ޖުލައި 04، 2020

ޑިޕްރެޝަން: ހައްލަކީ ކޮބާ؟

(އެއްބަނަ ބައި)މި ލިޔުމަކީ އަޅުގަނޑު އަވަސް އޮންލައިން އަށް ލިޔެފައިވާ ލިޔުމެކެވެ.

ލޯބިވާ މީހަކު ދުނިޔެއާއި ވަކިވެގެން ދިޔުން، ނުވަތަ އާއިލީ މައްސަލައެއް ޖެހުން، ނޫނީ ދެމަފިރިން ވަރިވުން، ވިޔަފާރި ދައްވެ ދަރަނި ބޮޑުވުން އަދި މިނޫނަސް މިފަދަ ގިނަ އުނދަގޫ ޙާލަތްތަކަކީ ހިތާމަވެރިކަމާއި ގިލަންވެރިކަމާއި އެކަނިވެރިކަން އިހުސާސްކުރެވި ބިރުގަންނަ ހާލަތްތަކެކެވެ. ދުނިޔޭގެ ދިރިއުޅުމުގައި ހިތާމަތަކާއި ދަތި އުނދަގޫ އެތައް ކަމަކާ ކުރިމަތިލާން ޖެހެއެވެ. ހިތްދަތިވާ ވަގުތުތަކުގައި ނަފްސު ކެތްތެރިކުރުވައި ތިމާގެ އިހުސާސްތައް ހަމައިންނެޓިގެން ދިޔަނުދީ ހިފަހައްޓައިލަން އެނގެނީ ބައެއް މީހުންނަށެވެ. އަނެއްބަޔަކަށް މިފަދަ ކަންބޮޑުވުންތަކަކީ ބޮޑު ބައްޔަކަވެގެންދެއެވެ.

ނަފްސާނީ ބަލިމަޑުކަމަކީ މުޖްތަމަޢުތަކުގައި ވަކި ހިއްޕާލައިފައިވާ ބޮޑު ވަބާއެކެވެ. ހިތާމަވެރިކަމާއި، ކަންބޮޑުވުމާއި، ގިލަންވެރިކަމުގައި ޖެހި އެތައް ބަޔަކަށް ދިރިއުޅުމުގައި ކުރިޔަށް ދާންވީ މިސްރާބެއް ނޭނގި، ވާވަދެ، ދިރިއުޅުން ބިކަވެގެން ދެއެވެ. އެތައް ބަޔަކު ނަފްސާނީ ނުތަނަވަސްކަމުގެ ތެރޭގައި އަމިއްލައަށް ނެތި ހަލާކުވެގެން ދެއެވެ. ދަންޖެހިގެން، ނުވަތަ އެނޫންވެސް ގޮތަކުން، މި ޙަޔާތާ ވަކިވެގެން ދިޔުމަކީ އެމީހުންގެ ކެކުޅުންތަކަށް ނިމުމެއް ގެނެސްދޭ ކަމެއްކަމުގައި ދެކެއެވެ. ނަމަވެސް އަމިއްލަ ނަފްސު ޤަތުލުކޮށްލުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އަމިއްލައަށް މަރުވާ މީހާގެ ޙުކުތައް މިލިޔުމުގައި ކޮންމެވެސް މިންވަރެއްގެ ތަފްޞީލެއް ގެނެސްދެވޭތޯ ބަލާނަމެވެ. إن شاء الله!

