ފެބުރުއަރީ 13، 2021

ކަންބޮޑުވުންތައް ފިލުވާލުމަށް ފިޔަވަޅުތަކެއް

ކަންބޮޑުވުންތަކާއި ނުތަނަވަސް ކަމާއި، ހިތްދަތިކަމަކީ މި ދުނިޔޭގައި މެދުވެރިވާ އިމްތިޙާނުތަކެކެވެ. މިފަދަ ވަގުތު ތަކުގައި ކެތްތެރިކަން އިސްކޮށް، ތިމާގެ ނަފްސު ހެޔޮ މަގުގައި ދެމެހެއްޓުމަކީ އެ ހިތާމަތަކުން އަރައިގަނެ، ބާއްޖަވަރި ޙަޔާތަކަށްޓަކައި ކުރަންޖެހޭ ކަމެކެވެ.

ހިތާމައެއް ނުވަތަ ކަންބޮޑުވުމެއް ކުރިމަތިވުމުން ޢަމަލު ކުރަންވީގޮތް މާތްވެގެންވާ އިސްލާމް ދީނުގައިވަނީ ވަރަށް ފުރިހަމައަށް ބަޔާންކޮށްދެއްވާފައެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ކަންތައްތަކަށް ބަލައިލާނަމެވެ.

ދުވަހީ ވިސްނުމުގައި ދިރުއުޅުން

ކުރިމަތިވެދާނޭ ނުރައްކަލަކަށް ތައްޔާރުވުމަކީ މުހިންމު ކަމެކެވެ. ނަމަވެސް ކަންބޮޑުވުމާއި ނުތަނަވަސްކަން ކުރިމަތިވާ ޙަލަތްތަކުގައި، މާދަމާ ކުރިމަތިވެދާނޭ ބިރުވެރިކަމާއި ނުރައްކާތެރިކަމާމެދު ވިސްނައި ފިކުރުކުރުމަކީ ކަންބޮޑުވުން އިތުރުކޮށްކުރުވާ ކަމެކެވެ. ވީމާ، މިއަދު ލިބިފައިވާ ނިޢުމަތްތަކާމެދު ވިސްނާށެވެ. މިއަދު ތިބާއަށް ލިބިފައިވާ ނިޢުމަތްތައް ހަނދާންކުރާށެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. «مَنْ أَصْبَحَ مِنْكُمْ آمِنًا فِي سِرْبِهِ مُعَافًى فِي جَسَدِهِ عِنْدَهُ قُوتُ يَوْمِهِ فَكَأَنَّمَا حِيزَتْ لَهُ الدُّنْيَا» رواه الترمذي މާނައީ: “އެ މީހެއްގެ އަހުލުވެރިންގެ މެދުގައި އަމާންކަމާއެކު އުޅެވޭ، އަދި އޭނާގެ ޞިއްޙަތު ސަލާމަތުން ލެއްހެއްޓެވިގެންވާ، އަދި އެދުވަހެއްގެ ފުރާގު (ކާލާނެއެއް އެއްތިކޮޅެއް) އޭނާއަށް ލިބިގެންވާ މީހަކީ، މުޅި ދުނިޔޭގެ ހުރިހާ މޮޅެއް ލިބިގެންވާ މީހެއްފަދައެވެ.”

މަސައްކަތެއްގައި މަޝްޣޫލްވުން

ހެޔޮ ކަމެއްގައި ތިބާގެ ވަގުތުތަށް ފުރާނުލައިފިނަމަ، އެ ވަގުތަކީ މާތް ﷲ ގެ ރުހިވޮޑިގަތުން ލިބިގެންނުވާ ކަންތަތަކެއްގައި ހޭދަވާ ވަގުތުތަކެއް ކަމުގައި މެނުވީ ނުވެއެވެ.

އަލްއިމާމުއްޝާފިޢީ رحمه الله ގެ ވިދާޅުވެފައިވެއެވެ. “ޙައްޤުގައި (ތެދުމުގައި) ތިބާގެ ވަގުތުތައް މަޝްޣޫލު ނުކޮށްފިނަމަ، ބާޠިލު ކަންކަމުގައި އެވަގުތުތައް ހޭދަވެގެންދާނެތެވެ.” މިއީ ޢާއްމު ޙާލަތުގައި މީހެއްގެ ވަގުތުތައް ހޭދަވާ ގޮތާމެދުގައި ވިދާޅުވެފައިވާ ބަސްފުޅެކެވެ.

