އޮކްޓޫބަރު 29، 2017

ގަޑުވެގެން މަރުވާން ކައިރިވެފައި އޮއްވާ ސަލާމަތްވި މީހާގެ ވާހަކަ

މަސްފިނިކޮށް ބަންދުކުރާ ކާރުޚާނާއެއްގައި އުޅުނު މުވައްޒަފެކެވެ.

އެއްދުވަހެއްގެ މަސައްކަތް ނިމޭވަގުތާއި ގާތްވެފައިވަނިކޮށް، މަސް ގަޑުކޮށްފައި ބަހައްޓާ ފިނި ކޮޓަރިއަކަށް (ކޯލްޑް ސްޓޯރޭޖް ރޫމް އަކަށް) އޭނާ ވަނެވެ.

އެދުވަހު ކުރަންޖެހިފައި އޮތް އެންމެ ފަހު މަސައްކަތް ފުރިހަމަކޮށްލުމަށްޓަކައެވެ.

އޭނާ އެތެރޭގައި މަސައްކަތުގައި އުޅެނިކޮށް ފިނި ކޮޓަރީގެ ދޮރުފަތް ލެއްޕިއްޖެއެވެ.

ދޮރު ހުޅުވަން ކުރެވުނު މަސައްކަތްވީ ބޭކާރެވެ. މަސް ގަޑުކޮށްފައި ބަހައްޓާ ކޮޓަރީގެ ދޮރު ބާރަށް ބަންދުވުމަށްފަހު ދެން ހުޅުވޭނީ ބޭރުންނެވެ.

އިތުރު ގޮތެއް ނެތުމުން އަޑު ހަރުކޮށް އެހީއަށް އެދި ގޮވަންފަށައިފިއެވެ.

ނަމަވެސް މަސައްކަތުގެ ވަގުތު ނިމިފައިވާތީ އެހެން މުވައްޒަފަކަށް އެ އަޑު އިވޭނޭ ގޮތެއް ނުވިއެވެ.

އެހީތެރިވެދޭނެ މީހަކު ނުވިއެވެ.

އޭނާ އެތެރޭގައި ހުންނަތާ ފަސްގަޑިއިރު ވާން ކައިރިވެއްޖެއެވެ.

ފިނި ގަދަކަމުން ގަޑުވެގެންގޮސް ފުރާނަ ގޮސްދާނޭ ކަމުގައި ހީވާފަށައިފިއެވެ.

ކުއްލިއަކަށް ފިނި ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތަނުގެ ދޮރުވާނުންގެ ތެރެއިން މީހަކު ވަދެ އޭނާ ސަލާމަތް ކޮށްފިއެވެ.

މި ކަމުގެ ޚަބަރު ލިބުމުން ކާރުޚާނާގެ މެނޭޖަރު، ދޮރުވާނާ ސުވާލު ކުރިއެވެ.

“އޭނާ ފިނި ކޮޓަރީގެ ތެރޭގައި ބަންދުވެ ނުނިކުމެވިފައި ހުރިކަން އެނގުނީ ކިހިނެއް ހެއްޔެވެ؟”

ދޮރުވާނު ބުންޏެވެ. “އަހުރެން މި ކާރުޚާނާގައި މަސައްކަތް ކުރާތާ ތީރީސް އަހަރުވެއްޖެއެވެ.”

“ކޮންމެ ދުވަހަކުވެސް ސަތޭކައެއްހާ މުވައްޒަފުން މިތަނަށް ވަދެ ނިކުމެ އުޅެއެވެ.”

“އޭގެ ތެރެއިން، އޭނާ ނޫން އެކަކުވެސް އަހަރެންނާ ސަލާމްކޮށް ޙާލު އަހައި ނުހަދައެވެ.”

“މިއަދުގެ މަސައްކަތް ނިމިގެން އެންމެން ދިޔައިރު އޭނަ ގޮވާލާ އަޑެއް ނީވުނެވެ. އެހެންވީމާ އޭނާ އަދި ގެއަށް ނުދަނީ ކަން އެނގުނެވެ.”

“ދެން ހުރިހާ ތަނެއް ހޯދަމުން ހޯދަމުން ގޮސް އެންމެ ފަހުން ފިނި ކޮޓަރިއަށްވެސް ވަނީއެވެ.”

އ

ހެޔޮ ބަހަކީ ހިތްތަކުގެ ތަޅުދަނޑިއެވެ.

ތިމާއަށް މާ ބޮޑު ކަމެއްކަމުގައި ނުދެކެވުނަސް، ބުނެވޭ ހެޔޮ ބަހެއްގެ ސަބަބުން މީހެއްގެ ހިތުގައި ހެޔޮކަމެއް ހަރުލައިފާނެއެވެ.

މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. “މީސްތަކުންނަށް ހެޔޮ ބަހުންބަސް ބުނެއުޅޭށެވެ.”

Copyright 2021 © Sheikh Hassan Moosa Fikree