ސެޕްޓެންބަރު 28، 2020

ޝައްކުބަލި: ރައްކާތެރިވާނީ ކިހިނެތް؟

ޝައްކުތަކާއި ވަހުމުތައް ގިނަވުމުގެ މައްސަލައަކީ ވަރަށް ގިނަ ބަޔަކަށް ކުރިމަތިވާ ކަމެކެވެ. އެކި މީހުންނަށް ޝައްކުތަކާއި ވަހުމުތައް އުފެދެނީ އެކި ކަންކަމުގައެވެ. ބައެއް މީހުންނަށް، ޠަހާރަތުގެ ކަންތައްތަކުގަ އާއި ނަމާދުގެ ޙަރަކާތްތަކުގައި ޝައްކުވެއެވެ. އަނެއް ބަޔަކަށް އީމާންކަމާއި ޢަޤީދާއާ ގުޅޭ ކަންކަމުގައިވެސް ޝައްކުތަކާއި ވަސުވާސްތައް އުފެދެއެވެ. އަދި މިނޫން ކަންކަމުގައިވެސް ޝައްކާއި ވަހުމުތައް މެދުވެރިވެއެވެ. އެގޮތުން، ދޮރު ތަޅުލެއްވިއްޖެތޯ ނުވަތަ އުނދުން ހުރީ ރަނގަޅަށް ނިއްވާލެވިފައިތޯ، ނޫނީ ގޭސްފުޅި ބަންދު ކުރެއްވިޖެތޯ ބަލައިލުމަކީ އެތައްބަޔަކު ތަކުރާރުކޮށް ކުރާކަމެކެވެ. މިފަދަ ޝައްކުތައް ހިތަށް ވެރިވުމުން، އެއިން ސަލާމަތްވުން ގިނަ ފަހަރު ވަރަށް ދަތި ކަމެއްކަމުގައި ވެދެއެވެ.

ބައެއް މީހުން، ނަމާދުގައި ހަށަންބަން ތަކުބީރު ރަނގަޅަށް ނުކިޔޭކަމުގައި ހީވެ، ކޮންމެ ނަމާދެއް ފެށުމުގައި އެތަކެއްފަހަރު ހަށަން ބަނދެބަނދެފައި އަލުން ރޫޅާލައެވެ. އަނެއް ބަޔަކަށް، ނަމާދުކުރާ ކޮންމެ ފަހަރަކު ކުށު ސަޖިދަ ނުޖަހައި ނަމާދު ފުރިހަމަ ނުކުރެވެއެވެ. އަނެއް ބަޔަކު ސާފުތާހިރުވުމުގައި، ހިތަށް ވަންނަ ވަސްވާސްތަކެއްގެ ސަބަބުން، ކިތަންމެ ހަފަހަރަކު ދޮވެ ސާފުކުރިޔަސް، ތާހިރުވިކަމުގެ ހިތްހަމަޖެހުން ނުލިބެއެވެ. ބައެއް މީހުން، އަތް ދޮވެ، ފައިދޮވެ، ގެއިން ނިކުމެފައި ތަޅުދަނޑި ދޮވެ ހަދައިގެންވެސް ހިތުގެ ޝައްކުތައް ފުލުވައި ނުލެވެއެވެ. އަނެއްބަޔަކު، ވުޟޫޢުގެ ގުނަވަންތައް ތަކުރާރުކޮށް ދޮވެއެވެ. އަތުގެ އޮޅަނބޮށީގައި ފެން ޖެހުނުކަމާމެދު ޝައްކުވާތީ، އޮޅަނބޮށި ވިއްސަކަށްފަހަރުވެސް ދޮވެފާނެއެވެ. މިގޮތަށް ޝައްކުވާ ބައެއް ފަރާތްތައް، ބަންގި ގޮވުމުން ވުޟޫ ކުރަން ވަންނަ ގޮތަށް، ޖަމާޢަތުގެ ނަމާދަށް ޙާޟިރުނުވެވި އެތައް އިރެއް ވަންދެން ފާޚާނާގައި ވުޟޫކުރުމުގައި ވަގުތު ހޭދަކުރެއެވެ. ނަމާދުގައި ހުންނައިރު، ކުޑަކަމުދާ ތިއްކެއް ބޭރުވެއްޖެހެން ހީވުމާއި، ވައެއް ބޭރުވާހެން ހީވުމަކީވެސް ވަރަށް ގިނަ ބަޔަކަށް ކުރިމަތިވާ ކަންކަމެކެވެ.

