ޑިސެންބަރު 10، 2016

ބަލިތަކަށް ފަރުވާއެއް

ޞަދަޤާތް ކުރުމަކީ ބަލިތަކުން ފަސޭހަވެ، ޝިފާ ލިބުމުގެ ސަބަބެއް ކަމުގައި ސަލަފުއްޞާލިޙުންގެ އަރިހުން ރިވާވެގެންވެއެވެ. “ޞަދަޤާތް ކޮށްގެން ތިޔަބައިމީހުންގެ ބަލި މީހުންނަށް ޝިފާ ހޯދާށެވެ.” މިފަދައިން އޮތް ބަސްފުޅަކީ ބަލިކަށި ޙަދީޘެއްކަމަކު، ޞަދަޤާތް ކުރުމުގެ ބަރަކާތުން ބަލިބަޔަށް ޝިފާ ލިބިފައިވާ ކަމުގެ ވާހަކަތައް ވަރަށް ގިނައެވެ.

ސިޔަރު އަޢްލާމުއް ނުބަލާގައި އަލްއިމާމުއް ޛަހަބީ ރަޙިމަހު ﷲ ވިދާޅުވެފައިވެއެވެ.

ޢަބްދު ﷲ ބުނުލް މުބާރަކު ރަޙިމަހު ﷲ ގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ.

“ތިމަންނާގެ ކަކޫ މަތީގައި ހުރި ފާރުގަނޑެއް ފަސޭހަ ނުވެގެން އުޅޭތާ ހަތް އަހަރު ވެއްޖެއެވެ. އެކި ވައްތަރު ބޭސްފަރުވާ ތިމަނާ ކޮށްފީމެވެ. އަދި އެތައް ޑޮކްޓަރުންނަކަށްވެސް ދެއްކިއްޖެއެވެ. އެއިން އެއްވެސް ކަމަކުން ފައިދާއެއް ނުކުރިއެވެ.”

އެހިނދު ޢަބްދު ﷲ ބުނުލް މުބާރަކު ރަޙިމަހު ﷲ ވިދާޅުވިއެވެ. “ދާށެވެ! ގޮސް މުސްލިމުން ފެނަށް ބޭނުން ޖެހިފައިވާ ހިސާބެއްގައި ފެންވަޅެ ކޮނެދޭށެވެ! ތިމަންކަލޭގެފާނު އުންމީދު ކުރަނީ އެތަނުން (އެވަޅު ކޮންނަ ތަނުން) ފެންއާރެއް ނިކުތުމަށެވެ. އަދި ތިބާގެ ފާރުގަނޑުން ލޭ މަނާވުމަށެވެ.”

ދެން އޭނާ ގޮސް އެފަދައިން ޢަމަލު ކުރިއެވެ. އަދި މާތް ﷲ އޭނާގެ ފާރުގަނޑަށް ޝިފާ ދެއްވިއެވެ.

Copyright 2021 © Sheikh Hassan Moosa Fikree