މުޙައްރަމު މަހާއި ޢާޝޫރާ ދުވަހުގެ މާތް ކަން

الحمد لله رب العالمين والصلاة والسلام على نبينا محمد خاتم الأنبياء وسيد المرسلين وعلى آله وصحبه أجمعين وبعد

އެކެއް: މުޙައްރަމު މަހަކީ ޙުރުމަތްތެރިވެގެންވާ ހަތަރު މައްސަރުގެ ތެރެއިން ހިމެނޭ މައްސަރެކެވެ.

މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. “إِنَّ عِدَّةَ الشُّهُورِ عِندَ اللّهِ اثْنَا عَشَرَ شَهْراً فِي كِتَابِ اللّهِ يَوْمَ خَلَقَ السَّمَاوَات وَالأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ذَلِكَ الدِّينُ الْقَيِّمُ فَلاَ تَظْلِمُواْ فِيهِنَّ أَنفُسَكُمْ وَقَاتِلُواْ الْمُشْرِكِينَ كَآفَّةً كَمَا يُقَاتِلُونَكُمْ كَآفَّةً وَاعْلَمُواْ أَنَّ اللّهَ مَعَ الْمُتَّقِينَ” (التوبة : 36 ) މާނައީ: “ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވި ދުވަހުއްސުރެން، ﷲ ކަނޑައަޅުއްވާފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ ޢަދަދަކީ، ﷲގެ ޙަޟުރަތުގައި ބާރަ މަހެވެ. އޭގެތެރެއިން، ހަތަރު މަސް، ޙުރުމަތްތެރި ވެގެންވެއެވެ. އެއީ ޙައްޤުތެދު ދީނެވެ. ފަހެ، އެ މައްސަރުތަކުގައި، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތިޔަބައިމީހުން އަނިޔާ ނުކުރާހުށިކަމެވެ! އަދި އެންމެހާ މުޝްރިކުންނާ ތިޔަބައިމީހުން ހަނގުރާމަކުރާށެވެ! އެއުރެންވެސް އެންމެން އެކުގައި ތިޔަބައިމީހުންނާ ހަނގުރާމަކުރާ ފަދައިންނެވެ. އަދި ހަމަކަށަވަރުން، ﷲ ވޮޑިގެންވަނީ، ތަޤުވާވެރިންނާ އެކުގައިކަން، ތިޔަބައިމީހުން ދަންނާށެވެ!”

 

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. “الزَّمَانُ قَدْ اسْتَدَارَ كَهَيْئَتِهِ يَوْمَ خَلَقَ اللَّهُ السَّمَوَاتِ وَالأَرْضَ، السَّنَةُ اثْنَا عَشَرَ شَهْرًا، مِنْهَا أَرْبَعَةٌ حُرُمٌ، ثَلاَثَةٌ مُتَوَالِيَاتٌ: ذُو القَعْدَةِ وَذُو الحِجَّةِ وَالمُحَرَّمُ، وَرَجَبُ مُضَرَ، الَّذِي بَيْنَ جُمَادَى وَشَعْبَانَ ” رواه البخاري މާނައީ: “މާތް ﷲ އުޑުތަކާއި ބިން ހެއްދެވި ދުވަހުގައި ވީފަދައިން ޒަމާން އައިސް ހަމަޖެހިއްޖެއެވެ. (އެބަހީ: ޖާހިލިއްޔަ ޒަމާނުގައި މުޝްރިކުން މައްސަރުތައް އޮޅުވާލި އޮޅުވާލުން ފިލައިގެން ގޮސް ހަމަޖެހިއްޖެއެވެ.) އަހަރެއްގައިވަނީ ބާރަ މައްސަރެވެ. އޭގެ ތެރެއިން ހަތަރު މަހަކީ ޙުރުމަތްތެރިވެގެންވާ ހަތަރު މައްސަރެވެ. އެއީ ވިދިވިދިގެން އަންނަ ތިންމަހެވެ. ޛުލް ޤަޢިދާ އާއި ޛުލް ޙިއްޖާއާއި މުޙައްރަމެވެ. އަދި ޖުމާދާއާއި ޝަޢުބާނާއި ދެމެދުގައިވާ ރަޖަބު މުޟަރެވެ.”