ޝައްކު ބައްޔާއި ވަސްވާސްތަކުގެ މިފަދަ ބައެއް ކަންކަމަކީ އޯސީޑީ (އޮބްސެސިވް ކޮންޕަލްސިވް ޑިސްއޯޑާ) ގެ ތެރެއިން ހިމެނޭ ކަމެއްކަމުގައިވުން އެކަށީގެންވެއެވެ. އެމެރިކާގެ ނެޝެނަލް އިންސްޓިޓިއުޓް އޮފް މެންޓަލް ހެލްތުގެ ވެބްސައިޓްގައި ހާމަކޮށްފައިވާ ގޮތުން، އޯސީޑީއަކީ ނަފްސާނީ ބަލިމަޑުކަމުގެ ތެރެއިން އެންޒައިޓީ (ކަންބޮޑުވުން) އާއި ގުޅިފައިވާ ބައްޔެކެވެ. އޯސީޑީއަކީ ކޮންޓުރޯލް ނެތް މިންވަރަށް، ކަމަކާމެދު ވިސްނުން ތަކުރާރުކުރެވޭ ނުވަތަ އެކުރާ ކަމެއް ތަކުރާރުކޮށް ކުރުމުގެ ބަލިމަޑުކަމެވެ. އޯސީޑީގެ އަލާމަތްތަކުގެ ތެރެއިން، ފަނިފަކުސާ ނުވަތަ ޖާމްސްތަކާމެދު ބިރުގަނެ، ސާފު ނުވެވިދާނެތީ ކަންބޮޑުވުމާއި، ދީނާއި ޢަޤީދާއާމެދު ނުރަނގަޅު ޚިޔާލުތައް އައުމާއި، ބައެއް ފަހުރު އެހެން މީހުންނާމެދު އަނިޔާވެރިވުމުގެ ވިސްނުން އައުމާއި އަދި ކަންކަން ވަކިތަރުތީބަކުން ބަހައްޓަން ބޭނުންވުންފަދަ ކަންކަން ހިމެނެއެވެ. ހަމައެފަދައިން، ގިނަގިނައިން އަތް ދޮވުން ނުވަތަ ސާފުވުމާއި، ތަކުރާރުކޮށް ބަލައި ޗެކުކުރުމާއި، ހިތް ހަމަނުޖެހިގެން ތަކުރާރުކޮށް ގުނާ އަދަދުކުރުން ފަދަ ކަންކަން ހިމެނެއެވެ.

ޝައްކާއި ވަސްވުވާސްތަކުގެ ހަގީގަތް

ވަސްވާސްތަކަކީ ނަފްސަށް ކުރިމަތިވާ ވަރަށް ބޮޑު ވޭނެކެވެ. އެކަމުން ސަލާމަތް ނުވެވުމުގެ ވޭންނީ އިހުސާސްތައް އެނގޭނީ އެވޭން ތަޙައްމަލު ކުރަމުންދާ މީހަކަށް އެކަންޏެވެ. މި ބަލިމަޑުކަން ޖެހިފައިވާ މީހުން، ޑަކްޓަރީ ފަރުވާހޯދުމަށް ނަޞީޙަތްތެރިވަމެވެ. ކޮންމެ ފަރުވާއަކީވެސް، އެއާއެކު ދީނީ ޢަޤީދާ ވަރުގަދަކޮށް، ހެޔޮ ޢަމަލު ކުރުންމަތީ ދެމިހުރެއްޖެނަމަ، ޝިފާ ލިބުން މާތް ﷲ ގެ މިންވަރުފުޅުން އަވަސްވެގެންދާ ކަމެކެވެ. ވަކީން ޚާއްޞަކޮށް ނަފްސާނީ ބަލިމަނޑުކަމާއި، ވަސްވާސްތަކާއި ޝައްކުގެ ފަރުވާއަށް ތިމާގެ ޢަޤީދާ ހަރުދަނާ ކުރަން ޖެހެއެވެ.