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ “ޑަބްލިޔޫއެޗްއޯ” އިން ހާމަކުރާ ގޮތުގައި ދުއިސައްތަ ފަސްދޮޅަސް ހަތަރު މިލިޔަން މީހުންނަށް ޑިޕްރެޝަންގެ އަސަރު ކޮށްފައިވެއެވެ. އެ ފަރާތުން ހާމަކުރާ ގޮތުގައި ޑިޕްރެޝަން އަކީ އާންމު ދިރިއުޅުމުގައި ކުރިމަތިވާ އިހުސާސްތަކާއި މިޒާޖު ބަދަލުވުންތަކާއި މުޅިން ތަފާތު ކަމެކެވެ. ޑިޕްރެޝަންއަކީ ދިގު މުއްދަތަކަށް ދެމިގެންދާ ފުން ހިތާމަތަކެއް ކުރިމަތިކުރުވާ ކަމެކެވެ. އަދި އޭގެ އަސަރު ނުހަނު ބޮޑަށް ޞިއްޙަތަށް ކުރާކަމެކެވެ. ޑިޕްރެޝަން ކުރިމަތިވެފައިވާ މީހާއަށް އެކުމުގެ ވޭނީ އިހުސާސްތައް ވަރަށް ބޮޑަށް ކުރެއެވެ. ވަޒީފާގައި އުޅޭ ފަރާތެއްނަމަ ވަޒީފާ އަދާކުރުމަށް ހުރަސްއެޅެއެވެ. ތަޢުލީމު ޙާޞިލުކުރާ ކުއްޖެނަމަ ކިޔެވުމަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. އާއިލީ ދިރިއުޅުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެއެވެ.

ޑިޕްރެޝަން އަދި އެންޒައިޓީއަކީ ކޮބައިތޯއެވެ؟

ޑިޕްރެޝަންވެސް އަދި އެންޒައިޓީވެސް ގުޅިފައިވަނީ ސިކުޑީގެ ދުޅަހެޔޮކަމާއި ވިސްނުމާއެވެ. މިބަލިތައް ފެށިގެން އަންނަނީ ކަންބޮޑުވުމާއި ދެރަވެ ހާސްވުންފަދަ އިހުސާސްތަކުގެ ތެރެއިންނެވެ. އެންޒައިޓީ އެންޑް ޑިޕްރެޝަން އެސޯސިއޭޝަން އޮފް އެމެރިކާގެ ލިޔުމެއްގައި ހާމަކޮށްފައިވާ ގޮތުގައި، ކޮންމެ މީހަކުވެސް އެކި ހާލަތްތަކުގައި ސްޓްރެސް ނުވަތަ ކަންބޮޑުވުން އިހުސާސް ކުރެއެވެ. ސްޓްރެސްއަކީ ވަކި ހާލަތެއްގައި ކުރިމަތިވާ ކަމެއްގައި އޮންނަ ނުތަނަވަސްކަމަކަށް ހަށިގަނޑުން ދޭ ރައްދެކެވެ. އަދި އެންޒައިޓީ އަކީ އެ ކަންބޮޑުވުމާމެދު އަމަލުކުރާ ގޮތެވެ.

ކަންބޮޑުވުމަކީ ދިރިއުޅުމުގެ އެކިކަންކަމަށް އެކިވަރުގެ އަސަރު ކުރުވާ އެއްޗެކެވެ. ބައެއްފަހަރު ބޮލުގައި ރިއްސައެވެ. ބައެއްފަހަރަ ނުނިދޭ ގޮތްވެއެވެ. ކަންބޮޑުވުމަކީ ބޮޑު ބަޔަކަށްވެއްޖެނަމަ ޞިއްޙީ ގޮތުން ބޮޑެތި މައްސަލަތައް ކުރިމަތިވެއެވެ. އޭގެ ތެރޭގައި މޭގައި ރިއްސުން، ލޭ މައްޗަށް ދިޔުން، ހިތްއަވަސްވުން، ގައިގައި ބިހިތަކެއް ނެގުންފަދަ ކަންކަން ކުރިމަތިވެއެވެ.

ކަންބޮޑުވުމާއި ނުތަނަވަސްކަމަކީ، ބޮޑު ނަފްސާނީ ބައްޔަކަށް ވެއްޖެނަމަ އޭގެ ފަރުވާ ހޯދަން ޖެހޭނެއެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. “ބައްޔާއި އޭގެ ފަރުވާ ބާވައިލެއްވީ މާތް ﷲ އެވެ. އަދި އެބަޔަކަށް ފަރުވާއެއް ލައްވާފައިނުވާ އެއްވެސް ބަޔެއް ނުވެއެވެ. ފަހެ ތިޔަބައި މީހުން ބޭސްފަރުވާ ކުރާހުށިކަމެވެ. އަދި ޙަރާމް އެއްޗަކުން ބޭސް ނުކުރާށެވެ!” (ރިވާކުރެއްވީ އަބޫ ދާވޫދުއެވެ.)

