ޖުލައި 22، 2015

ޢަމަލުތައް ޤަބޫލު ކުރެއްވިގެންވާ ކަމުގެ ޢަލާމަތްތައް

ކޮންމެ ކަމެއްގައިވެސް ޢަލާމާތްތަކަކާއި އެކަމެއް ހިނގުމަށް މެދުވެރިވާ ސަބަބުތައް ހުރެއެވެ. އެގޮތުން، ހެޔޮ ޢަމަލުތައް މާތް ﷲ ގެ ޙަޟުރަތުގައި ޤަބޫލު ކުރެއްވިގެންވާ ކަމުގެ ޢަލާމާތަކީ ހެޔޮ މަގުގައި ދެމި ހުރުމުގެ ހެޔޮ ތައުފީޤު ދެއްވުމެވެ. އިތުރު ހެޔޮ ޢަމަލު ކުރުމަށް މަގުފަހިވުމެވެ. ތިމާގެ ހިތްތުގައި ހެޔޮ ޢަމަލުކުރުމަށް ލޯބި ޖެހުފައި ވުމެވެ. އަދި ހެޔޮ ޢަމަލުގެ އަސަރު ތިމާގެ ޢަމަލުތަކުގައާއި ސުލޫކުގައި ފެންނަން ހުރުމެވެ.

ޢަލީ ބުނު އަބީ ޠާލިބު ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “كونوا لقبول العمل أشد هما منكم بالعمل, ألم تسمعوا الله عز وجل يقول (إِنَّمَا يَتَقَبَّلُ اللّهُ مِنَ الْمُتَّقِينَ) (المائدة : 27 )” މާނައީ: “ކުރެވޭ ހެޔޮ ޢަމަލަކީ ޤަބޫލު ކުރައްވަނިވި ޢަމަލެއްކަމުގައި ވޭތޯ ހެދުމަށް ތިބާ ބަހައްޓާ އަހަންމިއްޔަތު، ހެޔޮ ޢަމަލު ކުރުމަށް ދޭ އަހަންމިއްޔަތަށްވުރެ ބޮޑު ކުރާށެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅު ތިބާ އަޑު ނާހަމު ހެއްޔެވެ؟ “މާތް ﷲ ހެޔޮ ޢަމަލު ޤަބޫލު ކުރައްވަނީ ތަޤުވާވެރިންގެ ކިބައިންނެވެ.”

އިބްނުލް ޤައްޔިމު ރަޙިމަހު ﷲ ވިދާޅުވިއެވެ. “ތިމާ ކުރާ ހެޔޮ ޢަމަލާއި ތިމާގެ ހިތާ ދެމެދުގައި ބޮޑު ދުރުމިނެއް ވެއެވެ. އަދި އެ ދުރު ރާސްތާ ކަޑަތުކޮށް ހިތަށް ވާޞިލުވުމުގައި ހުރަސްތަކެއްވެއެވެ. މީހަކު ބައިވަރު ހެޔޮ ޢަމަލުތައް ކޮށްފާނެއެވެ. ނަމަވެސް އެ ޢަމަލުތަކުގެ ސަބަބުން، އޭނާގެ ހިތަށް ލޯތްބެއް ނުވަތަ ބިރުވެތި ކަމެއް ނުވަތަ ހެޔޮ ޢަމަލަށް އެދުންވެރިވުމެއް ނުވަތަ ދުނިޔޭގެ ޒާހިދުކަމެއް ނޫނީ އާޚިރަތުގެ އެދުންވެރިކަމެއް އޭނާގެ ހިތަށް ފޯރުކޮށެއް ނުދެއެވެ. ނުވަތަ ﷲ އާއި ކުއްތަންވެ އުޅޭ ހެޔޮ މީހުންނާއި އެކަލާނގެ ޢަދާވާތްތެރިން ވަކިކޮށްދޭފަދަ އަލިކަމެއްވެސް އޭނާއަކަށް ލިއްބައެއް ނުދެއެެވެ. އަދި ޙައްޤާއި ބާޠިލު ވަކިކޮށްދީ ނުހަދައެވެ. އޭނާގެ ޢަމަލުތަކުގެ އަސަރު ހިތަށް ވާޞިލުވާނަމަ އޭނާގެ ހިތް އަލިވެ އެހިތުން އަލިކަން ފާޅުވާނެތެވެ. އަދި ޙައްޤާއި ބާޠިލު ވަކިކޮށްދެނިވި ގޮތުގައި އޭނާއަށް ފެންނާނެއެވެ. އަދި މާތް ﷲ ގެ ވަލިއްޔުންނާއި އެކަލާނގެ ޢަދުއްވުން އޭނާއަށް ވަކިކުރަން އެނގޭނެއެވެ.”
ޢަބްދުލް ޢަޒީޒު ބިން އަބީ ދާވޫދު ރަޙިމަހު ﷲ ވިދާޅުވެފައިވެއެވެ. “އިހުގެ ޞަލަފުއްޞާލިޙުން ހެޔޮ ޢަމަލު ކުރުމުގައި ގަދައަޅައި ހީވާގިކަމާއެކު މައްސަކަތްކުރައްވާތީ ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. އަދި ހެޔޮ ޢަމަލު ކުޅައުމަށްފަހު، އެ ޢަމަލުތައް ޤަބޫލު ނުކުރެއްވިދާނެކަމުގެ މައްޗަށް ނުހަނު ކަންބޮޑުވެވަޑައިގަންނަވައެވެ.”

Copyright 2021 © Sheikh Hassan Moosa Fikree