ޝައްކުތަކާއި ވަސްވާސްތަކަކީ ޝައިޠާނާގެ ނުބައި ރޭވުންތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. އީމާންވީ މީސްތަކުން، ފާފަތަކާއި، ނުބައި ޢަމަލުތަކަށް ގެންދިޔުމަށް މަގުފުރެއްދުމުގެ މަސައްކަތް ކާމިޔާބު ނުވުމުން، ހެޔޮ ޢަމަލުތަކަށް ހުރަސް އެޅުމަށް ޝައިޠާނާގެ ދަންތުރަތަކުގެ ތެރެއިން ހިމެނޭކަމެކެވެ.

އެންމެ ފުރަތަމަ އިންސާނާ، އާދަމް ޢަލައިހިއްސަލާމް ޚަލްޤު ކުރެއްވުނީއްސުރެ، އެކަލޭގެފާނާއި، އެކަލޭގެފާނުގެ ދަރިފަސްކޮޅާމެދު ޝައިޠާނާގެ ޢަދާވާތްތެރިކަންވަނީ ބޮޑުވެފައެވެ. ޞަޙީޙު މުސްލިމްގައި އަނަސް رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. «لَمَّا صَوَّرَ اللهُ آدَمَ فِي الْجَنَّةِ تَرَكَهُ مَا شَاءَ اللهُ أَنْ يَتْرُكَهُ، فَجَعَلَ إِبْلِيسُ يُطِيفُ بِهِ، يَنْظُرُ مَا هُوَ، فَلَمَّا رَآهُ أَجْوَفَ عَرَفَ أَنَّهُ خُلِقَ خَلْقًا لَا يَتَمَالَكُ» މާނައީ: “އާދަމުގެފާނު ސޫރަ ކުރައްވައި، ފުރާނަ އެއްޅުއްވުމުގެ ކުރީގައި ސުވަރުގޭގައި، މާތް ﷲ އެދިވޮޑިގެންނެވި މުއްދަތަކަށް، އެގޮތުގައި ބެހެއްޓެވިއެވެ. ދެން އިބްލީސް، އެ އިންސާނާ ލައްވާފައިވަނީ ކޮންފަދައަކުންތޯ ބެލުމަށް އޭގެ ކައިރިން އެނބުރެންފެށިއެވެ. އެ އިންސާނާގެ އެތެރެ ހޮއެކޮށް ލައްވާފައިވާތީ ފެނުމުން، އެއީ އެއްވެސް ކޮންޓުރޯލެއް ނެތް މަޚުލޫޤެއްކަން އިބިލީހަށް އެނގުނެވެ.”

ޢައްލާމަތުލް މަނާވީ ރަޙިމަހު ﷲ “فيض القدير”ގައި ވިދާޅުވެފައިވެއެވެ. (لَا يَتَمَالَكُ އޭ އޮތް ބަސްފުޅުގެ މުރާދަކީ ވަސްވާސްތައް ދުރުކުރުމުގެ ކުޅަދާނަކަން ލިބިގެން ނުވުމެވެ. އަދި އަމިއްލަ ބާރެއް ސާބިތުކަމެއް ނެތުމެވެ. އަދި އަބަދުވެސް ގުޑަގުޑުއަޅައަޅާ ހުރުމާއި، ޙާލަތު ބަދަލުވުމާއި ދައްކާ ވާހަކަ ދެކޮޅު ނުޖެހުމުގެ ސަބަބުން އާފާތްތަކަށް ހުށަހެޅިގެން ވުމެވެ. التَمَالَك ގެ މާނައަކީ: ހިފެހެއްޓިގެންވުމެވެ. ވީމާ، މިތާނގައި އެބަހުގެ މުރާދަކީ، އޭނާގެ އެތެރެއަށް ވަންނަ ކަންކަމުގައި އެއްވެސް ހިފެހެއްޓުމެއް ނެތުވެ. އަދި ތަފާތު އެކި ޝަހުވަތްތަކުން ފުރިގެންވާ، އެކަންކަމުގެ ސަބަބުން ޢުޤޫބާތްތަކަށް ހުށަހެޅިގެންވުމެވެ. އަދި އިންސާނާގެ ކަންތައް ހުރީވެސް އިބިލީސް އެހީކުރި ގޮތަށެވެ.”