 

ދޭއް: ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ މުޙައްރަމު މަސް މާތް ﷲ ގެ މައްސަރެއްގެ ގޮތުގައި ނިސްބަތްކުރައްވާފައެވެ. އަދި،

 

ތިނެއް: ރަމަޟާން މަހަށް ފަހުގައި ސުންނަތް ރޯދަ ހިފުން އެންމެ މޮޅު އިތުރުވެގެންވަނީ މުޙައްރަމް މަހުގައެވެ.

 

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. “أَفْضَلُ الصَّلَاةِ، بَعْدَ الصَّلَاةِ الْمَكْتُوبَةِ، الصَّلَاةُ فِي جَوْفِ اللَّيْلِ، وَأَفْضَلُ الصِّيَامِ بَعْدَ شَهْرِ رَمَضَانَ، صِيَامُ شَهْرِ اللهِ الْمُحَرَّمِ” رواه مسلم މާނައީ: “ފަރުޟު ނަމާދަށްފަހު އެންމެ މާތްވެގެންވާ ނަމާދަކީ ރޭނގަޑު ދަންވަރުގެ ވަގުތުގައި ކުރާ ނަމާދެވެ. އަދި ރަމަޟާންމަހުގެ ރޯދައަށް ފަހުގައި އެންމެ މާތްވެގެންވ ރޯދައަކީ މާތް ﷲ ގެ ޙުރުމަތްތެރި ކުރެއްވި މަހުގައި (މުޙައްރަމު މަހުގައި) ހިފާ ރޯދައެވެ.”

 

ހަތަރެއް: އެ މައްސަރުގައި ހަނގުރާމަ ކުރުން ވަނީ ނަހީ ކުރައްވާފައެވެ.

 

ފަހެއް: ހިޖުރީ ކަލަންޑަރުގެ ފުރަތަމަ މަހަކީ މުޙައްރަމު މަހެވެ.

 

ޢުމަރުގެފާނު رضي الله عنه ، އަޞްޙާބު ބޭކަލުންކުރެ ޢުޘްމާނުގެފާނާއި ޢަލީގެފާނު رضي الله عنهما އާއި މަޝްވަރާ ކުރެއްވުމަށްފަހު، އިސްލާމީ ކަލަންޑަރުގެ ފުރަތަމަ މަހެއްގެ ގޮތުގައި މުޙައްރަމް މަސް ކަނޑައެޅުއްވިއެވެ.

 

މުޙައްރަމު މަހަކީ އިސްލާމީ ކަލަންޑަރުގެ ފުރަތަމަ މަސްކަމުގައި ކަނޑައެޅުއްވުމުގެ ޙިކުމަތްތަކުގެ ތެރޭގައި، ޙައްޖުގެ އަޅުކަމަކީ އިސްލާމް ކަމުގެ ރުކުންތަކުގެ ތެރެއިން ފަސްވަނަ އަދި އެންމެ ފަހު ރުކުން ކަމުގައިވާތީ ޙައްޖުގެ އަޅުކަން އަދާކުރާ މައްސަރަކީ ޛުލް ޙިއްޖާ މައްސަރުގައި ވުމާއި، އެއާއި ވިދިގެން އޮންނަ މަހަކީ މުޙައްރަމު މަސްކަމުގަިއ ވާތީއެވެ. ހަމައެއާއެކު، ކީރިތި ރަސޫލާ صلى الله عليه وسلم ހިޖުރަ ކުރެއްވުމުގެ ޢަޒުމު ކަނޑައެޅުއްވީ މުޙައްރަމު މަހުގެ ތެރޭގައި ކަމުގައިވުމެވެ. އަދި އިސްލާމީ ކަލަންޑަރެއް އުފެއްދެވުމަށް ޢުމަރުގެފާނު رضي الله عنه އިޚްތިޔާރު ކުރެއްވީ ކީރިތި ރަސޫލާ صلى الله عليه وسلم ގެ ހިޖުރަކުރެއްވުންކަމުގައި ވީހިނދު، މުޙައްރަމް މަހަކީ އިސްލާމީ ކަލަންޑަރުގެ ފުރަތަމަ މައްސަރު ކަމުގައި ކަނޑައެޅުންވުން މުނާޞަބު ވެގެންވާތީއެވެ.

