އޮގަސްޓު 21، 2015

ސެކިޔުލަރިޒަމް (ޢަލްމާނިއްޔަތު)

الحمد لله ، والصلاة السلام على رسول الله ، وبعد:

ޢަލްމާނިއްޔަތު ނުވަތަ ސެކިއުލަރިޒަމް އަކީ، ދީނާއާއި ޢަޤީދާއާއި އަޅުކަމާއި، އެނޫން އެންމެހާ އިޖްތިމާޢީ ކަންކަންކަމާ ވަކިކޮށްލުމުގެ ފިކުރެވެ. ދިރިއުޅުމުގެ މައިދާނުގެ އެއްވެސް ކަމެއްގައި ދީނުގެ އަސަރު އެކުލެވިގެން ނުވާނެކަމުގައި ޤަބޫލުކުރާ ޤަބޫލު ކުރުމެކެވެ. ދީނަކީ ތިމާގެ ވެރިރަސްކަލާނގެއާއި ތިމާއާ ދެމެދުގައި އޮންނަން ޚާއްޞަ ގުޅުމެއްކަމުގައި ބުނާ ފިކުރެކެވެ. ދީނީ ގޮތުން ލާޒިމުކުރާ ކަންކަމަކީ އަޅުކަންކުރުމުގައި އެކަނި ތަބާވާންޖެހޭ ކަންތައްތަކެއް ކަމުގައި ދެކޭ ދެކުމެވެ. ވަޒީފާގެ މައިދާނުގައާއި ތަޢްލީމު ޙާޞިލު ކުރުމުގައާއި ވިޔަފާރީގެ މައިދާނާއި އަދި މިނޫންވެސް އިޖްތިމާޢީ އެއްވެސް މުޢާމަލާތެއްގައި ދީނުން ލާޒިމުކުރާ ކަމެއް ނުހިމެނުމުގެ ފިކުރެވެ.

މިއަދު ހުޅަނގެ ޤައުމުތަކުގައި، ވަޒީފާގެ މައިދާނުގައި އާއި ސްކޫލްތަކާއި މަތީ ތަޢުލީމުދޭ މުއައްސަސާތަކުގައި، ވަކި ދީނެއް ރަމްޒުކޮށްދޭ ގޮތަށް ހެދުން އެޅުން މަނާކުރާ ފިކުރަކީ މިއީއެވެ. އެގޮތުން، ބުރުގާ އަޅައިގެން ކިޔަވަންދިޔުން ނުވަތަ ވަޒީފާއަށް ދިޔުން މަނާކުރަނީ، އެއީ ދީނީ އަމުރަކަށް ކިޔަމަންވުން ހިމެނޭތީއެވެ.

މި ފިކުރަކީ ޔޫރަޕުގެ ޞިނާޢީ އިންޤިލާބުގެ ކުރިން، މީލާދީ ގޮތުން 18 ވަނަ ގަރުނުގެ ތެރޭގައި އުފަންވެގެންއައި ފިކުރެކެވެ. ހުޅަނގުގައި މި ފިކުރު އުފެދުމުގެ މައިގަނޑު ސަބަބަކަށްވީ، އެމީހުން ބަދަލުކޮށް ތަޙްރީފުކޮށްފައިވާ ނަޞްރާނިއްޔަތާއި ޔަހޫދިއްޔަތަކީ މީސްތަކުން ބަލައިގަންނަ އުޞޫލުތަކެއް ކަމުގައި ނުވުމާއި، ފައްޅިއާއި ފާދިރީންގެ އަނިޔާވެރިކަން އިންތިހާއަށް ދިޔުމެވެ. ތަޢްލީމާއި ސައިންސަކީ އެމީހުންގެ ދީނުގެ އުންގަންނައި ދިނުންތަކާ ފުށުއަރާ ކަންކަމަށްވެފައި އޮތް އޮތުމުގެ ސަބަބުން، ކުރިއެރުމާއި ތަރައްޤީއަށް ހުރަސްއެޅެން ފެށުމެވެ. މިފަދަ އެތައް ކަމެއްގެ ސަބަބުން، ޣައިރު ދީންތަކުގެ އަހުލުވެރިން އެމީހުންގެ ދީނީ ފިކުރަތައް ދޫކޮށްލިއެވެ. އަދި ދިރިއުޅުމަކީ މާއްދިއްޔަތަށް ހުސްވެފައިވާއި ދުނިޔެވީ ފައިދާތަކުގެ މައްޗަށް މިނެކިރާލެވޭ އެއްޗެއްކަމުގައި ހެދިއެވެ. އެއާ ވިދިގެން ދީނާއި އިޖްތިމާޢީ ޙަޔާތާ ވަކިކޮށްލަން މަޖުބޫރުވެގެން ދިޔައެވެ.