އިންސާނާގެ ކިބައިގައި ލައްވާފައިވާ ޝުޢޫރުތަކާއި އިހުސާސްތަކަކީ ބަދަލުވާ އެއްޗެކެވެ. ސާބިތު ކަންމަތީ ދެމިހުރުމަކީ އޭނާއަށް ދަތި އުނދަގޫ ކަމެކެވެ. އަދި ހިތް ލެނބޭފަދަ އެކިއެކި ޝަހުވަތްތައް ލައްވާފައިވަނީ އިންސާނުން އިމްތިޙާނު ކުރެއްވުމުގެ ގޮތުންނެވެ. އަދި މި ވަޞީލަތްތައް މެދުވެރިކޮށް އިންސާނާ މަގުފުރެއްދުމަށް ޝައިޠާނަ ތާއަބަދު މަސައްކަތް ކުރެއެވެ.

އިބްނުލް ޤައްޔިމު ރަޙިމަހު ﷲ ވިދާޅުވެފައިވެއެވެ. “އިންސާނާއަށް ވަސުވާސްދިނުމުގެ މަގަކީ އޭނާގެ ހިތްކަން، އިބްލީހަށް އެނގުނު ހިނދުންފެށިގެން އެހިތަށް ވަސްވާސްތައް ވެއްދުމުގެ މަސައްކަތް އެސޮރު ކުރެއެވެ. އަދި އެކިއެކި ޝަހުވަތްތަކުގެ ތެރެއިން ލާފައި އައިސް ވަސްވާސްދެވޭތޯ ބަލައެވެ. އަދި ހެޔޮ މަގަށް ހުރަސް އެޅޭނެ އެންމެހައި ބަސްތަކާއި ޢަމަލުތައް އެ އިންސާނާއަށް ޒީނަތްތެރިކޮށްދެއެވެ. މާތް ﷲ ގެ ހެޔޮ ތައުފީޤު ލިބުމުގެ މަގުން އެއްކިބާކުރުމަށްޓަކައި، އުރެދުންތަކަށް އަރައިގަތުމުގެ ސަބަބުތައް އޭނާއަށް ފަސޭހަ ހިތް އެދޭ މަގުތަކެއް ކަމުގައި ދައްކުވައިދެއެވެ. ނުބައި ޢަމަލުތަކަށް ވައްޓައިލުމަށް ޝައިޠާނާ ޖަހާ ދަންތުރަތަކާއި މަޅިތަކުން އެ އިންސާނާއަށް ސަލާމަތްވެވުނަސް އޭނާ ހެޔޮ މަގުތަކުން ދުރުކުރުވުމަށް ކުރާ މަސައްކަތްތަކުން ސަލާމަތެއް ނެތެވެ. އޭނާގެ ކޮންމެ ހަރަކާތަކާއި ހުއްޓި ހަމަހިމޭންކަމުގައި ހުންނަ ކޮންމެ ހިނދިކޮޅެއްގައި ޝައިޠާނާ އޭނާއާ ކުރިމަތިލައެވެ. ޝައިޠާނާގެ މި ރޭވުންތަކުން އެއްކިބާވުމަށް މާތް ﷲ އަށް ޙައްޤުވެގެންވާ ގޮތުގައި އަޅުކަން ކުރުމުގައި ދެމިހުންނަން ޖެހެއެވެ. އެއިރުން، ޝައިޠާނާގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވާނޭ ކަމުގައި މާތް ﷲ ވަޢުދެވެވޮޑިގެންފައިވާ ބަސްފުޅުގެ ތެރެއިން އޭނާ ހިމެނިގެންދާނެތެވެ.

“إِنَّ عِبَادِي لَيْسَ لَكَ عَلَيْهِمْ سُلْطَانٌ” (الحجر 42) “ތިމަން އިލާހުގެ އަޅުތަކުންގެ މައްޗަށް ކަލެއަކަށް ބާރެއް ނުވެއެވެ.”