އެހެންކަމުގައިވާނަމަ، ކަންބޮޑުވުމާއި، ދަތިކަމާއި މުޞީބާތުގެ ވަގުތުގައި ތިބާގެ ވަގުތުތައް ހެޔޮ ކަންކަމުގައި ހޭދަކުރުމަކީ ތިބާގެ ކަންބޮޑުވުމަށް އޮތް ފަރުވާއެކެވެ.

މާޒިގައިކުރެވިފައިވާ ކުށްތަކުގެ އަނދިރިކަމާ ދުރުވުން

ވެދިޔަ ކަންތައްތަކަކީ އެކަކަށްވެސް ބަދަލު ކުރެވޭނޭ ކަންތައްތަކެއް ނޫނެވެ. އެކަންކަމަކީ ނުވާކަމަކަށް ނުހެދޭނެއެވެ. ދެން އޮތީ މިއަދާއި މަދާމާއާމެދު ވިސްނުމެވެ. ވެދިޔަ ކަންތައްތަކުން ފިލާވަޅުތަކެއް ލިބިގަތުމެވެ. ކުރެވުނު ކަންތައްތަކުގެ މައްޗަށް ހިތާމަކޮށް ތައުބާވެ ނަފްސު އިޞްލާޙު ކުރުމެވެ. ތިމާގެ ފުށުންވެވިފައިވާ ކުށްތަކާއި އަރައިގަނެވިފައިވާ ފާފަތަކުގެ ސަބަބުން، މިއަދު ތިބާ އަދާކުރަންޖެހޭ ވާޖިބުތަކާއި ތިބާގެ މަސައްކަތްތަކަށް ހުރަސްއެޅުނަ ނުދޭށެވެ.

ނިމިދިޔަ ކަންތައްތަކާމެދު “ނަމަ” ނުކިޔާށެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. “وَإِنْ أَصَابَكَ شَيْءٌ، فَلَا تَقُلْ لَوْ أَنِّي فَعَلْتُ كَانَ كَذَا وَكَذَا، وَلَكِنْ قُلْ قَدَرُ اللهِ وَمَا شَاءَ فَعَلَ، فَإِنَّ لَوْ تَفْتَحُ عَمَلَ الشَّيْطَانِ” رواه مسلم މާނައީ: “އަދި ތިބާއަށް ކަމެއް ކުރިމަތިވެއްޖެނަމަ، އެވަނި މިވެނި ގޮތަކަށް ކަންކުރެވުނުނަމަ، އެވެނިހެން ވީހޭ ނުބުނާށެވެ. އަދި ބުނާށެވެ! އެއީ މާތް ﷲ މިންވަރު ކުރެއްވިގޮތެވެ. އެކަލާނގެ އިރާދަކުރައްވާ ގޮތަކަށް ކަންކުރައްވައެވެ. ފަހެ، ހަމަކަށަވަރުން، “ނަމަ’ އަކީ، ޝައިޠާނާގެ ވަސްވާސްތަކަށް ހުޅުވައިލެވޭ ދޮރެކެވެ

