ސެޕްޓެންބަރު 17، 2018

ޢާޝޫރާ ދުވަހުގެ ރޯދަ: ފާފަތަކުގެ ކައްފާރާއެއް

ކީރިތި ރަސޫލާ صلى الله عليه وسلم ޢާޝޫރާ ދުވަހުގެ ރޯދަ ހިއްޕަވައި، އަދި މީސްތަކުން އެދުވަހު ރޯދަ ހިފުމަށް ބާރުއެޅުއްވިއެވެ. އެދުވަހަކީ ފިރުޢަނުގެ ކިބައިން މޫސާގެފާނާއި ބަނީ އިސްރާއީލު މީހުން ސަލާމަތް ކޮށްދެވި ދުވަހެވެ. މޫސާގެފާނަށް މާތް ﷲ ދެއްވި ކާމިޔާބީ ފާހަގަ ކުރުން، މުސްލިމުންގެ މައްޗަށް މާ އައުލާވެގެންވާކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ޙަދީޘްކުރައްވާފައެވެ.

ޢާޝޫރާ ދުވަހު ރޯދަހިފުމަކީ ފާއިތުވެދިޔަ އަހަރުގެ ފާފަތަކުގެ ކައްފާރާއެއްކަމުގައިވެސް އިތުރު އެކަލޭގެފާނުވަނީ ޙަދީޘް ކުރައްވާފައެވެ. وعن أَبي قتادة رضي الله عنه أنَّ رسول الله – صلى الله عليه وسلم سُئِلَ عَنْ صِيامِ يَوْمِ عَاشُوراءَ، فَقَالَ : “ يُكَفِّرُ السَّنَةَ المَاضِيَةَ “ رواه مسلم މާނައީ: އަބޫ ޤަތާދާ ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ޢާޝޫރާ ދުވަހުގެ ރޯދައާއި ބެހޭގޮތުން ސުވާލު ދެންނެވުނު ހިނދުގައި ޙަދީޘް ކުރެއްވިއެވެ. ”(އެ ދުވަހުގެ ރޯދައަކީ) ފާއިތުވެދިޔަ އަހަރު ކުރެވިފައިވާ (ކުދި) ފާފަތަކުގެ ކައްފާރާއެކެވެ.“

الكَفَّارَة ގެ ބަހުގެ މާނައަކީ ފޮރުވައިލުމެވެ. މިތާނގައި ކައްފަރާއޭ މިބުނެވެނީ ފާފަ ފުއްސަވައި ދެއްވުމަށެވެ. ކައްފާރާއަކީ ކުރެވިފައިވާ ފާފަތައް ފުއްސަވައިދެއްވުމުގެ މަގެއްގެ ގޮތުގައި ދީނުގައި ކަނޑައަޅުއްވާފައިވާ އަޅުކަންތަކަށް ކިޔޭ ނަމެކެވެ. ވީމާ، ތިމާމެންނަށް ކުރެވިފައިހުންނަ އެންމެހައި ކުދި ފާފަތައް ފުއްސަވައިދެއްވުމުގެ ސަބަބެއްކަމުގައި ޢާޝޫރާ ދުވަހުގެ ރޯދަހިފުން ވެގެންދެއެވެ.

ޢާޝޫރާދުވަކީ މުޙައްރަމު މަހުގެ 10 ވަނަ ދުވަހެވެ. ޢަރަބި ބަހުގައި 10 އަކީ ޢަޝަރަ އެވެ. ކަލަންޑަރުން ދައްކާގޮތުގައި މިއަހަރުގެ މުޙައްރަމު މަހުގެ 10 ވަނަ ދުވަހަކީ 20 ސެޕްޓެމްބަރުވާ ބުރާސްފަތި ދުވަހެވެ. އެދުވަހާއި އެދުވަހުގެ ކުރިން 1 ދުވަސް ނުވަތަ ފަހުން 1 ދުވަހު ރޯދަހިފުމުން މިސުންނަތް ޙާޞިލުވީއެވެ. އަދި އެދުވަހަށް މާތް ﷲ ލައްވާފައިވާ ބަރަކާތްވެސް ޙާޞިލުވެގެންދާނެއެވެ. إن شاء الله !

(ނޯޓް: މި ލިޔުމަކީ 09 ސެޕްޓެމްބަރ 2018 ގައި، ޖަމްޢިއްޔަތުއްސަލަފް.ކޮމް ގައި ޝާއިޢުކޮށްފައިވާ އަޅުގަނޑުގެ ލިޔުމެކެވެ.)

Copyright 2021 © Sheikh Hassan Moosa Fikree