އެޕްރީލް 12، 2020

މަސްތުވާތަކެއްޗާއި ޖުވާކުޅުން: ޒުވާންޖީލުތަކުގެ ހަލާކު

ޒުވާނުން ތަރުބިއްޔަތު ކުރުމަށާއި ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމަށް އިސްލާމް ދީން ބާރުއަޅާ މިންވަރަށް ދުނިޔޭގެ އެއްވެސް ޤާނުނެއްގައި ނުވަތަ އެއްވެސް އިޤްތިޞާދީ ޕްލޭނެއްގައިވެސް ބާރުއަޅާފައެއް ނުވެއެވެ. އެހެނީ ވަގުތުތައް ބޭކާރުގޮތުގައި ނަގާނުލުމަށާއި، ތިމާޔަށާއި އަނެކުންނަށް ފައިދާހުރި މަސައްކަތެއް ކުރުމަށް އިސްލާމް ދީން ބާރުއަޅައި އަމުރު ކުރެއެވެ. ހަމައެފަދައިން އަނެކުން ހޯދާފައިހުންނަ ޙަލާލު މުދާތައް ބާޠިލުގޮތުގައި އަތުލައިގަނެ، އެމުދަލުގެ ޙުރުމަތްކެނޑުންވެސްވަނީ ނަހީކުރެއްވިގެންނެވެ. އަދި މަކަރާއި ޙީލަތާއި އޮޅުވާލުމުގެ ތެރެއިން އަނެކާގެ މުދާތަކަށް އަރައިގަތުންވެސްވަނީ މިދީނުގައި މަނާކުރައްވާފައެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. “يَا أَيُّهَا الَّذِينَ آمَنُواْ لاَ تَأْكُلُواْ أَمْوَالَكُمْ بَيْنَكُمْ بِالْبَاطِلِ إِلاَّ أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ وَلاَ تَقْتُلُواْ أَنفُسَكُمْ إِنَّ اللّهَ كَانَ بِكُمْ رَحِيماً * وَمَن يَفْعَلْ ذَلِكَ عُدْوَاناً وَظُلْماً فَسَوْفَ نُصْلِيهِ نَاراً وَكَانَ ذَلِكَ عَلَى اللّهِ يَسِيراً) (النساء : 29-30 ) މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އެއްބަޔަކު އަނެއްބައެއްގެ މުދާތައް ބާޠިލު ގޮތުގައި ތިޔަބައިމީހުން ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ތިޔަބައިމީހުން ޤަތުލު ނުކުރާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް އޯގާވަންތަ ރަސްކަލާނގެ ކަމުގައި ﷲ ވޮޑިގެންވެއެވެ. * ދެކޮޅުވެރިކަމާއި، އަނިޔާވެރިކަމުގެގޮތުން އެކަންތައް ކުރާމީހާ (ދަންނާށެވެ!) ފަހެ ތިމަންރަސްކަލާނގެ އެމީހަކު ނަރަކަޔަށް ވައްދަވާހުށީމެވެ. އަދި، އެކަންތައް އެއީ، މާތް ﷲ އަށް ދާދި ފަސޭހަކަމެއް ކަމުގައިވެއެވެ.”

އަޅުގަނޑުމެންގެ މުޖްތަމަޢުއަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް އާފާތަކީ މީސްތަކުންގެ މުދާތަކުގެ މައްޗަށް ބާޠިލުގޮގައި އަރައިގަތުމުގެ މައްސަލައެވެ. ޣަޞްބުން ފޭރުމާއި، ވައްކަމާއި، ޚިޔާނާތާއި، މަކަރާއި ޙީލަތާއި އޮޅުވައިލުމާ މިފަދަކަންތައްތަކުގެ އިތުރުން ޖުވާކުޅުމާއި، ބޭކާރު ގޮތުގައި މުދާތައް އިސްރާފުކުރުމުގެ އެކި ދާއިރާތައް ދުވަހެއް ދުވަހަކަށް މިދަނީ އަޅުގަނޑުމެންގެ މުޖްތަމަޢަށް ތަޢާރަފުވަމުންނެވެ. ލޮޓަރީ ނުވަތަ ނަސީބު ކޫޕަންގެ ބަދަލުގައި އެކިއެކި ހަދިޔާ ޕުރޮގުރާމުތަކުގެ ތެރެއިންވެސް އެސްއެމްއެސްގެ ޛަރީޢާއިން ޖުވާގެ މުޢާމަލާތާއި އެއްފަދަ ޕުރޮގުރާމުތައް ފާޅުގައި ކުރިއަށް އެބަދެއެވެ. މިފަދަ ކަންކަމާއިމެދު ވިސްނާލުމެއް ފިކުރުކޮށްލުމެއްނެތި އެކަންކަމުގައި ބައިވެރިވާމީހުންގެ އަދަދުވެސް ނުހަނު ގިނައެވެ.

