މާރިޗު 26، 2016

ޝައިޠާނާ އަށް އަޅުކަށް ކުރުން

އާދަމް ޢަލައިހިއްސަލާމް، ދުނިޔެއަށް ފޮނުއްވުނީއްސުރެވެސް އިންސާނާގެ ޢަދާވާތްތެރިއެއް ކަމުގައި މެނުވީ ޝައިޠާނާ ނުވެއެވެ. ޔާސީން ސޫރަތުގެ 60 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. “އޭ އާދަމުގެ ދަރީންނޭވެ! ތިޔަބައިމީހުން ޝައިޠާނާއަށް އަޅުކަން ނުކުރުމަށް ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަމުރު ނުކުރައްވަމު ހެއްޔެވެ؟ ހަމަކަށަވަރުން، އޭނާޔަކީ ތިޔަބައިމީހުންނަށްހުރި، ފާޅުވެގެންވާ ޢަދާވާތް ތެރިޔެކެވެ.”

މިއާޔަތަށް ފުންކޮށް ވިސްނާލާއިރު އެނގޭ ޙަޤީޤަތްތަކެއް އެބަހުއްޓެވެ. ޝާއިޠާނާއަކީ ހަމަ އެކަނި އިންސާނާއަށް ވަސުވާސްދޭ ފަރާތެއް ނޫނެވެ. ލަޢްނަތް ލެއްވިގެންވާ ޝައިޠާނާއަށް އަޅުކަންކުރާ ބަޔަކު ދުނިޔޭގައި އުޅޭކަންވެސް އެއާޔަތުން އެނގެއެވެ. މިއަދު ޝައިޠާނާއަށް އަޅުކަށް ކުރުން ދަނީ ޒުވާނުންގެ މެދުގައި ފެތުރެމުންނެވެ. ޣައިރު ދީންތަކުގެ އަހުލުވެރިންގެ ގާތުގައި ތިމާ ހިތުހުރި ގޮތަކަށް އުޅުމަކީ ކޮންމެ މީހަކަށް ލިބޭ އަސާސީ ޙައްޤެއްގެ ގޮތުގައި އޮތުމުކީ މިފަދަ ފިކުރުތައް ފެތުރުމުގެ އަޞްލެވެ.

ޝައިޠާނާއަކީ އިލާހެއްކަމަށް ޤަބޫލުކުރުމަކީ ޤަދީމީ ޙަޟާރާތްތަކުގައި ފެށިފައިވާ ބޯދާ ފިކުރެކެވެ. މިފަދަ ފިކުރުތަކުގެ ފެށުމަކީ ދުނިޔޭގެ ހުރިހާ އަނދިރަކަމެއްގެ ބާރުތައްވަނީ ޝައިޠާނާގެ އަތްމަތީގައި ކަމުގައި ޤަބޫލުކުރާ ޢަޤީދާއެވެ. އަދި ހުރިހާ ނުބައި ހަކަތައެއް ނިސްބަތްވަނީ ޝައިޠާނާއަށް ކަމަށާއި، ހަނގުރާމައާއި ނެތި ހަލާކު ކުރުމުގެ ވެރި އިލާހަކީ އެއީ ކަމުގާ ޤަބޫލުކުރާ ޤަބޫލު ކުރުމުވެ. އެގޮތުން މިޞްރުގެ ޤަދީމީ ތާރީޚުގައި، ޝާއިޠާނާއަކި އިލާހެއްކަމުގައި ބަލައި، ޝައިޠާނާއަށް ޤުރުބާކޮށް އުޅުނެވެ. ހިންދީގެ ތެރޭގައިވެސް އަދި ޤަދީމީ ޔޫނާނީ ޙަޟާރަތުގައިވެސް ޝައިޠާނާއަކީ އިލާހެކެވެ. އެމީހުން ޝައިޠާނާއަށް ކިޔާ އުޅެނީ “ޑައިޓް ބޯލްސް” އެވެ. އަދި ފާރިސީގެ ތެރޭގައިވެސް ޝައިޠާނާ އަކީ ގަދަފަދަ ބާރެއްކަމަށް ޤަބޫލުކުރެއެވެ.

މިއަދު ފެންނިގެންދާ ޝައިޠާނާއަށް އަޅުކަންކުރުމުގެ ފިކުރުތަކުގެ ބާނީއަކީ 1948 ވަނަ އަހަރުގެ ކެމްބުރިޖް ޔުނިވާރސިޓީ ދަސްވެނިންގެ ތެރެއިން އިގެރޭސި ރައްޔިތެއްކަމަށްވާ އެލިސްޓަރ ކްރޯލީ އެވެ. ހުރިހާ ދީންތަކަކަށް ފުރަގަސްދީ، ތިމާގެ ހަވާނަފްސުގެ އެދުންތައް ހިފެހެއްޓުމެއްނެތި ދޫކޮށްލުމަކީ ދިރިއުޅުމުގެ މަޤްޞަދުކަމުގައި އޭނާ ޤަބޫލު ކުރިއެވެ. ރިވެތި އަޚުލާޤުގެ ހުރިހާ ސިފަތަކަކަށް ގޮންޖަހާ، އެންމެހާ ނުރަނގަޅު ޢަމަލުތަކުގެ މައްޗަށް ބިނާވެފައިވާ މިފިކުރަކީ، އެއްވެސް ކަމެއް މަނާ ކުރުން ނަހީކުރާ ފިކުރެކެވެ.