މިންވަރުފުޅަށް ރުހުން

މި ކާއިނާތުގައި ހިނގާ ހުރިހާ ކަމެއްވެސް ހިނގަނީ މާތް ﷲ ގެ މިންވަރުފުޅުންނެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ. •​”إِنَّا كُلَّ شَيْءٍ خَلَقْنَاهُ بِقَدَرٍ” (القمر: 49) “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެ އެއްޗެއް ހައްދަވާފައިވަނީ، ކަނޑައަޅުއްވާފައިވާ ވަކިމިންވަރަކަށެވެ.” މިންވަރުފުޅުގައި ނުވާކަމެއް ނުޖެހޭނެއެވެ. އަދި މުޅު ދުނިޔޭގެ އެންމެން ތިބާއަށް މަންފާއެއް ކުރުމަށް، ނުވަތަ ގެއްލުމެއް ދިނުމަށް ރޭވިޔަސް، މާތް ﷲ ތިބާއަށް މިންވަރު ކުރައްވާފައިވާ ކަމެއް ނޫނީ ކުރިމަތި ނުވާނެއެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. “وَاعْلَمْ أَنَّ الأُمَّةَ لَوْ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ، وَلَوْ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ، رُفِعَتِ الأَقْلَامُ وَجَفَّتْ الصُّحُفُ” رواه الترمذي މާނައީ: “އަދި ތިބާ ދަންނާށެވެ! ހަމަކަށަވަރުން، އުއްމަތުގެ އެންމެން ތިބާއަށް މަންފާއެއް ލިބިދިނުމަށްޓަކައި، އެބައިމީހުން އެންމެން އެކުގައި މަސައްކަތް ކުރިކަމުގައިވިޔަސް، ﷲ، އެކަމެއް ތިބާއަށް މިންވަރު ކުރައްވާފައިނުވާ ކަމެއް އެބައިމީހުންނަކަށް ތިބާއަށް ގެނެސް ނުދެވޭހުއްޓެވެ. އަދި ހަމަކަށަވަރުން، އުއްމަތުގެ އެންމެން ތިބާއަށް ގެއްލުމެއް ދިނުމަށްޓަކައި، އެބައިމީހުން އެންމެން އެކުގައި މަސައްކަތް ކުރިކަމުގައިވިޔަސް، ﷲ، އެކަމެއް ތިބާއަށް މިންވަރުކުރައްވާފައިނުވާ ކަމެއް، އެބައިމީހުންނަސް ތިބާއަށް މެދުވެރި ނުކުރެވޭހެއްޓެވެ. ގަލަންތައްވަނީ އުފުލިގެންނެވެ. ފޮތްތައްވަނީ، ލައްޕައިލެއްވިފައެވެ.” (އެބަހީ: ވަނިވިހައި ކަމެއްވަނީ، ﷲ ކަނޑައަޅުއްވައި، މިންވަރު ކުރައްވައި، ލިޔުއްވައި ނިންމަވައިފައެވެ. އެއަށް ބަދަލެއް އައުމެއް ނުވެއެވެ.)

ކުދިކުދި ކަންކަމާ ކަންބޮޑު ނުވުން

މި ޙަޔާތަކީ ވަރަށް ކުރު ޙަޔާތަކެވެ. ދުނިޔޭގެ ދުވަސްތައް ނިމިގެންދަނީ ފިސާރި އަވަހަށެވެ. ދުނިޔޭގައި ހިނގާ ކަންތައްތަކުގެ ތެރޭގާ ކުދިކުދި ކަންކަމާމެދު ކަންބޮޑުވުމަކީ، ތިމާގެ ހިތާމައާއި ކަންބޮޑުވުމާއި ނުތަނަވަސްކަން އިތުރުކޮށްދޭ ކަމެކެވެ. ދަންނާށެވެ! ދުނިޔެއަކީ ވަގުތީ ތަނެކެވެ.

ދުނިޔޭގެ ފަސޭހަކަމަކީވެސް ވަގުތީ ކަމެކެވެ. ދާއިމީ ނިޢުމަތުގެ ގޮވައްޗަކީ ސުވަރުގެއެވެ. ވީމާ، ދުނިޔޭގައި އަބަދުވެސް ތިމާ ނުރުހެވޭ، ނުވަތަ ބޭނުނުން ނުވާކަންކަން ކުރިމަތިވާނެއެވެ. އެކަންކަމަށް ކެތްތެރިވެ ތިމާގެ ނަފްސު ހެޔޮ މަގުގައި ދަމަހައްޓަން މަސައްކަތް ކުރާށެވެ.