ޝައިޠާނާގެ ކިބައިން ސަލާމަތްކަން އޮތީ، ތިމާއަކީ މާތް ﷲ ގެ އަޅުތަކުންގެ ތެރެއިން ހިމެނޭ މީހަކަށްވެގެންނެވެ. މިކަން ޙާޞިލުވާނީ ޢާލަމުތަކުގެ ވެރި ރައްބުގެ އަޅުތަކުންގެ ތެރެއިން ހިމެނޭ މީހެއްކަމުގައިވެ، އަދި ހިތުގެ އަޑިން މާތް ﷲ އަށް އަޅުކަން ޚާލިޞްކޮށް، ޔަޤީންކަމުގައި ދެމިހުރެގެންނެވެ. ހިތަށް އިޚުލާޞްތެރިކަމާއި، މާތް ﷲ އަށް އަޅުވެތިވުމުގެ އިޙުސާސްވަނުމުން، ތިމާއަކީ އެއިލާހުއާ ކުއްތަންވެގެންވާ އަޅުންގެތެރެއިން ލައްވައެވެ. އަދި އަންނަނިވި ބަސްފުޅުގެ ތެރެއިން ހިމެނިގެންދާނެތެވެ. “إِلاَّ عِبَادَكَ مِنْهُمُ الْمُخْلَصِينَ” “(އެއިބަލީހުގެ ދަންތުރައިގައި ޖެހޭނީ) އެއުރެންގެ ތެރެއިން، އިބަރަސްކަލާނގެ އަޅުންކުރެ ޚިޔާރު ކުރައްވާފައިވާ މީހުން މެނުވީއެވެ.” (الحجر 40) (إغاثة اللهفان من مصايد الشيطان (1/ 5))

ޝައިޠާނާގެ ރޭވުން ބަލިކަށިވެގެންވޭ

ވަސްވާތަކާއި ޝައްކުގައި ޖެހި ސަލާމަތް ނުވެވިފައިވާ އެއްވެސް މީހަކު ނާއުންމީދު ނުވާށެވެ. ޝައިޠާނާގެ ނުބައި ރޭވުމަކީ ބަލިކަށި އެއްޗެކެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “إِنَّ كَيْدَ الشَّيْطَانِ كَانَ ضَعِيفاً” (النساء 76) މާނައީ: “ހަމަކަށަވަރުން، ޝައިޠާނާގެ ކެހިވެރިކަންވަނީ ނިކަމެތިވެގެންނެވެ.” ޝައިޠާނާގެ ވަސްވާސްތަކަކީ ބަލިކަށި އެއްޗެއްކަމުގައި އެތައް ތަފްސީރު ޢިލްމުވެރިންނެއް ވިދާޅުވެއެވެ. ވަސްވާސް ދިނުން ފިޔަވައި އެހެން އެއްވެސް ބާރެއް ޝައިޠާނާއަށް ލިބިގެންނެއް ނުވެއެވެ. އަދި މާތް ﷲ ގެ މަގަށް ރުޖޫޢަވެ، ހެޔޮ ޢަމަލުތަކަށް ކުރިމަތިލައިފި މީހާއަށް ޝައިޠާނާގެ ވަސްވާސްތަކުން ފަސޭހަކަމާއެކު ސަލާމަތްވެވޭނެތެވެ.

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވެފައިވެއެވެ. “މާތް ﷲ ގެ އަޅާއަށް އޮތީ، ކަންބޮޑުވުމުން އެއްކިބާވެ، ކެތްތެރިކަމާއި، ސާބިތުކަމާއެކު ޒިކުރު ކުރުމާއި ނަމާދުކުރުމުގައި ދެމިހުރުމެވެ. މިފަދައިން ދެމިހުރެއްޖެ މީހާގެ ކިބައިން ޝައިޠާނާގެ ނުބައި ރޭއްވުންތައް ނެތިހިނގައިދެއެވެ.” އަދިވެސް ވިދާޅުވެފައިވެއެވެ. “އީމާންކަމާއި އެއްކައުވަންތަކަމުގެ ޢާޤީދާ ހިތުގެ ތެރޭގައި ވަރުގަދަވެ، ހިދާޔަތުގެ ނޫރުގެ އަލިކަން ފާޅުވެ، ނުބުއްވަތުގެ އަސަރު ފާޅުވުމުން، ޝައިޠާނާގެ އެހިތަށް ވައްދާ ވަސުވާސްތައް ބަލިކަށިވެދެއެވެ.” (مجموع الفتاوى 1/363)