ޢަލްމާނީ ފިކުރުގެ ބައެއް މީހުންނަކީ އިލާހަކު ވޮޑިގެންވުމުގެ ފިކުރަށް މުޅިން އެކުގައި އިންކާރު ކުރާ ބައެކެވެ. އަނެއް ބަޔަކު ދެކޭގޮތުގައި އިލާހަކު ވޮޑިގެންވިއެއް ކަމަކު، ފައްޅީގައި ކުރެވޭ އަޅުކަން ފިޔަވައި ދިރިއުޅުމުގެ އެހެން އެއްވެސް ކަމެއްގައި އެއިލާހަކަށް ދައުރެއް ނުވެއެވެ. އިންސާނާގެ ދިރިއުޅުން ބިނާކުރަންޖެހޭނީ ޢިލްމާއި ބުއްދިކުރުމާއި އިންސާނީ ތަޖުރިބާގެ މައްޗަށް އެކަނި ކަމުގައި މިބައިމީހުން ދެކެއެވެ.

އިސްލާމީ ޤައުމުތަކަށް ހުޅަނގުގެ އަސަރުތައް ކުރަންފަށައި، މުސްލިމުންގެ މެދުގައިވެސް ޢަލްމާނީ ފިކުރަތައް ފެތުރިގެން ދިޔައެވެ. ދީނާއި ސިޔާސަތާ ވަކިކޮށް، އިޖްތިމާޢީ ޙަޔާތުގައި ދީނީ ކަންކަން ނުހިމެނުގެ ފިކުރު އެންމެ ބޮޑަށް ފެނިގެން ދިޔައީ ތުރުކީ ވިލާތުންނެވެ. ހަމައެފަދައިން މިޞްރާއި އަލްޖީރިއާ އާއި ތޫނިސްއާއި މޮރޮކޯގައިވެސް ޢަލްމާނިއްޔަތުގެ ވަކިތައް ހިއްޕައިލިއެވެ.

އިސްލާމް ދީނަކީ ޢަލްމާނިއްޔަތަށް ތަންދޭ ދީނެއް ނޫނެވެ. މާތްވެގެންވާ އިސްލާމް ދީނަކީ ދިރިއުޅުމުގެ ފުރިހަމަ ނިޒާމެކެވެ. އިސްލާމް ދީންވަނީ ދިރިއުޅުމުގެ ކޮންމެ ނާޙިޔާއަކާވެސް ފުރިހަމައަށް ގުޅި ލާމެހިފައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ގެ ރިސާލަތަކީ މީސްތަކުންނަށް ތެދުމަގުދައްކައިދޭ އަލިކަމެކެވެ. އިސްލާމް ދީނުގައި އަންގަވާފައިވަނީ ތަޢުލީމު ހޯދައި، ދުނިޔޭގެ ކަންކަމާމެދު ވިސްނާ ފިކުރުކޮށް ދިރާސާ ކުރުމަށެވެ. ދިރިއުޅުމުގެ ވަކިކަމަކީ ދީނީ ކަމެއް ނޫނޭ ބުނެ އެއްކިބާ ކުރެވޭނޭ ގޮތެއް މުސްލިމުންނަކަށް ނޯންނާނެއެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގައިވެއެވެ. “قُلْ إِنَّ صَلاَتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلّهِ رَبِّ الْعَالَمِينَ * لاَ شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَاْ أَوَّلُ الْمُسْلِمِينَ” (الأنعام: 163) މާނައި: “ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ނަމާދާއި، ތިމަންކަލޭގެފާނުގެ އެހެނިހެން އަޅުކަންތަކާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ، ޢާލަމުތަކުގެ ވެރި ﷲ އަށެވެ. * އެކަލާނގެއަށް އެއްވެސް ޝަރީކަކު ނުވެއެވެ. އަދި ތިމަންކަލޭގެފާނަށް އަމުރު ކުރައްވާފައިވަނީ އެގޮތަށެވެ. އަދި ތިމަންކަލޭގެފާނީ މި އުއްމަތުގެ މުސްލިމުންކުރެ، އެންމެ ފުރަތަމަ މީހާއެވެ.”

Copyright 2021 © Sheikh Hassan Moosa Fikree