އެޕްރީލް 12، 2020

ވަބާތަކާއި ބަލިމަޑުކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންތައް

ބަލިތަކުން ރައްކާތެރިވުމަށާއި، ބޭސްފަރުވާ ކުރުމަށް އިސްލާމް ދީނުގައި ބާރު އަޅުއްވައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. ”تَدَاوَوْا عِبَادَ اللَّهِ فَإِنَّ اللَّهَ تَعَالَى لَمْ يُنْزِلْ دَاءً إِلَّا وَقَدْ أَنْزَلَ لَهُ شِفَاءً إِلَّا هَذَا الْهَرَمَ“ رواه الحكام މާނައީ: ”އޭ ﷲ ގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ބޭސްފަރުވާ ކުރާށެވެ! ފަހެ ހަމަކަށަވަރުން، މަރުބަލި ފިޔަވައި، މާތް ﷲ އެބައްޔަކާއެކު އޭގެ ޝިފާ ބާވައިނުއްލަވާ އެއްވެސް ބައްޔެއް ނުލައްވައެވެ.“

އަދި ހަމައެފަދައިން ބަލިތަކުން ރައްކާތެރިވެ، ބަލި ޖެހުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް ވަނީ އިރުޝާދު ދެއްވާފައެވެ. އެއާކު މިފަދަ ބަލިތަކާއި މުޞީބާތްތަކުން ރައްކާތެރިވުމަށް ޝަރުޢީގޮތުން ކުރެވިދާނެ އެތައްކަމެއް މިމާތް ދީނުގައި ވަނީ ބަޔާންކޮށްދެއްވާފައެވެ. އެގޮތުން،

އެކެއް: އިސްތިޣްފާރު ކުރުން

ގިނަގިނައިން އިސްތިޣްފާރު ކުރުމަކީ ރޯދި ބަރަކާތް އިތުރު ކުރައްވައި، ބަރަކާތް ލައްވައި މާތް ﷲ ގެ ކޯފާއާއި މުޞީބާތްތަކުން މިންޖު ކޮށްދެއްވާ ކަމެކެވެ. އިސްތިޣުފާރު ކުރުމަކީ ފާފަ ފުއްސެވުން އެދި ދެންނެވުމެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ”وَمَا كَانَ اللّهُ لِيُعَذِّبَهُمْ وَأَنتَ فِيهِمْ وَمَا كَانَ اللّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ“ (الأنفال: 33) މާނައީ: ”އަދި ކަލޭގެފާނު އެއުރެންގެ މެދުގައި ހުންނަވަނިކޮށް، اللَّه، އެއުރެންނަކަށް އަޒާބެއް ނުދެއްވާނެތެވެ. އަދި އެއުރެން އިސްތިޣުފާރު ކޮށްކޮށް ތިއްބައި، اللَّه، އެއުރެންނަކަށް އަޒާބެއް ނުދެއްވާނެތެވެ.“

ކައުނުގައި ހިނގާ ކަންތައްތަކުގެ ތެރެއިން، ބިރުވެރި ކަމެއް އިޙުސާސްކުރެވޭ ކަމެއް ކުރިމަތިވެއްޖެނަމަ މާތް ﷲ ޒިކުރުކޮށް އިސްތިޣުފާރުކޮށް ތަސްބީޙަކިޔުމަކީ ސުންނަތުން ސާބިތުވާ ކަމެކެވެ.

އަބޫ މޫސާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. (އެއްދުވަހެއްގައި) އިރުކޭތަ ހިފުމާއެކު، ޤިޔާމަތް ވެދާނޭކަމަށް ބިރުވެތިވެވަޑައިގެން ކަންބޮޑުވެވަޑައިގެން ނަބިއްޔާ صلى الله عليه وسلم މިސްކިތަށް ވަޑައިގަތެވެ. އެކަލޭގެފާނު އެހާ ދިގުކޮށް ޤިޔާމާއި، ރުކޫޢުއާއި ސުޖޫދުގައި ހުންނަވަނިކޮށް ދުވަހަކުވެސް ފެނިފައިނުވާހާ ދިގުކޮށް ނަމާދުކުރެއްވިއެވެ. އެއަށްފަހު ޙަދީޘް ކުރެއްވިއެވެ. ”هَذِهِ الآيَاتُ الَّتِي يُرْسِلُ اللَّهُ، لاَ تَكُونُ لِمَوْتِ أَحَدٍ وَلاَ لِحَيَاتِهِ، وَلَكِنْ يُخَوِّفُ اللَّهُ بِهِ عِبَادَهُ، فَإِذَا رَأَيْتُمْ شَيْئًا مِنْ ذَلِكَ، فَافْزَعُوا إِلَى ذِكْرِهِ وَدُعَائِهِ وَاسْتِغْفَارِهِ“ رواه البخاري ومسلم މާނައީ: ”މިއީ މާތް ﷲ ގެ ކުޅަދުންވަތަކަމުގެ ހެކިތަކުގެ ތެރެއިން އެއިލާހު ދައްކަވާ ކަންކަމެވެ. މިއިން ކަމެއް އެއްވެސް މީހެއްގެ މަރު ނުވަތަ ދިރުމާއި ގުޅިގެން ނުހިނގާނެއެވެ. އެހެނެއްކަމަކު އެއީ އެއިލާހުގެ އަޅުތަކުން ބިރުވެތިކުރެއްވުމަށް ދައްކަވާ ކަންކަމެވެ. އެއިން ކަމެއް ފެނިއްޖެނަމަ މާތް ﷲ ޒިކުރުކޮށް ދުޢާކޮށް އިސްތިޣްފާރު ކުރުމަށް އަވަސްވެގަންނާށެވެ.“