މާތް ﷲ ގެ ނިޢުމަތްތަކާމެދު ޝުކުރުވެރިވުން

މާތް ﷲ ދެއްވާފައިވާ ނިޢްތަތަކަކީ ގުނާ ޢަދަދު ނުކުރެވޭހާ ގިނަގުނަ ނިޢްމަތްތަކެކެވެ. ނަމަވެސް ގިނަ ބަޔަކަށް އެ ނިޢްމަތަކާމެދުވަނި ޣާފިލުވެފައެވެ. އެނިޢްތަތަކުގެ އަގު ވަޒަންކުރެވޭނީ ނިޢްތަތައް ތިމާގެ އަތުން ބީވެގެންދިޔުމުން އެކަންޏެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ وَإِن تَعُدُّواْ نِعْمَةَ اللّهِ لاَ تُحْصُوهَا إِنَّ اللّهَ لَغَفُورٌ رَّحِيمٌ ﴾ (النحل: 18) މާނައީ: “ތިޔަބައިމީހުން اللَّهގެ ނިޢުމަތްތައް ގުނައި ޢަދުދުކުރަން އުޅުނަސް، ތިޔަބައިމީހުންނަކަށް އެ ނިޢްމަތްތައް ގުނާ ޢަދަދު ނުކުރެވޭނެތެވެ. ހަމަކަށަވަރުން، اللَّهއީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ ރަސްކަލާނގެއެވެ

އެއްވެސް މީހެއްގެ ފަރާތުން ޝުކުރަކަށް ނޭދުން

މީސްތަކުގެ ހެޔޮ ބަސްތަކާއި، ތިބާ އެމީހުންނަށް ކޮށްދީފައިވާ ކަންތައްތައް އެމީހުން ބަލައިނުގަތުމާއި، އެކަމުގެ އަގު ވަޒަންނުކޮށްގެން ކަންބޮޑު ނުވާށެވެ. މީސްތަކުންގެ ހެޔޮ ބަސްތަކަށް އިންތިޒާރު ނުކުރާށެވެ. ކޮންމެ ކަމެއްގައިވެސް މާތް ﷲގެ ޙަޟުރަތުން ލިބެނިވި ދަރުމަޔާއި ސަވާބު އެދިގެން ކުރާށެވެ.

﴿ وَيُطْعِمُونَ الطَّعَامَ عَلَى حُبِّهِ مِسْكِينًا وَيَتِيمًا وَأَسِيرًا * إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّهِ لَا نُرِيدُ مِنْكُمْ جَزَاءً وَلَا شُكُورًا ﴾ (الإنسان: 8، 9) މާނައީ: “އަދި އެތަކެއްޗަށް ލޯބި ހުރުމާއެކުވެސް، މިސްކީންނާއި، ޔަތީމުންނާއި، ހައްޔަރުވެފައިވާ މީހުންނަށް އެއުރެން ކާތަކެތި ކާންދެތެވެ. * (ބުނަމުންނެވެ.) ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، ﷲ ގެ ވަޖުހުފުޅަށްޓަކައެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި ޝުކުރެއްވެސް ތިމަންމެން ނޭދެމުއެވެ.”

މީސްތަކުންގެ ދޫތަކުން ސަލާމަތް ނުވާކަން ދަތުން

އަލްއިމާމުއްޝާފިޢީ رحمه الله ވިދާޅުވެފައިވެއެވެ. “މީސްތަކުންގެ ބަސްތަކުން ސަލާމަތް ވާނޭ މެގެއް ނޯންނާނެއެވެ. ވީމާ، ތިބާއަށް އެކަމެއްގައި އެންމެ ހެޔޮ ގޮތަކީ ކޮބައިތޯބަލައި އެގޮތެއްގައި ކުރިޔަށްދާށެވެ.” މާތް ﷲ އާމެދު ޔަހޫދީންވަނީ ކުޑައިމީސް ބަސްބުނެފައެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ لَقَدْ سَمِعَ اللَّهُ قَوْلَ الَّذِينَ قَالُوا إِنَّ اللَّهَ فَقِيرٌ وَنَحْنُ أَغْنِيَاءُ ﴾ (آل عمران: 181) މާނައީ: “ހަމަކަށަވަރުން، ﷲއީ ފަޤީރެކޭ، ތިމަންމެންނީ މުއްސަނދިންނޭ ބުނިމީހުންގެ ބުނުން، ﷲ އައްސަވާވޮޑިގެންފިކަން ކަށަވަރެވެ.”