އިންސާނާގެ ހިތަށް ވަސުވާސްދޭ ޝައިޠާނާގެ ވާހަކަ އަންގަވައި، ކީރިތި ޤުރްއާންގައި އެ ޝައިޠާނާ ސިފަކުރައްވާފައިވަނީ ފިލައިހުރެ ވަސްވާސްދޭ އެއްޗެއްގެ ގޮތުގައެވެ. ނާސި ސޫރަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. “قُلْ أَعُوذُ بِرَبِّ النَّاسِ * مَلِكِ النَّاسِ * إِلَهِ النَّاسِ * مِن شَرِّ الْوَسْوَاسِ الْخَنَّاسِ * الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ * مِنَ الْجِنَّةِ وَالنَّاسِ” މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! މީސްތަކުންގެ ވެރިރައްބުގެ ޙަޟުރަތުން ރައްކާތެރިކަން ލިބިގަންނަމެވެ. * (އެކަލާނގެއީ) މީސްތަކުންގެ ރަސްވަންތަ ރަސްކަލާނގެއެވެ. * (އެކަލާނގެއީ) މީސްތަކުންގެ އިލާހުވަންތަ ރަސްކަލާނގެއެވެ. * ފިލައިހުރެ ވަސްވާސްދޭ ޝައިޠާނާގެ ނުބައިކަމުންނެވެ. (އެބަހީ: ޝައިޠާނާގެ ނުބައިކަމުން އެކަލާނގެ ޙަޟުރަތުން ރައްކާތެރިކަން ލިބިގަންނަމެވެ.) * އެ (ޝައިޠާނާ) އެއީ މީސްތަކުންގެ ހިތްތަކުގައި ވަސްވާސް އުފައްދާ ޝައިޠާނާ އެވެ. * ޖިންނީންގެ ތެރެއިންނާއި، މީސްތަކުންގެ ތެރެއިންވާ ޝައިޠާނުންނެވެ.”

އިބްނު ކަޘީރު رحمه الله ވިދާޅުވެފައިވެއެވެ. “މި ސޫރަތުގައި މިވަނީ މާތް ﷲ ގެ ޞިފަފުޅުތަކުގެ ތެރެއިން ބައެއް ޞިފަފުޅުތައް ބަޔާން ކުރައްވާފައެވެ. އެކަލާނގެއީ މީސްތަކުންގެ ވެރި ރައްބު އަދި އިލާހު ކަމުގައި އަންގަވާފައެވެ. ހުރިހާ ތަކެއްޗެއް މިލްކުވެވޮޑިގެންވަނީ އެއިލާހަށެވެ. އެހުރިހާ މަޚުލޫޤުންނަކީ އެއިލާހުގެ އަޅުތަކުންނެވެ. މި މަތިވެރި ޞިފަތަކުގެ ވެރި ރަސްކަލާނގެ ޙަޟުރަތުން ރައްކާތެރިކަން އެދޭމީހާ، الوَسْوَاسِ الخَنَّاسِ (ފިލާހުރެ ވަސްވާސްދޭ ޝައިޠާނާ) ގެ ކިބައިން ރައްކާތެރިކަން ދެއްވުމަށް އެއިލާހަށް ދުޢާ ކުރުމަށް އެވަނީ އަންގަވާފައެވެ. އެއީ އިންސާނާއަށް ވަސްވާސްދޭ ޝައިޠާނާއެވެ. ކޮންމެ އިންސާނެއްގެ ގާތުގައި އޭނާއަށް ވަސްވާސްދީ، ފާހިޝް ޢަމަލުތައް ޒީނަތްތެރިކޮށްދޭނޭ ޝައިޠާނަކު ވެއެވެ. އެޝައިޠާނާގެ ވަސްވާސްތަކާމެދު ޣާފިލުނުވާހުށިކަމެވެ. އެހެނީ ރައްކާތެރިކަން ލިބިގެންވަނީ މާތް ﷲ ރައްކާތެރިކޮށްދެއްވި ފަރާތެއް އެކަންޏެވެ.”

