ސެޕްޓެންބަރު 29، 2017

ޝިޢީން ޒަޚަމުވާ ދުވަސް

ކޮންމެ މުޙައްރަމު މަހެއްގެ ދިހަވަނަ ދުވަހަކީ ސުންނީ މުސްލިމުން ރޯދަހިފާ ދުވަހެކެވެ. އިސްލާމް ދީނަށް ނިސްބަތްކުރެވޭ ބައެއް ކަމުގައިވާ ޝީޢީން އެދުވަސް ވަރަށް ތާފާތު ގޮތަކަށް ފާހަގަ ކުރެއެވެ. އެދުވަހަކީ ތޫނު ޚަންޖަރުތަކުން ގައިގައިތަޅާ، ގައިން ލޭކޮށާލާ ދުވަހެކެވެ. މަގުމައްޗަށް ނިކުމެ، ތަފާތު ބަނދިތައް ކަޔާ ވަޖިދުވުމުގެ ދުވަހަކެވެ.

ޝީޢީންގެ ޢަޤީދާގައި ޢާޝޫރާ ދުވަހަކީ ކީރިތި ރަސޫލާ صلى الله عليه وسلم ގެ ކާފަ ދަރިކަލުން އަލް ޙުސައިން ބިން ޢަލީ رضي الله عنهما ކަރުބަލާގެ ހަނގުރާމައިގައި ޤަތުލުކޮށްލެވުނު ދުވަސްކަމުގައިވާތީ، އެދުވަހަކީ ހިތާމަ ފާޅުކުރުމުގެ ދުވަހެވެ. އެދުވަސް ފާހަގަ ކުރުމުގެ ގޮތުން ޙުސައިންގެފާނުގެ މަހާނައިގެ ކައިރީގައި އުއްބައްތި ޖެހުމާއި، ޙުސައިންގެފާނުގެ ޛިކުރާ އާކުރުމުގެ ގޮތުން އެ ހާދިސާގެ ވާހަކަ ކިޔައިދީ، ހިތާމަކޮށް، ގައިގާ ތަޅައި، ތޫނު އެއްޗިހިން ޒަޚަމުކޮށް ހަދައެވެ.

ދިވެހިންގެ ތެރޭގައި ހުރި ޝީޢީންގެ ޢަޤީދާގެ އަޘަރުތަކުގެ ތެރޭގައި، ރަތްވިލާއަކީވެސް ކަރުބޮލާގައި ހުސައިންގެފާނު ޤަތުލުކޮށްލެވުމުން ވިލާގަނޑަށް އަރާފަހުރި ލޭގެ ކުލަވަރު ކަމުގައި ޤަބޫލުކޮށްވެސް އުޅުނެވެ. އަދި މުޙައްރަމު މަހު ކަނދިދުވަސް ފާހަގަ ކުރުންފަދަ ކަންކަންވެސް ހިމެނެއެވެ. މިކަންކަން ދިވަހިގެންގެ ތެރެއިން މިއަދުވަނީ ނެތިގެން ގޮސްފައެވެ. الحمد لله.

އެދުވަހު ޝީޢީންއެކުރާ ކަންތައްތަކަކީ ދީނުގައި ވަރަށްބޮޑަށް ނަހީ ކުރައްވާފައިވާ ކަންކަމެވެ. އެގޮތުން އެއްވެސް މީހަކު މަރުވުމުގެ ސަބަބުން އެކަމާ ހިތާމަކުރުމަށްޓަކައި، އަޑު ހަރުކޮށް ދުލުން ދީން ނަހީކުރާ ބަސްތައްގޮވާއި، ގައިގާ ތަޅާ، ހެދުންވީީދާ ހެދުން ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ނަހީކުރައްވާފައެވެ.

