މީސްތަކުން ބެހިގެންވާ ހަތަރު ބައި

އެއް އާޔަތެއްގައި މީސްތަކުން ހަތަރު ބަޔަކަށް މާތް ﷲ ވަނީ ބައްސަވާފައެވެ.

މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. { تِلْكَ الدَّارُ الْآخِرَةُ نَجْعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوًّا فِي الْأَرْضِ وَلَا فَسَادًا وَالْعَاقِبَةُ لِلْمُتَّقِينَ }  (القصص 83) މާނައީ: “އެއީ އާޚިރަތުގެ ގޮވައްޗެވެ. އެ ގޮވަތި ތިމަންރަސްކަލާނގެ ލައްވާހުށީ ބިމުގައި ބޮޑާވެގަތުމެއް، އަދި ފަސާދަ ކުރުމެއްވިޔަސް ނޭދޭ މީހުންނަށެވެ. އަދި ހެޔޮ ނިމުންވަނީ ތަޤުވާވެރިންނަށެވެ.”

އިބްނު ޖުރައިޖު رحمه الله ވިދާޅުވެފައިވެއެވެ. { عُلُوًّا فِي الْأَرْضِ }  ގެ މުރާދަކީ ބޮޑާވެގަނެ ޖައްބާރުވެގަތުމެވެ. އަދި { فَسَادًا }  ގެ މުރާދަކީ ފާފަތަކަށް އަރައިގަތުމެވެ.

p

ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހު ވިދާޅުވެފައިވެއެވެ. “މީސްތަކުންވަނީ ހަތަރު ބަޔަކަށެވެ.

އެއްވަނަ ބައި: މީސްތަކުގެ މައްޗަށް ބޮޑާވެގަނެ، ބިންމަތި ފަސާދަކުރަން އުޅޭ މީހުންނެވެ. މިބައިމީހުންގެ މަސައްކަތަކީ މާތް ﷲ އަށް އުރެދުމެވެ. މި ގިންތީގައި ހިމެނެނީ ކިބުރުވެރި ޖައްބާރު ރަސްރަސްކަލުންނާއި ރައީސުންކުރެ ފަސާދަވެރިންނެވެ. މިސާލަކަށް ފިރުޢައުނާއި އޭނާގެ ޖަމާޢަތެވެ. މި ގިންތީގެ މީހުންނަކީ މީސްތަކުންގެ ތެރެއިން އެންމެ ނުބައި މީހުންނެވެ.

ފިރުޢައުއާ ބެހޭގޮތުން މާތް ﷲ ވަޙީކުރައްވާފައިވެއެވެ. { إِنَّ فِرْعَوْنَ عَلَا فِي الْأَرْضِ وَجَعَلَ أَهْلَهَا شِيَعاً يَسْتَضْعِفُ طَائِفَةً مِّنْهُمْ يُذَبِّحُ أَبْنَاءهُمْ وَيَسْتَحْيِي نِسَاءهُمْ إِنَّهُ كَانَ مِنَ الْمُفْسِدِينَ } (القصص 4) މާނައީ: “ހަމަކަށަވަރުން، ފިރުޢައުނު، ބިމުގައި ބޮޑާވެގެންފިއެވެ. އަދި އެ ބިމުގެ އަހުލުވެރިން ބައިތަކަކަށް ބަހައިލިއެވެ. އޭގެތެރެއިން އެއްބަޔަކު ނިކަމެތިކުރަމުން ގެންދިޔައެވެ. އެއުރެންގެ ފިރިހެން ދަރިން ޤަތުލުކޮށް، އެއުރެންގެ އަންހެންދަރިން ދޫކޮށްލިއެވެ. ހަމަކަށަވަރުން، އޭނާއަކީ، ފަސާދަކުރާ މީހުންގެ ތެރެއިންވީ މީހެކެވެ.”

