެކެވެ. އަދި އުފާވެރިކަން ގެނުވައިދޭ މަގުތަކުގެ ތެރެއިން މަގެކެވެ. އަދި މުޖްތަމަޢުގެ އެކުވެރިކަން އާލާކޮށްދީ އަމަންއަމާން ތަނަކަށް ހަދައިދޭ ކަމެކެވެ.

ސަލާމް ކުރުމަކީ ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތެކެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. “والَّذِي نَفْسِي بِيَدِهِ ، لا تَدْخُلُوا الجَنَّةَ حَتَّى تُؤْمِنُوا ، وَلا تُؤْمِنُوا حَتَّى تَحَابُّوا ، أوَلاَ أدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ ؟ أفْشُوا السَّلامَ بينكم ” رواه مسلم. މާނައީ: “ތިމަންކަލޭގެފާނުގެ ފުރާނަފުޅު އެއިލާހުގެ އަތްޕުޅުގައިވާ އިލާހު ގަންދެއްވައި ޙަދީޘްކުރައްވަމެވެ. ތިޔަބައިމީހުން އީމާންވުމަށްދާންދެން ތިޔަބައިމީހުންނަށް ސުވަރުގެ ނުވަދެވޭ ހުއްޓެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކު ދެކެ ލޯބިވާ ބަޔަކަށްވުމަށް ދާނދެން ތިޔަބައިމީހުންގެ އީމާންކަން ޞައްޙަ ނުވާހުއްޓެވެ. ތިޔަބައިމީހުން އެކަމެއް ކޮށްފިނަމަ، ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ލޯބިވެތިކަން އުފެދިދާނެ ކަމެއް ތިމަންކަލޭގެފާނު ވިދާޅުވެދެއްވަންހެއްޔެވެ؟ ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ސަލާމް ކުރުން އާންމު ކުރާށެވެ.” އެބަހީ: އެއް މުސްލިމަކު އަނެއް މުސްލިމަކީ ބައްދަލުވާ ހިނދު ސަލާމް ކުރުމަކީ އާދައެއް ކަމުގައި ހަދާށެވެ!

ހަތަރެއް: ހެޔޮ ކަންކަން ކޮށް، ހިލޭ ސާބަހަށް މަސައްކަތް ކޮށްދިނުން

ހެޔޮ ކަންކަން ކޮށް، އެއްވެސް ބަދަލަކަށް އެދުމަކާ ނުލާ، މީސްތަކުންނަށް އެހީތެރިވެދީ އުޅުމަކީ އުފާވެރިކަން ގެނެސްދޭ ކަމެކެވެ. ހާލުގައި ޖެހިފައިވާ މީހާއަށް އެހީވެދީ، މަގު ގެއްލިފައިވާ މީހާއަށް މަގު ދައްކައިދީ، ބަލިމީހުންނަށް ޒިޔާރަތްކޮށް، އުމުރުން ދޮށީ މީހުންނަށް އެހީތެރިވެ، ބޭނުން ޖެހިފައިވާ މީހާގެ ބޭނުންތައް ފުއްދައިދީ ހެދުމަކީ، ތިމާގެ ހަޔާތުގެ ބަނަކަމާއި އަދިރިކަން ފިލުވައިދޭކަމެކެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. “أَحَبُّ النَّاسِ إِلَى اللَّهِ أَنْفَعُهُمْ لِلنَّاسِ وَأَحَبُّ الأَعْمَالِ إِلَى اللَّهِ سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ أَوْ تَكْشِفُ عَنْهُ كُرْبَةً أَوْ تَطْرُدُ عَنْهُ جُوعًا أَوْ تَقْضِي عَنْهُ دَيْنًا” السلسلة الصحيحة (2/906)

މާނައީ: “މާތް ﷲ ގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މީހާއަކީ އޭނާގެ ފައިދާ މީސްތަކުންނަށް އެންމެ ބޮޑު މީހާއެވެ. އަދި މާތް ﷲ ގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ މުސްލިމެއްގެ ހިތަށް އުފާވެރިކަން ވައްދައިދިނުމެވެ. ނުވަތަ އޭނާގެ ހިތާމަ ފިލުވައި ދިނުމެވެ. ނުވަތަ ހައިހުނުކަން ފިލުވައި ދިނުމެވެ. ނުވަތަ އޭނާގެ ދަރަންޏެއް އަދާކޮށްދިނުމެވެ.”