 

ނޯޓް: ކީރިތި ރަސޫލާ صلى الله عليه وسلم މައްކާއިން މަދީނާއަށް ހިޖުރަ ކުރެއްވީ މުޙައްރަމު މަހުގައެއް ނޫނެވެ.

 

ބައެއް ރިވާޔަތްތަކުގައި ވާގޮތުން، ކީރިތި ރަސޫލާ صلى الله عليه وسلم މަދީނާއަށް ހިޖުރަ ކުރެއްވުމަށްޓަކައި މައްކާ ދޫކުރައްވައި ނިކުމެވަޑައިގަތީ ރަބީޢުލް އައްވަލު މަހުގައެވެ.

 

ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސީރިތު ފޮތެއް ކަމުގައިވާ “އައްރަޙީޤުލް މަޚްޠޫމް” ލިޔުއްވި މުބާރިކުޕޫރީ ބޮޑަށް ބުރަވެވަޑައިގަންނަވާ ގޮތުގައި، ކީރިތި ރަސޫލާ صلى الله عليه وسلم ހިޖުރަ ކުރެއްވުމަށް ނިކުމެވަޑައިގަތީ ނަބީކަމައިގެން ފޮނުއްވުނުތާ ހަތަރުވަނަ އަހަރުގެ، ޞަފަރު މަހުގެ ހަތާވީސް ވީ ހުކުރުވިލޭރޭ ކަމުގައެވެ.

 

ވީމާ، ހިޖުރީ އައު އަހަރު ފާހަގަ ކުރުމަށް ތަހުނިޔާ ކިޔުމާއި، ހިޖުރީ އައު އަހަރު ފާހަގަ ކުރުމުގެ ގޮތުން ކީރިތި ރަސޫލާ صلى الله عليه وسلم ގެ ހިޖުރައިގެ ވާހަކަތައް ޚުޠުބާތަކުގައި ކިޔުމާއި މިކަންކަމަކީ ބިދުޢަތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.

 

ހައެއް: ޢާޝޫރާ ދުވަސް އަންނަނީވެސް މުޙައްރަމު މަހުގެ ތެރޭގައެވެ. ޢާޝޫރާ ދުވަހަކީ މުޙައްރަމުގެ ދިހަވަނަ ދުވަހެވެ. އެދުވަހަކީ ފިރްޢައުނުގެ ކިބައިން، މޫސާ عليه السلام އާއި ބަނީ އިސްރާއީލް މީހުން ނަޖާ ކުރެއްވި ދުވަހެވެ.

 

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ قَدِمَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمَدِينَةَ فَرَأَى الْيَهُودَ تَصُومُ يَوْمَ عَاشُورَاءَ فَقَالَ مَا هَذَا قَالُوا هَذَا يَوْمٌ صَالِحٌ هَذَا يَوْمٌ نَجَّى اللَّهُ بَنِي إِسْرَائِيلَ مِنْ عَدُوِّهِمْ فَصَامَهُ مُوسَى ، قَالَ فَأَنَا أَحَقُّ بِمُوسَى مِنْكُمْ فَصَامَهُ وَأَمَرَ بِصِيَامِهِ . ” رواه البخاري

 

އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ކީރިތި ރަސޫލާ صلى الله عليه وسلم މަދީނާއަށް ވަޑައިގެންނެވިއިރު ޔަހޫދީން ރޯދަހިފާ އުޅޭ ދުވަހެއް ދެކެވަޑައިގެން އެއީ ކޮންދުވަހެއްތޯ ސުވާލު ކުރެއްވެވިއެވެ. އެބައިމީހުން ދެންނެވިއެވެ. “މިއީ ހެޔޮވެގެންވާ ދުވަހެކެވެ. މި ދުވަހަކީ މާތް ﷲ ބަނީ އިސްރާއީލު މީހުން އެމީހުންގެ ޢަދުއްވުންގެ ކިބައިން ސަލާމަތް ކުރައްވި ދުވަހެވެ. އެދުވަހުގައި މޫސާގެފާނު ރޯދަ ހިއްޕެވިއެވެ.” ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “ތިޔަބައިމީހުންނަށްވުރެ މޫސާގެފާނަށް އޮތް ޙައްޤު ތިމަންކަލޭގެފާނުގެ މައްޗަށް މާ ބޮޑުވެގެންވެއެވެ.” ދެން އެދުވަހު ރޯދަ ހިފުމަށް އަމުރު ކުރެއްވިއެވެ.”

 

ހަތެއް: ޢާޝޫރާ ދުވަހުގެ ރޯދައަކީ ފާއިތުވި އަހަރުގެ ކުދި ފާފަތައް ފުއްސަވައިދެއްވަނިވި މަތިވެރި އަޅުކަމެކެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “وَصِيَامُ يَوْمِ عَاشُورَاءَ، أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ” رواه مسلم މާނައީ: “”އަދި ޢާޝޫރާ ދުވަހުގެ ރޯދައަކީ ފާއިތުވި އަހަރުގެ ކައްފާރާއެއްކަމުގައި ލެއްވުމަށް ތިމަންކަލޭގެފާނު އުއްމީދު ކުރައްވަމެވެ.”

 

އަށެއް: ރަމަޟާންމަހުގެ ރޯދަ ފަރުޟު ކުރެއްވުމުގެ ކުރީގައި ޢާޝޫރާ ދުވަހުގެ ރޯދަ ހިފުމަށް އަމުރު ކުރެއްވިއެވެ.

عن عَائِشَةَ: أَنَّ قُرَيْشًا كَانَتْ تَصُومُ عَاشُورَاءَ فِي الْجَاهِلِيَّةِ، ثُمَّ أَمَرَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بِصِيَامِهِ، حَتَّى فُرِضَ رَمَضَانُ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنْ شَاءَ فَلْيَصُمْهُ، وَمَنْ شَاءَ فَلْيُفْطِرْهُ» رواه مسلم މާނައީ: ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. “ޤުރައިޝް ވަންހައިގެ މީހުން ޖާހިލިއްޔަ ޒަމާނުގައި ޢާޝޫރާ ދުވަހު ރޯދަ ހިފައި އުޅުނެވެ. ދެން ރަސޫލާ صلى الله عليه وسلم އެދުވަހު ރޯދަ ހިފުމަށް އަމުރު ކުރެއްވިއެވެ. އެއީ ރަމަޟާންމަހުގެ ރޯދަ ފަރުޟު ކުރެއްވެންދެންނެވެ. އެއަށްފަހު ޙަދީޘް ކުރެއްވިއެވެ. “ރޯދަ ހިފަން އެދޭމީހަކު އެދުވަހުގެ ރޯދަ ހިފާށެވެ. ރޯދައަށް ހުންނަ ބޭނުން ނުވާ މީހަކު ނުންހުންނާށެވެ.”

 

ނުވައެއް: ޔަހޫދީންނާ ޚިލާފުވުމުގެ ގޮތުން ދިހަވަނަ ދުވަސް (ޢާޝޫރާ ދުވަހާއެކު) ނުވަވަނަ ދުވަހުގެ ރޯދަ ހިފުން ސުންނަތްވެގެންވެއެވެ.

 

وصلى الله على نبينا محمد وعلى آله وصحبه أجمعين .