ކޮންމެ އިންސާނެއްގެ ކައިރީގައިވެސް އޭނާއަށް ވަސްވާސްދޭނޭ ޝައިޠާނަކު ހުންނާނޭކަން ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްތަކުންވެސް ސާބިތުވެއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. «مَا مِنْكُمْ مِنْ أَحَدٍ، إِلَّا وَقَدْ وُكِّلَ بِهِ قَرِينُهُ مِنَ الْجِنِّ» قَالُوا: وَإِيَّاكَ؟ يَا رَسُولَ اللهِ قَالَ: «وَإِيَّايَ، إِلَّا أَنَّ اللهَ أَعَانَنِي عَلَيْهِ فَأَسْلَمَ، فَلَا يَأْمُرُنِي إِلَّا بِخَيْرٍ» رواه مسلم މާނައީ: “ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކާއެކު (ވަސްވާސްދޭނޭ) ޖިންނިއެއްވެއެވެ.” ޞަޙާބީން ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނާއެކުގައިވެސް ވޭތޯއެވެ.” ޙަދީޘް ކުރެއްވިއެވެ. “ތިމަންކަލޭގެފާނާ އެކުގައިވެސްމެއެވެ. ނަމަވެސް މާތް ﷲ ވަނީ އޭނާގެ މައްޗަށް ތިމަންކަލޭގެފާނަށް އެހީތެރިވޮޑިގެން، ސަލާމަތް ކޮށްދެއްވާފައެވެ. އޭނާ ތިމަންކަލޭގެފާނަށް ހެޔޮ ކަމަކަށްމެނުވީ އަމުރު ނުކުރެއެވެ.”

މިޙަދީޘްފުޅުގައި އެވާ، فَأَسْلَمَ މިކަލިމައިގެ ދެ މުރާދެއްވެއެވެ. އެއް މާނައަކީ އެ ޝައިޠާނާ އިސްލާމުވުމެވެ. އަނެއް މުރާދަކީ އެޝައިޠާނާގެ ކިބައިން ކީރިތި ރަސޫލާ صلى الله عليه وسلم ، ސަލާމަތްވެގެންވުމެވެ. ވީމާ، އެ ޝައިޠާނާ، އިތުރު އެކަލޭގެފާނަށް ނުބައިކަންކަމަށް އަމުރު ނުކުރައްވާނޭ ކަމުގައިވެސް ވަނީ ބަޔާންކޮށްދެއްވާފައެވެ.

މިސޫރަތުގައި الوَسْوَاسِ އޭ އަންގަވާފައިވާ ބަސްފުޅުން ޝައިޠާނާއަކީ ވަސުވާސްދޭ އެއްޗެއްކަން އެނގެއެވެ. ވަސްވާސަކީ ޝައިޠާނާ އިންސާނާގެ ހިތަށް ވައްދާ ފިކުރުތަކާއި ވަހުމުތަކެވެ. އޭގައި އެއްވެސް ޙަޤީޤަތެއްނެތް ޚިޔާލުތަކެވެ. އަދި الخَنَّاسِ އަކީ ފިލައި ހުރުން ނުވަތަ ފަސްޖެހުމެވެ. އެފަދައިން ޝައިޠާނާ ސިފަކުރައްވާފައި އެވަނީ، މާތް ﷲ ޒިކުރު ކުރެވުމުން އޭނާ ފަސްޖެހި ނިކަމެތިވެގަނެ ފިލާތީއެވެ. އިބްނު ޢައްބާސް رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. الوَسْوَاسِ الخَنَّاس އެބަހީ: އެ ޝައިޠާނާ އާދަމުގެ ދަރިޔާގެ ހިތުތެރެއަށް ވަދެގަނެ، އޭނާ ޣާފިލުވެއްޖެނަމަ ވަސްވާސްތައް ހިތަށް ވައްދައެވެ. އަދި މާތް ﷲ ޒިކރު ކުރުމުން އޭނާ ފަސްޖެހި ފިލައި ދެއެވެ.”