ބޭސްފަރުވާ ކުރުމަކީ އިސްލާމް ދީނުގައި އަމުރު ކުރައްވާފައިވާ ކަމެކެވެ. ބޭސްފަރުވާ ނުކޮށް ތިމާގެ ޞިއްޙަތަށް ފަރުވާކުޑަކުރުމަކީ އެކަމާމެދު ޤިޔާމަތްދުވަހު ސުވާލުވެވޭނޭ ކަމެކެވެ. ވީމާ، ނަފްސާނީ ބަލީގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކުން، އެދާއިރާގެ ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދުތަކުގެ މަތީން ބޭސްފަރުވާ ކުރަންޖެހޭނެއެވެ.

މިލިޔުމުގައި އަޅުގަނޑު ބަލާލައިފައި މިވަނީ ޝަރުޢީ ގޮތުން، ކުރެވިދާނެ ކަންކަމުގެ މައްޗަށެވެ.

ނަފްސާނީ ބަލިތަކުގެ ޝަރުޢީ ފަރުވާ

ސަޢޫދީ ޢަރަބިޔާގެ މަޝްހޫރު ދަންނަ ބޭކަލެއް ކަމުގައިވާ، އައްޝައިޚް އިބްނު ޢުޘައިމީން رحمه الله ގެ އަރިހުގައި ސުވާލު ވެވުނެވެ. މުއުމިނުންނަށްވެސް ނަފްސާނީ ބަލިމަޑުކަން ކުރިމަތިވާނެތޯއެވެ؟ އަދި އެފަދަ ނަފްސާނީ ބަލިތަކަށް އިސްލާމް ދީނުގައި އޮތް ފަރުވާއަކީ ކޮބައިތޯއެވެ؟

މިސުވާލުގެ ޖަވާބުގައި އިބްނު ޢުޘައިމީން رحمه الله ވިދާޅުވެފައިވެއެވެ. “އެއްވެސް ޝައްކެއްނެތެވެ! އިންސާނުންނަށް ނަފްސާނީ ބަލިމަޑުކަން ކުރިމަތިވެއެވެ. މާޒީގައި ވެފައިހުންނަ ކަންކަމުގެ ހިތާމަތަކުންނާއި، މުސްތަގުބޮލުގައި ވެދާނޭ ކަންކަމަށް ކަންބޮޑުވާ ކަންބޮޑުވުމުގެ ސަބަބުން އެފަދަ ބަލިތައް ކުރިމަތިވެއެވެ. އަދި ނަފްސާނީ ބަލިތަކުން ހަށިގަނޑަށް ކުރާއަސަރު، އެނޫން ބަލިތަކުން ހަށިގަނޑަށް ކުރާ އަސަރަށްވުރެ މާބޮޑެވެ. މިފަދަ ބަލިތަކަށް ދީނީ ގޮތުން ކުރެވޭ ފަރުވާއަކީ ވަރަށް ރަނޅު ފަރުވާއެކެވެ.

އެފަދަ ބަލިތަކަށް ހުރި ފަރުވާގެތެރޭގައި، އިބްނު މަސްޢޫދު رضي الله عنه ގެ އަރިހުން ރިވާވެގެންވާ އަންނިވި ޙަދީޘްފުޅެއްގައިވެއެވެ. “މުއުމިނަކަށް، ހިތާމައެއް، ކަންބޮޑުވުމެއް ނުވަތަ ގިލަންވެރިކަމެއް ކުރިމަތިވެގެން، މިދުޢާ ކިޔައިފިނަމަ، މާތް ﷲ އޭނާގެ ހިތާމަ ފިއްލަވާނެތެވެ.”