މިމީހުންގެ ޤަބޫލުކުރާގޮތުގައި ޝައީޠާނާއަކީ އަނިޔާލިބިފައިވާ ފަރާތެކެވެ. އެހެންކަމުން ޝައިޠާނާއަށް އިހްތިރާމުކުރަން ވާނެއެވެ. އަދި އޭނާއަކީ، ގޮތުގައި ހިފެހެއްޓުމުގެ ލާމަސީލު މިސާލެއްކަމުގައި ދެކެއެވެ. ހަމައެއާއި އެކު ޖިންސީ އެދުންތަކުގައި، ވަކި އިމެއްނެތި، ބޭނުން ގޮތަކަށް އެއެދުން ފުއްދުމަކީ މިޙަރަކާތުގެ ޢަޤީދާއެކެވެ. މި ހަރަކާތުގެ މީހުން ކަޅުކުލައަށް ލޯބިކުރެއެވެ. އަދި އިސްތަށިގަނޑު ހާވާލައި ދިގުކޮށްފައި ބެހެއްޓުމާއި، ގައިގާ ޞަލީބުގެ ޓެޓޫތައް ކުރުހާ ހަދައެވެ. އަދި މަސްތުވާތަކެތި ބޭނުންކުރުމާއި، ބަނގުރާ ބުއިމާކީ، ބިރުވެރި ނާންމާން ރާގުތަކާއި އަޑުތަކުގެ މިޔުޒިކަށް ލޯބިކުރުމަކީ، އެމީހުންގެ ގާތުގައި ދީނީ ޢަމަލުތަކެވެ. މިމީހުން އަޅުކަށް ކުރުމަށް އެއްވެ އުޅެނީ ފަޅު ސަރަޙައްދުތަކަށެވެ. ޤަބުރުތައް ކޮނެ މައްޔިތުނަށް އިހާނަތްތެރިވުމަކީ މިމީހުންގެ ޢަމަލެކެވެ. އިންސާނީ މިނިވަންކަމުގެ ތެރޭގައި ތިމާ އެދޭ ކޮންމެ ގޮތަކަށް އުޅުމާއި، އެދޭ ކޮންމެ ގޮތަކަށް ހެދުންއަޅުމާއި، ބޭނުން އެއްޗެއް ކައިބޮއި ހަދުމާއި، އަމިއްލައަށް މަރުވާން ބޭނުންވެއްޖެނަމަ އެކަންވެސް ކުރަންވީ ކަމުގައި ދެކެއެވެ. އަމިއްލައަށް މަރުވުމަކީ އުފާވެރިކަމުގެ ޙަޔާތުގެ ފެށުންކަމުގައިވެސް އެމީހުން ޤަބޫލުކުރެއެވެ.

މިއީ އަޅުގަނޑުމެން މުސްލިމުންގެ ޢަޤީދާއާއި ދިމާ އިދިކޮޅު ޙަރަކާތެކެވެ. އޭ ޒުވާނާއެވެ! ޝައިޠާނާއަކީ ތިބާގެ ޢަދުވެކެވެ. އެކަން ދަންނާށެވެ. އިންސާނާ ނުތާހިރުކަށްމަތީ މަސްތުވެގެން ކުރާނެ އަޅުކަމެއް އޮވޭތޯއެވެ؟ މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. “އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ﷲ ގެ ވަޢުދުފުޅަކީ ޙައްޤު ތެދެވެ. ފަހެ، ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! އަދި ﷲ އާމެދު ޝައިޠާނާ ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ!  * ހަމަކަށަވަރުން، ޝައިޠާނާއަކީ، ތިޔަބައިމީހުންނަށްވާ ޢަދާވާތްތެރިޔެކެވެ. ފަހެ،
އެ ޝައިޠާނާ އާއީ، ޢަދާވާތް ތެރިޔަކު ކަމުގައި ތިޔަބައިމީހުން ދެކޭށެވެ! އޭނާގެ ޖަމާޢަތަށް އޭނާ ގޮވާކަން ކަށަވަރީ، ނަރަކައިގެ އަހުލުވެރިންގެތެރެއިން ވުމަށެވެ.”

Copyright 2021 © Sheikh Hassan Moosa Fikree