ދޭއް: ދުޢާ ކުރުން

ކޭތަ ހިފުމާ ވިދިގެން މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅުތަކުގެ ބައެއް ރިވާޔަތްތަކުގައިވެއެވެ. ”فَإِذَا رَأَيْتُم ذَلِكَ فَادْعُوا الله، وَكَبِّرُوا، وَصَلُّوا، وَتَصَدَّقُوا“ روا البخاري މާނައީ: ”ތިޔަބައިމީހުންނަށް އެކަން (ކޭތަ ހިފާތަން ފެނިއްޖެނަމަ) މާތް ﷲ އަށް ދުޢާކޮށް، ތަކްބީރުކިޔައި، ނަމާދުކޮށް ޞަދަޤާތްކޮށް ހަދާށެވެ.“ މިޙަދީޘްގެ ޝަރަޙައިގައި ބައެއް ބޭކަލުން ވިދާޅުވެފައިވެއެވެ. މި ބަސްފުޅުގައި އެވަނީ މުޞީބާތްތަކުން ރައްކާތެރިކަން އެދި ދުޢާކޮށް ނަމާދުކޮށް ޞަދަޤާތްކޮށް ހެދުމަށް އިތުރު އެކަލޭގެފާނު ކުރެއްވި އަމުރުފުޅެކެވެ.

އިބްނުލް ޤައްޔިމު رحمه الله ވިދާޅުވެފައިވެއެވެ. ”ދުޢާ އަކީ އެންމެ ފައިދާ ކުރަނިވި ފަރުވާއެވެ. އަދި ދުޢާއަކީ މުޞީބާތްތަކުގެ ޢަދުއްވެކެވެ. (ދުޢާއިން) އެކަންކަން ދުރުކޮށްދީ ފަރުވާދެއެވެ. އަދި އެކަންކަން ލައިގަތުމުން ރައްކާތެރިކޮށްދެއެވެ.“

ތިނެއް: ޞަދަޤާތް ކުރުން

ޞަދަޤާތް ކުރުމަކީ ހުރިހާ ދަތިކަމެއް ފިއްލަވައި ދެއްވަނިވި އަޅުކަމެކެވެ. އިސްވެ ބަޔާންކުރެވުނު ޙަދީޘްފުޅުގެ ޝަރަޙައިގާ އަލްއިމާމު އިބްނު ދަޤީޤު رحمه الله ވިދާޅުވެފައިވެއެވެ. ”މި ޙަދީޘްފުޅުން އެނގޭގޮތުގައި ބިރުވެރިކަމެއް ލައިގަތުމުން ޞަދަޤާތް ކުރުމަކީ އެ މުޞީބާތުން ސަލާމަތްކޮށްދެއްވުމުގެ ސަބަބެކެވެ.“

ބައެއް ބަސްފުޅުގައިވެއެވެ. ”دَاوُوا مَرْضَاكُم بِالصَّدَقَة“ ”ތިޔަބައިމީހުންގެ ބަލިމީހުންނަށް ފަރުވާކުރުމުގެ ގޮތުން ޞަދަޤާތް ކުރާށެވެ.“ މިއީ ޟަޢީފު ޙަދީޘެއްކަމުގައިވިޔަސް މިބަހުގެ މާނަ ޞައްޙަކަމުގައި ޢިލްމުވެރިން ދެކެލައްވައެވެ. އެބަހީ ޞަދަޤާތް ކުރުމަކީ ބަލިތަކުން ފަސޭހަކޮށްދެއްވާ ކަމެކެވެ. އަދި ޞަދަޤާތް ކުރުމަކީ ޝިފާ ދެއްވުން އަވަސްކޮށްދެއްވާ ކަމެއްކަމުގައި ބައެއް ބޭކަލުންގެ ތަޖުރިބާގެ މައްޗަށް އެބޭކަލުން ވިދާޅުވެފައިވެއެވެ.