އެ ދުޢާއަކީ اللَّهُمَّ إِنِّي عَبْدُكَ ، وَابْنُ عَبْدِكَ ، وَابْنُ أَمَتِكَ ، نَاصِيَتِي بِيَدِكَ ، مَاضٍ فِيَّ حُكْمُكَ ، عَدْلٌ فِيَّ قَضَاؤُكَ ، أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ ، سَمَّيْتَ بِهِ نَفْسَكَ ، أَوْ أَنْزَلْتَهُ فِي كِتَابِكَ ، أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ ، أَوِ اسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ ، أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِي ، وَنُورَ بَصَرِي ، وَجِلاَءَ حُزْنِي ، وَذَهَابَ هَمِّي

މިފަދަ އިތުރު ދުޢާތައް ހިމެނޭ ފޮތްތަކުގެ ތެރޭގައި، އިބްނުލް ޤައްޔިމު رحمه الله ގެ الوابل الصيب އާއި، زاد المعاد އާއި ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ގެ الأذكار ފަދަ ފޮތްފޮތް ހިމެނެއެވެ.

(ނޯޓް: އަދި ދިވެހި ބަހާއި، އެނޫންވެސް އެތައް ބަސްބަހަކަށް ތަރުޖަމާކުރެވިފައިވާ، حصن المسلم “މުއުމިނުންގެ ކިއްލާ” ފަދަ ފޮތް ފޮތުގިއިވެސް މިދުޢާތައް ހިމެނެއެވެ.)

އީމާންކަން ބަލިކަށިވުމުން، ޝަރުޢީ ފަރުވާތަކުން ނަފާކުރަނިވި މިންވަރު ދަށްވެގެން ދެއެވެ. އަދި މީސްތަކުން ޝަރުޢީ ފަރުވާތަކަށްވުރެ ބޮޑަށް ޑޮކްޓަރީ ބޭސްފަރުވާ ކުރުން އިތުރުވެގެން ދެއެވެ. އީމާންކަން ވަރަގަދަވެއްޖެނަމަ، ޝަރުޢީ ފަރުވާގެ އަސަރު ގަދަވެފައި އެއިން ލިބޭ ނަފާ އަވަސްވެއެވެ. މިފަދަ ވާހަކަތަކުގެ ތެރޭގައި، ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޞަޙާބީންތަކަކަށް ކުރިމަތިވެވަޑައިގެންނެވި ހާދިސާއެއް ހިމެނެއެވެ. އެބޭކަލުން ދަތުރެއްގެ މަތީގައި ރަށެއްގެ ރަށްބޭރަށް މަޑުކުރެއްވިއެވެ. އެރަށުގެ މީހުން މިބޭކަލުންނަށް އެރޭގެ މެހެމާންދާރީ އަދާކުރުމަށާއި، ކާއެތިކޮޅެއް ދިނުމަށް އިންކާރު ކުރިއެވެ. ދެން އެރޭ، އެރަށުގެ ވެރިޔާގެ ފަޔަށް ސުއިޕެއް ކަށިޖެހިއެވެ. އެރަށު މީހުން، އެ ޞަޙާބީންގެ އަރިހަށް ގޮސް، އެމީހުންގެ ވެރިޔާއަށް ރުޤުޔާއެއް ކޮށްދިނުމަށް އެދުނެވެ. އެހިނދު އެތަނުން ޞަޙާބީއަކު ވަޑައިގެން އޭނާގެ ފަޔަށް ރުޤްޔާ ކުރެއްވުމުގެ ގޮތުން ފާތިޙާ ސޫރަތް ކިޔަވައިވިދާޅުވިއެވެ. ދެން، ފަޔަށް ކަށިޖަހައިފައިވާ މީހާ، މުޅީން އެކުގައި ފަސޭހަވިއެވެ. އަދި މި މަސައްކަތުގެ އަގެއްގެ ގޮތުގައި، އެރޭ ކެއުމަށް ބަކަރި މަސްގަނޑެއް އެޞަޙާބީ ހޯއްދެވިއެވެ.