އެމީހެއްގެ ހިތުގައި ކިބުރުވެރިކަމާއި ބޮޑާވެރިކަމުގެ ކިތަންމެ ކުޑަ މިންވަރުވެސް އޮތް މީހަކު ސުވަރުގެ ނުވަންނާނޭކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައެވެ.

p

ދެވަނަ ބައި: މީސްތަކުންގެ މައްޗަށް ކިބުރުވެރިވެ ގަތުމެއްނެތް، ނަމަވެސް ފަސާދައިގެ ބޭނުމުގައި އެކަނި އުޅޭ މީހުންނެވެ. މިސާލަކަށް ވައްކަންކޮށްހަދާ ބޮޑެތި މުޖުރިމުންނެވެ. އެބައިމީހުންނަކީ މީސްތަކުންގެ ތެރެއިން އެންމެ ދަށްފަންތީގެ މީހުންނެވެ.

p

ތިންވަނަ ބައި: ފަސާދަ ކުރުމެއްނެތި މީސްތަކުންގެ މައްޗަށް ގަދަވެގަންނަށް އެދޭ މީހުންނެވެ. އެއީ މީސްތަކުންގެ ތެރެއިން ދީންވެރި، އަދި އެބައިމީހުންގެ މައްޗަށް އަމުރުވެރިނަށް ވާންއެދޭ މީހުންނެވެ.

p

ހަތަރުވަނަ ބައި: މި ގިންތީގެ މީހުންނަކީ ސުވަރުގެ ވަންތަ ވެރިންނެވެ. މިބައިމީހުން ބިންމަތީގައި ގަދަވެގެނެ، ކިބުރުވެރިކަމާއި ޖައްބާރުކަން ދައްކައި، ފަސާދަކޮށް އުޅޭ ބައެއްނޫނެވެ. ފަހަރެއްގައި މި ބައިމީހުންގެ ތެރޭގައި، އެހެން މީހުންނަށްވުރެ މަތިވެރި މީހުންވެސް ތިބުން އެކަށީގެންވެއެވެ. ނަމަވެސް އެމީހުންނަކީ މީހުންގެ މައްޗަށް ބޮޑާވެރިވެ ގަދަކަންދައްކާ ބައެއް ނޫނެވެ.

މިބައިމީހުންނާމެދު މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. { وَلاَ تَهِنُوا وَلاَ تَحْزَنُوا وَأَنتُمُ الأَعْلَوْنَ إِن كُنتُم مُّؤْمِنِينَ } (آل عمران 139) މާނައީ: “ތިޔަބައިމީހުން ނިކަމެތި ނުވާށެވެ! އަދި، ތިޔަބައިމީހުން ހިތާމަވެސް ނުކުރާށެވެ! މަތިވެރިކަން ބޮޑުވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. (އެއީ) ތިޔަބައިމީހުން މުއުމިނުން ކަމުގައި ވާނަމައެވެ.”

{ فَلَا تَهِنُوا وَتَدْعُوا إِلَى السَّلْمِ وَأَنتُمُ الْأَعْلَوْنَ وَاللَّهُ مَعَكُمْ وَلَن يَتِرَكُمْ أَعْمَالَكُمْ } (محمد 35) މާނައީ: “ފަހެ، ތިޔަބައިމީހުން ނިކަމެތިވެގަނެ، ކާފިރުންނާ ޞުލްޙަވުމަށް ގޮވައިނޫޅޭށެވެ! ގަދަވެ، މަތިވެރިވާނޭ ބަޔަކީ ތިޔަބައިމީހުންނެވެ. އަދި، ﷲ ވޮޑިގެންވަނީ ތިޔަބައިމީހުންނާ އެކުގައެވެ. އަދި ތިޔަބައިމީހުންގެ ޢަމަލުތައް އެކަލާނގެ އުނިނުކުރައްވާހުށްޓެވެ.”

{ وَلِلَّهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ } (المنافقون 8) މާނައީ: ” ޢިއްޒަތްވަނީ، ﷲ އަށެވެ. އަދި އެކަލާނގެ ރަސޫލާ އާއަށާއި، މުއުމިނުންނަށެވެ. ” أهـ | مجموع الفتاوى (٣٩٢/٢٨)