ހަތަރެއް: ތައުބާވުން

ގިނަގިނައިން ތައުބާވެ، ތިމާއަށް އެނގިގެންނާއިން ނޭނގި ވެވިފައިހުންނަ ކުށްފާފަތައް ފުއްސެވުން އެދި ދުޢާ ކުރުމަކީ މާތް ﷲ އެ އަޅެއްދެކެ ލޯބިވެވޮޑިގެންވުމުގެ ސަބަބެކެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ. ”إِنَّ اللّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ“ (البقرة: 222) މާނައީ: ”ހަމަކަށަވަރުން، ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ. އަދި ޠާހިރުވާ މީހުން ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ.“

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. ”احْفَظِ اللهَ يَحْفَظْكَ، احفظِ اللهَ تَجِدْهُ تُجاهَك“ رواه الترمذي މާނައީ: ”ތިބާ ﷲ ގެ ޢަމުރުފުޅުތަކަށް ރައްކާތެރިވާށެވެ. އެއިރުން ﷲ ތިބާ ރައްކާތެރިކޮށްދެއްވާނެއެވެ. ތިބާ ﷲ ގެ އަމުރުފުޅުތަކަށް ރައްކާތެރިވާށެވެ. އޭރުން އެކަލާނގެ ތިބާގެ އެންމެހައި ކަމެއް ހިންމަވައިދެއްވުމުގައި ވޮޑިގެންވާތީ، ތިބާ ދެކޭނެއެވެ.“

ފަހެއް: ހެނދުނާ ހަވީރުގެ ދުޢާތައް ކިޔުން

ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަރިހުން ވާރިދުވެފައިވާ ދުޢާތަކުގެ ތެރޭގައި ތިމާގެ އަމިއްލަ ރައްކާތެރިކަމާއި، ދުޅަހެޔޮކަމާއި ޢާފިޔަތަށް އެދި ކުރާނޭ އެތަކެއް ދުޢާތައް ހިމެނެއެވެ. އޭގެ ތެރެއިންވެސް ވަކިން ޚާއްޞަކޮށް ހެނދުނާއި ހަވީރު ކިޔުމަށް ވާރިދުވެފައިވާ ދުޢާތައް ފާހަގަކޮށްލެވެއެވެ. އެފަދަ ދުޢާތަކުގެ ތެރޭގައި އަންނަނިވި ދުޢާ ހިމެނެއެވެ.

ޢުޘްމާން رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ”ކޮންމެ ދުވަހަކު ހެނދުނާއި، ކޮންމެ ރެއެއްގެ އިރާކޮޅު މިފަދައިން ތިންފަހަރު ކިޔަފައި މީހާއަށް އެއްވެސް އެއްޗަކުން ގެއްލުމެއް ނުލިބޭހުއްޓެވެ.“ ”بِسْمِ اللَّهِ الَّذِي لاَ يَضُرُّ مَع اسْمِهِ شَيْءٌ في الأرضِ وَلاَ في السماءِ وَهُوَ السَّمِيعُ الْعلِيمُ“ މާނައީ: ”ﷲ ގެ އިސްމުފުޅުގެ ބަރަކާތާއެކު އުޑުތަކުގައިވާ އެއްޗެއް ވިއަސް އަދި ބިމުގައިވާ އެއްޗެއް ވިއަސް ގެއްލުމެއް ނުދޭހުއްޓެވެ. އަދި އެކަލާނގެއީ، އައްސަވައިވޮޑިގެންވާ ބައްލަވާވޮޑިގެންވާ އިލާހެވެ.“

ވީމާ، ކުރިމަތިވާ މުޞީބާތްތަކާއި، ވަބާތަކުން ސަލާމަތްވުމަށް، ސަބަބުތަކުގައި ހިފުމާއެކު، ދީނުގައި އަންގަވާފައިވާ ގޮތުގެ މަތީން ޢަމަލުތައް ބެހެއްޓުމަށް އަޅުގަނޑުމެން އެންމެންވެސް އަވަސްވެގަންނަމާތޯއެވެ!

Copyright 2021 © Sheikh Hassan Moosa Fikree