އެބޭކަލުން މަދީނާއަށް ވަޑައިގެން، އެވާހަކަ ކީރިތި ރަސޫލާ صلى الله عليه وسلم އަށް ދެންނެވިއެވެ. އަދި އެކަމަށް އެއްބަސްވެލައްވާ ޙާލު އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “އެއީ ރުޤްޔާއެއް ކަމުގައި ކަލޭގެފާނަށް އެނގިވަޑައިގަތީ ކިހިނަކުންތޯއެވެ؟” އަދި އެރުޤްޔާ ކުރެއްވުމަށްފަހު އަގެއްގެ ގޮތުގައި ނެންގެވި ބަކަރި މަހުން، ކީރިތި ރަސޫލާ صلى الله عليه وسلم ވެސް އެތިކޮޅެއް ނެންގެވިއެވެ. (މިޙަދީޘްފުޅަކި ޞަޙީޙު ބުޚާރީގައި ރިވާވެގެންވާ ޙަދީޘެކެވެ.)

މިޒަމާނުގައި، މީސްތަކުން އީމާންކަން ބަލިކަށިވެ ދީނީ ގޮތުން ދުރުހެލިވެ، މާއްދީ ކަންކަމަށް ބަރޯސާވެފައިވާލެ ބޮޑުކަމުން، އެކަމުން އެބައިމީހުންވަނީ އިމްތިޙާނު ކުރެއްވިފައިވެއެވެ. (އެބަހީ: އީމާންކަން ދަށްވާ މިންވަރަކަށް، ޤުރްއާނުގެ ރޫޙާނީ ފައިދާ ޙާޞިލުވާ މިންވަރުވެސް ދަށްވެގެން ދެއެވެ.)

މިއާއެކު، ފަންޑިތަވެރިން “ޤުއްރާއިން” (ކިޔެވެލި ކިޔަވާ މީހުން) ގެ ގޮތުގައި ނިކުމެ މީސްތަކުން ބުއްދިއާ ކުޅެ ހަދައެވެ. އެބައިމީހުންނަކީ ބާޠިލު ގޮތުގައި މީސްތަކުންގެ މުދާ ކައިހަދާ މީހުންނެވެ. މިކަންކަމާހުރެ މީސްތަކުންވަނީ ތިން ބަޔަކަށް ބެހިފައެވެ. އެއްބަޔަކު ދެކޭ ގޮތުގައި ކިޔެވެލިތައް ކިޔަވައިގެން އެއްވެސް އަސެރެ، ފައިދާއެއް ނުކުރާނެއެވެ. އަނެއް ބަޔަކު ނިކުމެ ދޮގުވެރި ކިޔެވެލިތަކަކުން މީސްތަކުންނަށްވަނީ އޮޅުވާލައިފައެވެ. އަދި މި ދެމެދުގައި ތިބި ބަޔަކުވެސް ވެއެވެ. އެބަހީ: ޤުރްއާނުގެ އާޔަތްތަކުން ފައިދާކުރާނޭ ކަމަށް ޤަބޫލުކުރާ މީހުންނެވެ.” (ފަތާވާ އިސްލާމިއްޔާގެ 4 މުޖައްލަދުގެ 465 އިން 466 އަކަށް ބައްލަވާށެވެ.) އ.ހ

އިވެސް ތަރުޖަމާ ކޮށްފައިވާ ބަސްކޮޅަކީ އައްޝައިޚު ޞާލިޙުލް މުނައްޖިދުގެ އިސްލާމް ކިޔޫއޭ ވެބްސައިޓްގައިވާ، ނަންބަރު 21677 ވަނަ ލިޔުމުން ނަގާފައިވާ ބައެކެވެ.