ޞަޙީޙުލް ބުޚާރީއާއި ޞަޙީޙު މުސްލިމުގައި، އަބޫ ހުރައިރާ رضي الله عنه ގެ ކިބައިންރިވާވެގެންވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. «إِذَا نُودِيَ بالصَّلاَةِ، أدْبَرَ الشَّيْطَانُ، وَلَهُ ضُرَاطٌ حَتَّى لاَ يَسْمَعَ التَّأذِينَ، فَإذَا قُضِيَ النِّدَاءُ أقْبَلَ، حَتَّى إِذَا ثُوِّبَ للصَّلاةِ أدْبَرَ، حَتَّى إِذَا قُضِيَ التَّثْوِيبُ أقْبَلَ، حَتَّى يَخْطِرَ بَيْنَ المَرْءِ وَنَفْسِهِ، يَقُولُ: اذْكُرْ كَذَا واذكر كَذَا – لِمَا لَمْ يَذْكُر مِنْ قَبْلُ – حَتَّى يَظَلَّ الرَّجُلُ مَا يَدْرِي كَمْ صَلَّى» މާނައީ: “ނަމާދަށް ބަންގި ގޮވާހިނދު (ބަންގީގެ އަޑު ނޭހުމައްޓަކައި) ޝައިޠާނާ ވައިބޭރުކުރަމުން ފުރަގަސްދީ ދުއްވައިގަނެއެވެ. ފަހެ، ބަންގިދީ ނިމުމުން، އެކަލޭގެ އަނެއްކާވެސް އެނބުރި އާދެއެވެ. އަދި ޤަމަތް ދޭން ފެށުމާއެކު (އެ އަޑު ނޭހުމަށް) އެކަލޭގެ އަނެއްކާވެސް ފުރަގަސްދީ ދުއްވައިގަނެއެވެ. ޤަމަތްދީ ނިމުމުން، އެ ކަލޭގެ (އެނބުރި) އާދެއެވެ. އަދި އިންސާނާގެ ނަފުސަށް ވަސްވާސްތެރިކަން ވެއްދުމުގައި، އެ ކަލޭގެ އަވަދިނެތި މަސައްކަތް ކުރެއެވެ. (ނަމާދަށް ހުންނަ މީހާއަށް) އެ ކަލޭގެ ބުނެއެވެ. އެވެނި ކަމެއް ހަނދާންކޮށް ބަލާށެވެ. މިވެނި ކަމެއް ހަނދާންކޮށް ބަލާށެވެ. މި ގޮތުން ކުރިން އޭނާގެ ހިތަށް ނުވެސް އަންނަ އެތައް ކަމެއް ހަނދާންކުރުވައެވެ. އެންމެފަހުން، ތިމާއަށް ކުރެވުނީ ނަމާދުގެ ކިތައް ރަކުޢަތްކަންވެސް އޭނާއަށް ހަނދާން ނައްތުވައިލައެވެ.”

ވީމާ، މާތް ﷲ އަށް އީމާންވެ، އަޅުކަމުގައި ދެމިހުރެއްޖެ އަޅަކަށް އެޝައިޠާނާގެ ކިބައިން ސަލާމަތްވުމަކީ ދާދި ފަސޭހަކަމެކެވެ. ނަމަވެސް ޣާފިލުކަމާއި، އުރެދުންތަކަށް އަރައިގަތުމުގެ މަގު ޚިޔާރުކޮށްފި މީހަކު ޝައިޠާނާގެ ދަންތުރަތަކުގައި ޖެހި، އެކަމުން ސަލާމަތްވުންވެސް އެނދަގޫވެގެން ދެއެވެ. އާޚިރުގައި ސަލާމަތްކަން އޮތީ މާތް ﷲ އަށް ބިރުވެތިވެ ތަޤުވާވެރިވީ އަޅުންނަށެވެ.

Copyright 2021 © Sheikh Hassan Moosa Fikree