އިސްވެބަޔާންކުރެވުނު އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެވަނީ މީސްތަކުންގެ މުދާތައް ބާޠިލު ގޮތުގައި ކެއުންމަށް ބޭނުންކުރެވޭ ހުރިހާ ވަޞިލަތްތަކަކާއި ދާއިރާތަކެއް ޖުމްލަ ގޮތެއްގައި ނަހީކުރައްވާފައެވެ. ދީނުގައި އެކެއްގެ މުދާ އަނެކަކަށް ހުއްދަވާނީ އޭނާގެ ރުޙުމާއެކުގައެވެ. ނޫނީ ދެވޭ ހަދިޔާއެއްގެ ގޮތުގައެވެ. ނުވަތަ ހިބައިކޮށްދީގެންނެވެ. ނޫނީ ދެފަރާތުން ރުހިގެން ހިންގޭ ވިޔަފާރީގެ މުޢާމަލާތެއްގެ ގޮތުގައެވެ. އެއީވެސް އިސްލާމް ދީނުގައި ނަހީކުރައްވާފައިވާ ވިޔަފާރީގެ ދާއިރަތައް ފިޔަވައިއެވެ. ޙަރާމްގޮތުގައި ހޯދާ ތަކެތި ކައިގެން އުފެދިފައިވާ ހަށިގަނޑެއް އައުލާވެގެންވަނީ ނަރަކަޔަށް ކަމުގައި ބައެއް ބަސްފުޅުތަކުގައިވެއެވެ.

އެފަދަ ޙަރާމް ވިޔަފާރީގެ ތެރޭގައި ޖުވާކުޅުން ހިމެނޭކަމާއި، ކީރިތި ޤުރްއާނުގައި ޞަރީޙަ ޢިބާރާތުން މާތް ﷲ އެކަންކަން ނަހީކުރައްވައި އެއާ ދުރުވުމަށްވެސް ވަނީ އަންގަވާފައެވެ. ޤިމާރު ނުވަތަ ޖުވާކުޅުން މާތް ﷲ ޙަރާމްކުރައްވައި އެއަށް މައިސަރުގެ ނަންދެއްވިއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. “يَا أَيُّهَا الَّذِينَ آمَنُواْ إِنَّمَا الْخَمْرُ وَالْمَيْسِرُ وَالأَنصَابُ وَالأَزْلاَمُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ * إِنَّمَا يُرِيدُ الشَّيْطَانُ أَن يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاء فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ اللّهِ وَعَنِ الصَّلاَةِ فَهَلْ أَنتُم مُّنتَهُونَ) (المائدة: 90، 91) މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި ނަޞީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކައެވެ. * ޝައިޠާނާ އެދޭކަންކަށަވަރީ، ރާއާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި ޢަދާވާތްތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި ﷲ ހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ. ފަހެ، ތިޔަބައިމީހުން ތިޔަތިބީ އެކަންތައްތައް ހުއްޓާލަންހެއްޔެވެ؟ (އެބަހީ: ހުއްޓާލާށެވެ!)”

މައިސަރު ނުވަތަ ޖުވާކުޅުމުގެ ބާވަތްތައް މާތް ﷲ ޙަރާމް ކުރައްވާފައިވަނީ އޭގައި މީސްތަކުންގެ މުދާ ބާޠިލުގޮތުގައި، ކެއުން ހިމެނޭތީއެވެ. އެހެންކަމުން ޖުވާކުޅުން ނުވަތަ ޤިމާރު އާއި މައިސަރު އަކީ އެންމެ ބޮޑެތި ފާފައިތަކުގެ ތެރެއިންހިމެނޭ ފާފައެއްކަމުގައި ދީނުގައިވަނީ ކަނޑައަޅުއްވާފއެވެ.

އިސްވެ ބަޔާންކުރެވުނު އާޔަތުގައި މައިސިރު (ޖުވާކުޅުން) ގެންނަވާފައި އެވަނީ ރަލުގެ ވާހަކައާ އެކުގައެވެ. އަދި މާތް ﷲ އަށް ޝިރުކުރުމަށް ބޭނުންކުރެވޭ ވަސީލަތްތަކުން އެއްކިބާވުމަށް ކުރެއްވި އަމުރުފުޅާއެކުގައެވެ. އެހެންކަމުން ޖުވާކުޅުމުގެ ނުބައިކަން މިއާޔަތުން ޞަރީޙަކޮށް އެނގިގެން ދެއެވެ.