ހިތާމަތަކާއި ކަންބޮޑުވުންތައް ފިލުވައިލުމަށް ކިޔާނޭ ދުޢާތައް

ހިތާމަވެރިކަމާއި، ކަންބޮޑުވުމާއި ގިލަންވެރިކަން ފިލުވައިލުމަށް ކުރާނޭ ދުޢާތައް ކީރިތި ޤުރްއާނުގައި ވާރިދުވެފައިވެއެވެ. އަދި ކީރިތި ރަސޫލާ صلى الله عليه وسلم ގެ އުއްމަތަށްވަނީ އުނގަންނައި ދެއްވާފައެވެ. މި ލިޔުމުގައި އަޅުގަނޑު ދެން ބަލައިލަނީ އެފަދަ ބައެއް ދުޢާތަކާއި އެދުޢާތަކުގެ ކުރު ޝަރަޙައަކަށެވެ.

އެކެއް: މިދުޢާއަކީ ޔޫނުސްގެފާނު، ބޮޑު މަހެއްގެ ބަނޑުތެރޭގައި އޮންނަވައި ކުރެއްވި ދުޢާއެވެ. ކީރިތި ޤުރްއާނުގައި އެކަލޭގެފާނު ކުރެއްވި ދުޢާވަނީ ބަޔާން ކުރައްވާފައެވެ. އަދި އެދުޢާގެ މާތްކަމާއި މަތިވެރިކަން ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ އަންގަވައި ދެއްވާފައެވެ.

ސަޢްދު ބުނު އަބީ ވައްޤާޞް ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “ޛިއްނޫން (އެބަހީ: ޔޫނުސްގެފާނު) މަހުގެ ބަނޑުތެރޭ އޮންނަވައި ކުރެއްވި ދުޢާ ” لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ “(الأنبياء 87) މުސްލިމަކު، އެއްވެސް ކަމެއްގައި މިދުޢާ ކޮށްފިނަމަ އޭނާއަށް އިޖާބަ ނުކުރެއްވެވި ނުދާހުއްޓެވެ. (މި ޙަދީޘް ރިވާކުރެއްވީ އަލްއިމާމުއް ތިރުމިޛީ އެވެ.)

ދުޢާގެ މާނަ: “އިބައިލާހު މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އެއްވެސް އިލާހަކު ނުވެއެވެ. ހުރިހާ އުނި ސިފަތަކަކުން އިބަ އިލާހު ހުސްޠާހިރުވެގެންވެއެވެ. ހަމަކަށަވަރުން މިއަޅާ ވީ އަނިޔާވެރިވީ މީސްތަކުންގެ ތެރެއިންނެވެ.”

މި ދުޢާއަކީ މާނަފުންވެފައި މަތަވެރިވެގެންވާ ދުޢާއެކެވެ. މި ދުޢާގައި ބޮޑުވެގެންވާ ދެ އިޢްތިރާފުވުމެއް ހިމެނެއެވެ. ފުރަތަމައީ މާތް ﷲ ގެ މަތިވެރިކަމާއި، އެއިލާހުގެ ވަޙްދާނިއްޔަތު (އެއްކައުވަންތަކަމަށް) އިޢްތިރާފުވުމެވެ. އަދި އަޅުކަން ޙައްޤުވެގެންވާ ހަމައެކަނި ފަރާތަކީ އެއިލާހުކަމުގައި ހެކިވުމެވެ. ދެވަނައީ ތިމާގެ ކިބައިން ވެވިފައިވާ އުނިކަމާއި، ކުށްފާފަތަކަށް އަރައިގަނެވިފައިވާ ކަމަށް އިޢްތިރާފުވުމެވެ. ފުރަތަމަ އިޢްތިރާފުން ދަލީލުކުރަނީ މާތް ﷲ އަށް ފުރިހަމައަށް އަޅުކަން ޚާލިޞްކުރުވޭކަމުގެ މައްޗަށެވެ. އަދި ދެވަނަ އިޢްތިފާރުން ހާމަވަނީ ގަދަފަދަ އީމާނީއާއި މާތް ﷲ އަށް ފުރިހަމައަށް ކިޔަމަން ގަތުމެވެ.

Copyright 2021 © Sheikh Hassan Moosa Fikree