ފަހެއް: ރަޙިމުގެ ގުޅުން ދެމެހެއްޓުން

އެންމެ ހެޔޮވެގެންވާ ޢަމަލުތަކުގެ ތެރޭގައި ގާތްތިމާގެކަމުގެ ގުޅުން ދެމެހެއްޓުން ހިމެނެއެވެ. އަދި އެކަމަކީ ތިމާގެ ޢުމުރު ދިގުކުރައްވައި ރިޒުގު ތަނަވަސް ކޮށްދެއްވާ ކަމެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “مَنْ سَرَّهُ أَنْ يُبْسَطَ لَهُ فِي رِزْقِهِ أَوْ يُنْسَأَ لَهُ فِي أَثَرِهِ فَلْيَصِلْ رَحِمَهُ” رواه البخاري ومسلم މާނައީ: “ތިމާގެ ރިޒުގު ތަނަވަސްވުމަށާއި، ޢުމުރު ދެންމެވުމަށް އެދޭ މީހާ، އޭނާގެ ގާތްތިމާގެކަމުގެ ގުޅުން ދަމަހައްޓާހުށިކަމެވެ.”

ރިޒުގު ތަނަވަސްވުމޭ އޮތް ބަސްފުޅުގެ މުރާދަކީ، ލިބެމުންދާ މިންވަރު އިތުރު ކޮށްދެއްވުމާއި، ރޯދީގައި ބަރަކާތް ލެއްވުމެވެ. އުމުރު ދެއްމެވުމަކީ، ފުރިހަމަ ޞިއްޙަތެއްގައި އޭނާގެ ދިރިއުޅޭ ދުވަސްތައް އިތުރުކޮށްދެއްވައި އެމީހާގެ ޢުމުރުގައި ބަރަކާތް ލެއްވުމެވެ.

ހައެއް: މާތް ﷲ ޛިކުރު ކުރުންމަތީ ދެމެހުރުން

ހެނދުނާއި ހަވީރުގެ ދުޢާތައް ކިޔުމާއި،ގެއަށް ވަންނަ ހިނދުގައްޔާއި ނުކުންނަ ވަގުތުގައި ކިޔާ ދުޢާއާއި، ސަވާރީއަށް އަރާ ކިޔާ ދުޢާއާއި، މަޖިލިސް ކޮށްނިމިގެން ކިޔާ ދުޢާއާއި، އިންސާނާއަށް ކުރިމަތިވާ އެކި ޙާލަތްތަކުގައި ކުރާނޭ ދުޢާތައްވެސް ސުންނަތުގައި ވާރިދުވެގެންވެއެވެ. މާތް ﷲ ޛިކުރު ކުރުމާއި، ދުޢާ ކުރުމަކީ ހިތް ތަނަވަސްވެ، ހިތްހަމަޖެހުން ލިއްބައިދޭ ކަމެކެވެ.

މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿ أَلاَ بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ ﴾ [الرعد: 28] މާނައީ: “ހިތްތަކަށް ހަމަޖެހުން ލިބެނީ ﷲ ހަނދުމަކުރުމުން ނޫން ހެއްޔެވެ؟”

ހިތާމަ ފިއްލަވައި ދެއްވުން އެދި ކުރާނޭ ދުޢާވެސް ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ އުއްމަތަށް އުނގަންނަވައި ދެއްވާފައެވެ. އެދުޢާއަކީ:

«اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الهَمِّ وَالحَزَنِ، وَالعَجْزِ وَالكَسَلِ، وَالجُبْنِ وَالبُخْلِ، وَضَلَعِ الدَّيْنِ، وَغَلَبَةِ الرِّجَالِ»

ހަތެއް: އިސްތިޣުފާރު ކުރުން (ފާފަ ފުއްސެވުން އެދި ދުޢާ ކުރުން)

ފާފަ ފުއްސެވުން އެދި ދުޢާ ކުރުމަކީ ތިމާގެ ކިބައިގައި ބަރަކާތް ލައްވައި، ދިރިއުޅުން ބާޖަވެރި ކުރައްވައި ހިތާމަތައް ފިއްލަވައި ދެއްވާ ކަމެކެވެ. އިސްތިޣުފާރު ކުރަމަށް ކިޔާނޭ ދުޢާތަކުގެ ތެރޭގައި އަންނަނިވި ޒިކުރު ހިމެނެއެވެ. “اسْتَغْفِرِ اللَّهَ وَتُبْ إِلَيْهِ”

އަށެއް: ކިތަންމެ މަދު މިންވަރަކުން ނަމަވެސް ޞަދަޤާތް ކުރުން

ކިތަންމެ މަދު މިންވަރަކުން ނަމަވެސް ޞަދަޤާތް ކުރުމަކީ ތިމާގެ މުދަލާއި ދިރިއުޅުމުގައި ބަރަކާތް ލައްވާ ކަމެކެވެ.

ނުވައެއް: ދީނީ ދަރުސްތަކާއި ޤުރްއާން ކިޔެވޭ މަޖިލިސްތަކަށް ޙާޟިރުވުން

ދިނީ ދަރުސްތަކާއި، ކީރިތި ޤުރްއާނާއި ޛިކުރުގެ މަޖިލިސްތަކަށް މަލާއިކަތުން ފައިބައިވަޑައިގަންނަވައެވެ. އަދި އެ ޖަމިލިހުގެ މީހުންނަށް މާތް ﷲ މަޑުމޮޅިކަމާއި ހަމަޖެހުން ބާވައިލައްވައެވެ.

ދިހައެއް: ހެޔޮ ކަންކަމަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުން

މުންކަރާތްތައް ނަހީ ކުރުމަކީ އެކަމުގެ ސަބަބުން މާތް ﷲ ގެ ރުއްސެވުން ޙާޞިލުވެ މުޖްތަމަޢުގެ އެންމެގެ ކިބައިގައި ބަރަކާތް ލައްވައި، މާތް ﷲ ގެ ކޯފާއާއި ޢަޛާބު ދުރުކޮށްދޭ ކަމެކެވެ. މުންކަރާތްތައް މަނާކުރުމުގެ ތިން ދަރަޖައެއް ވެއެވެ. އެއީ؛

⇐ އަތުން މަނާ ކުރުމެވެ. އެބަހީ ބާރުގެ ބޭނުންކޮށްގެން މަނާކުރުމެވެ. އަތުން މަނާ ކުރުމުގެ އަހުލުވެރީންނަކީ، މުޖްތަމަޢުގެ އަމަން ބަލަހައްޓާ ފަރާތްތަކާއި، ދަރިން ތަރުބިއްޔަތަކުރާ ފަރާތްތަކެވެ.

⇐ ދުލުން މަނާކުރުމެވެ. އެބަހީ ނަޞީޙަތްދީ، ވިސްނައިދީ ބުނެދީގެން މަނާކުރުމެވެ.

⇐ ހިތުން މަނާ ކުރުމެވެ. އެއީ، މާތް ﷲ ނަހީ ކުރެއްވި ކަންކަމަށް އަރައިގަންނަ މަޖިލީސްތަކާއި އެއްކިބާވެ، އެކަންމުން ދުރުހެލިވެ ނުރުހުންވާކަން ތިމާގެ ޢަމަލު ހާމަކުރުމެވެ.

Copyright 2021 © Sheikh Hassan Moosa Fikree