ޖުވާކުޅުން ޙަރާމްވުމުގެ އެއް ޙިކުމަތަކީ، މީސްތަކުން ޙަލާލުތަކެތިން ރިޒުޤު ހޯދުމަށް މަސައްކަތްކުރާ ބަޔަކަށް ހެއްދެވުމަށް ބާރުއެޅުއްވުމުގެ ގޮތުންނެވެ. ޙަލާލު މަސައްކަތަކުން އާމުދަނީ ހޯދުމަށް ހިތްވަރު ދެއްވުމަށެވެ. އެއީ ޙަލާލު ވިޔަފާރީގެ ބާވަތަކުން ކަމުގައިވިޔަސް ނުވަތަ ތިމާދަންނަ މަސައްކަތަކުން ކަމުގައިޔަސް ނޫނީ އެރޮގަކުން ތިމާއަށް ހުނަރުވެރިކަން ލިބިފައިވާ ރޮގެއްގައި މަސައްކަތްކޮށްގެން ލިބޭ އާމްދަނީއަކުންވިޔަސް މެއެވެ.

ޖުވާކުޅުން އޭގެ ޒާތުގައި ބިނާވެފައިވަނީ ތިމާއަށް މެދުވެރިވެދާނޭ ހެޔޮ ފާލެއްގެ މައްޗަށް ކުރެވޭ އުއްމީދުތަކަކަށެވެ. އެހެން ގޮތަކަށް ދަންނަވަނީނަމަ ނަސީބުގެ މައްޗަށެވެ. އަދި ގިނަފަހަރު މަކަރާއި ހީލަތާއި އޮޅުވާލުމުގެ މައްޗަށެވެ. ދޮގު ހުވަފެންތަކަކާއި މަސައްކަތެއް ކުރުމެއްނެތި ކުރެވޭ އުންމީދުތަކެއްގެ މައްޗަށެވެ. އެއީ ތިމާ ހެއްދެވި ފަރާތަށް ބަރޯސާވުމުން ދުރުކުރުވައި އެކަލާނގެއަށް ވަކީލު ކުރުމުން އެއްކިބާ ކުރުވާކަމެކެވެ. އަދި ދީނުގައި ހުއްދަ ކުރައްވާފައިވާ ދުނިޔަވީ މަސައްކަތްތައް ދަސްކުރުމާއި، މަސައްކަތްތެރިކަމުގެ ރޮނގުން އެއްކިބާ ކުރުވާކަމެކެވެ. އެހެނީ އިސްލާމް ދީނުގެ ނަޒަރުގައި ޙަލާލު މުދަލަކީ ޙުރުމަތްތެރިވެގެންވާ މުދަލެވެ. މުސްލިމެއްގެ ޙުރުމަތްތެރިކަން ފަދައިން އޭނާގެ މުދަލާއި އޭނާގެ ޢަބަރުވުސް ހުރުމަތްތެރިވެގެން ވެއެވެ.

ބުރަ މަސައްކަތުން ހޯދާފައިވާ ޙަލާލު މުދާ ބާޠިލު ގޮތުގައި ހޭދަކުރުމާއި، ޙަރާމް ކަންތައްތަކަށް ހޭދަކުރުން ހުއްދަވެގެންނުވެއެވެ. އަދި އެހެންމީހެއްގެ މުދާ ބާޠިލުގޮތުގައި ހޯދައިގަތުންވެސް ހުއްދަވެގެން ނުވެއެވެ. ކީރިތި  ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “كُلُّ الْمُسْلِمِ عَلَى الْمُسْلِمِ حَرَامٌ دَمُهُ وَمَالُهُ وَعِرْضُهُ” މާނައީ: “އެއްމުސްލިމެއްގެ މައްޗަށް އަނެއް މިސްލިމެއްގެ ހުރިހާ ކަމެއް ޙަރާމްވެގެންވެއެވެ. އޭނާގެ ލެޔާއި އޭނާގެ މުދަލާއި އޭނާގެ ޢަބުރެވެ.” އެބަހީ އެތަކެއްޗަށް އަރައިގަތުން އެކަކު އަނެކަކުގެ މައްޗަށް ޙަރާމްވެގެންވެއެވެ.