ޢާޝޫރާ ދުވަހު ޝީޢީންގެ ޖާހިލު ރާފިޟީންކުރާ މުންކަރާތްތަކާ ބެހޭގޮތުން އަލްޙާފިޡު އިބްނު ކަޘީރު رحمه الله ވިދާޅުވެފައިވެއެވެ. “ޙުސައިން رضي الله عنه ގެ ޤަތުލަކީ އެކަމާމެދު ކޮންމެ މުސްލިމަކުވެސް ހިތާމަކުރަންޖެހޭ ކަމެކެވެ. އެކަލޭގެފާނަކީ މުސްލިމުންގެ އިސް ބޭކަލުންގެ ތެރެއިން ހިމެނިވަޑައިގެންނެވި، ޞަޙާބީންގެ ޢިލްމުވެރިންގެ ތެރެއިން ހިމެނިވަޑައިގެތް، ކީރިތި ރަސޫލާ صلى الله عليه وسلم ގެ އެންމެ މާތްވެގެންވާ ދަރިކަނބަލުން (ފާޠިމަތުގެ رضي الله عنها ގެ ދަރިކަލެއް) އަދި އަޅުވެރި، ހިތްވަރުފުޅުގަދަ ދީލަތި ބޭކަލެކެވެ. އެހެނެއްކަމަކު، ޝީޢީން އެދުވަހު ހިތާމަ ކުރުމުގެ ގޮތުން އެކުރާ ކަންކަމަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫނެވެ. އޭގައި މުޅިންވެސް ހިމެނެނީ ކަންދެއްކުމާއި ދެއްކުންތެރިކަމެވެ. ޙުސައިންގެ ބައްޕާފުޅު (ޢަލީ رضي الله عنه) ޙުސައިންގެފާނަށްވުރެ މާތްވެގެންވެއެވެ. އެކަލޭގެފާނުވެސް ވަނީ ޤަތުލުކޮށްލެވިފައެވެ. ނަމަވެސް ޝީޢީން ޙުސައިންގެފާނު ޤަތުލު ކޮށްލެވުނު ދުވަސް، ހިތާމަ ފާޅުކުރާ ދުވަހެއްގެ ގޮތުގައި ފާހަގަކުރާ ގޮތަށް ޢަލީގެފާނު ޤަތުލު ކޮށްލެވުނު ދުވަހަކީ ހިތާމަ ކުރާ ދުވަހެއްގެ ގޮތުގައި ފާހަގައެެއް ނުކުރެއެވެ. އެފަދައިން ޢުޘްމާނުގެފާނުވެސް ވަނީ ޤަތުލުކޮށްލެވިފައެވެ. އަދި ޢުމަރުގެފާނުވެސް ނަމާދުކުރައްވަން ހުންނަވަނިކޮށް ޒަޚަމްކޮށްލައި ޤަތުލުކޮށްލެވުނެވެ. ހަމައެފަދައިން ޢަބޫ ބަކުރުގެފާނުވެސް ދުނިޔެ ދޫކުރެއްވުމާއި، ކީރިތި ރަސޫލާ صلى الله عليه وسلم ދުނިޔެ ދޫކުރެއްވި ދުވަހަކީވެސް އެމީހުން ފާހަގަކުރާ ދުވަހެއް ނޫނެވެ. ކީރިތި ރަސޫލާ صلى الله عليه وسلم އަކީ ދުނިޔެއާއި އާޚިރަތުގައިވެސް އެންމެ މާތް އިންސާނާއެވެ. އެކަލޭގެފާނުގެ ކުރީގެ ނަބިއްޔުން ދުނިޔެ ދޫކުރެއްވިފަދައިން އެކަލޭގެފާނުވެސް ދުނިޔެ ދޫކުރެއްވިއެވެ. މިބޭބޭކަލުން ދުނިޔެ ދޫކުރެއްވި ދުވަހަކީ ހިތާމަކުރާ ދުވަހެއްގެ ގޮތުގައި އެކަކުވެސް ފާހަގަކޮށެއް ނޫޅެއެވެ.” (البداية والنهاية 221/8 بتصفر)

ޣައިރު މުސްލިމުންގެ އާދަކާދަ އާއި ޢަޤިދާގެ ތެރޭގައިވެސް އަމިއްލަ ނަފްސަށް އަނިޔާދީ ހެދުމުގެ ތެފާތު ކަންކަން ހުރެއެވެ. އެގޮތުން ނަޞާރާއިން، އެމީހުން ދަޢުވާ ކުރާ ގޮތުގައި، ޢީސާގެފާނު ޞަލީބަށް އަރުވައި އެކަލޭގެފާނަށް ލިބުނު ވޭނާއި ކެކުޅުން ހަނދާންކުރުމުގެ ގޮތުން އަމިއްލަށް ޞަލީބަށް އެރުވުމާއި، އަތްފަޔަތް މޮހޮރުޖެހުންފަދަ ކަންކަން އެމީހުންގެ ތެރޭގައިވެސް ކޮށް އުޅެއެވެ.

ޝީޢީންގެ ވާހަކަތަކުގެ ތެރެއިން، އަހުލުބައިތުންގެ ޙައްޤު އަދާކުރުމާއި، ކީރިތި ރަސޫލާ صلى الله عليه وسلم ގެ ގާތްތިމާގެ ބޭކަލުންގެ ޙައްޤުތަކުގެ ނަމުގައި ފަތުރަމުންދާ ދޮގުވާހަކަތަކަކީ ދީނުގެ ޙަޤީޤަތް ނޭނގޭ މީހަކަށް އެކަންކަމަކީ ރަނގަޅު ކަންކަތައްތަކުގައި ހީވެދާނޭ ކަމެކެވެ. އަދި ދީންނޭނގޭ ޖާހިލުން އެފަދަ ފިކުރުގައި ޖެހެނީ މަދެއްކޮށް ނޫނެވެ.

Copyright 2021 © Sheikh Hassan Moosa Fikree