ޤިމާރު ނުވަތަ ޖުވާކުޅުން ޙަރާމްވެގެންވުމުގެ އަނެއް ސަބަބު ޞަރީޙަކޮށް ސާފު ޢީބާރާތުން އިސްވެބަޔާންކުރެވުނު އާޔަތުގައި މާތް ﷲ އެވަނީ އަންގަވާފައެވެ. އެއީ މީސްތަކުންގެ މެދުގައި ރުޅިވެރިކަމާއި ދެކޮޅުވެރިކަން އުފައްދާ އެއްޗެއް ކަމުގައިވާތީއެވެ. އެފަދަ ކުޅިވަރެއްގައި ރުހުމުގެ މަންޒަރު ބޭރުފުށަށް ފާޅުކުރިއެއްކަމަކު ގިނަ މުދާތަކެއް އެފަހަރާ ގެއްލި ކުޅިވަރުގައި ނާކާމިޔާބުވާ މީހާގެ ހިތުގައި ޢަދާވާތްތެރިކަމާއި ޙަސަދަވެރިކަން ތާއަބަދުމެ އޮވެއެވެ. އަދި އަނެކާގެ އަތުގައިހުރި ފައިސާއަށް ދަހިވެތިވުމުގެ ރޫޙު އާލާވެ، މަކަރާއި ޙީލަތާއި އޮޅުވާލައިގެންނަމަވެސް އެތަކެތި ހޯދުމުގެ ނިޔަތެއް ހިތުތެރޭގައި ފޮރުވިފައި އޮވެއެވެ.

ޖުވާކުޅުމުގެ ގެއްލުން ސީދާ ގޮތުންނާއި ނުސީދާގޮތުންވެސް މުޖްތަމަޢަށް ކުރެއެވެ. ބަޔާންވެދިޔަ ޢަދާވަތްތެރިކަމުގެ ރޫޙުގައި މާރާމާރީ ހިންގުމާއި އަނިޔާވެރިކަން މުޖްތަމަޢުގައި ފެތުރިގެންދެއެވެ. ނުސީދާކޮށް ކުރިމަތިވާ ގެއްލުންތަކުގެ ތެރޭގައި މުޖްތަމަޢުގެ ހިންގުތެރި ޒުވާނުންގެ ބޭނުން ކެޑިދިޔައީއެވެ. މުޖްތަމަޢުގެ ދެއަތާއި ދެފައި ވާގިނެތި އައްސިވީއެވެ. ޙަލާލު ގޮތުގައި މުދާހޯދުމަށް ކުރެވޭ މަސައްކަތްތަކަށް ހުއްޓުމެއް އައިސް، ދިރިއުޅުމުގައި މަސައްކަތްތައް ދަންނަ ޒުވާނުން ޖީލުތަކެއް ނެތިގެން ދިޔައީއެވެ.

މާތް ﷲ ގެ ބަސްފުޅުގެ ތެދުކަމާއެވެ! ރަލާއި ޖުވާކުޅުން މާތް ﷲ އެކުއެކުގައި އެއާޔަތުގައި ގެންނަވާފައިވުމުން އޭގެ ގެއްލުންތައް އެއްފަދަވެގެންވާކަމުގެ މައްޗަށްވެސް އިޝާރާތް ކުރެއެވެ. އިސްވެ މިދެންނެވި އަސަރުތައް މަސްތުވާތަކެތީގައިވެސް ހުރެއެވެ. އޭގެ ގެލުން ފަރުދުންނަށާއި މުޖްތަމަޢަވެސް ނުހަނު ބޮޑެވެ. ޖުވާކުޅުންވެސް ހަމައެފަދައެވެ. ރަލާއި ޖުވާކުޅުން މެދުވެރިކޮށް މީސްތަކުންގެ މެދުގައި ދެކޮޅުވެރިކަމާއި ރުޅިވެރިކަން އުފެއްދުމަށް ޝައިޠާނާ މަސައްކަތްކުރާކަން އެވަނީ އަންގަވާފެވެ. މަސްތުވާތަކެއްޗާއި ޖުވާގެ ކުޅިވަރުތައް ފެތުރިފައިވާ މުޖްތަމަޢުތަކަކީ މިއާޔަތުގެ ދެތުކަމުގެ މައްޗަށް ހުރި ދާލީލެކެވެ.

މިފަދަ ނުރައްކާތެރިކަންބޮޑު އިޖްތިމާޢި ބަލިތަކުން އަޅުގަނޑުމެން ސަލާމަތް ކުރައްވާދޭވެ! އާމީން.

(މި ލިޔުމަކީ ރާއްޖެއިސްލާމް.ކޮމް ގައި މީގެ ކުރިން ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.)

Copyright 2021 © Sheikh Hassan Moosa Fikree