﴿ وَقَالَتِ الْيَهُودُ يَدُ اللَّهِ مَغْلُولَةٌ ﴾ (المائدة: 64) މާނައީ: “ޔަހޫދީން ބުނޫއެވެ. ﷲގެ އަތްޕުޅުވަނީ ބަންދުވެގެންނެވެ. (ޔަހޫދީން މިހެންބުނީ اللَّهއަށް ދަހިކަން ނިސްބަތްކުރުމުގެ ގޮތުންނެވެ.)

ރަސޫލުންނާމެދު އުރެދުނު މީހުން ބުނެއުޅުނު ބަސްތައް މާތް ﷲ ވަނީ ޤުރްއާންގައި އަންގަވާފައެވެ. ﴿ وَقَالُوا يَا أَيُّهَا الَّذِي نُزِّلَ عَلَيْهِ الذِّكْرُ إِنَّكَ لَمَجْنُونٌ ﴾ (الحجر: 6)، މާނައީ: “އެއުރެން ބުނެފޫއެވެ. އޭ قرآن އެބޭކަލެއްގެ މައްޗަށް ބާވައިލެއްވި ކަލޭގެފާނެވެ! ހަމަކަށަވަރުން، ކަލޭގެފާނީ، މޮޔައެއްކަން ކަށަވަރެވެ.”

﴿ وَلَقَدِ اسْتُهْزِئَ بِرُسُلٍ مِنْ قَبْلِكَ ﴾ (الأنعام: 10)، މާނައީ: “އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރީގެ ރަސޫލުންނަށްވެސް ފުރައްސާރަކުރިއެވެ.”

﴿ كَذَلِكَ مَا أَتَى الَّذِينَ مِنْ قَبْلِهِمْ مِنْ رَسُولٍ إِلَّا قَالُوا سَاحِرٌ أَوْ مَجْنُونٌ ﴾ (الذاريات: 52) މާނައީ: “އެފަދައިން އެއީ ސިހުރުވެރިޔެކޭ، ނުވަތަ މޮޔައެކޭ އެއުރެން ނުބުނާ އެއްވެސް ރަސޫލަކު، އެއުރެންގެ ކުރީގެ މީހުންގެ ގާތަކަށްވެސް ވަޑައެއްނުގަންނަވައެވެ.”

މީސްތަކުންގެ ނުބައިބަސްތަކުން މާތް ﷲ އާއި އެއިލާހުގެ ނަބީބޭކަލުން ސަލާމަތް ނުވިއިރު، ތިބާއަށް އެމީހުންގެ ބަސްތަކުން ލިބޭ ތުރާތަކަށް އޮތީ ވަކި ކޮން ޝަކުވާއެއް ހެއްޔެވެ. ވީމާ، މީސްތަކުން ބުނެފާނޭ އެއްޗެއް ނުވިސްނާށެވެ. އަދި މީސްތަކުން ބަސްތަކަށް ކަންބޮޑު ނުވާށެވެ.

ރުޅި އިސްނުކުރުން

ރުޅި އިސްކުރުމަކީ، ކުރެވޭ ނުކުރެވޭކަމެއް ނޭނގި ހަމައިން ނައްޓުވާލާކަމެކެވެ. ހެޔޮ ވިސްނުމުން އެއްކިބާ ކުރުވާ ކަމެކެވެ. އަދި ކަމެއްގައި އަޅަންޖެހޭ ރަނގަޅު ފިޔަވަޅުތަކަކީ ކޮބައިކަން ހަނދާންނައްތުވާލާ ކަމެކެވެ.

މި ސަބަބަށްޓަކައި، އަޞްޙާބު ބޭކަލަކަށް ވަޞިއްޔަތެއް ކޮއްދެއްވުމަށް އެދި މާތް ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ދެންނެވިހިނދު، އެތައް ފަހަރަކު ތަކުރާރު ކުރައްވައި ޙަދީޘް ކުރެއްވިއްވެ. “لاَ تَغْضَبْ” رواه البخاري މާނައީ: “ތިބާ ރުޅި އިސްނުކުރާށެވެ.”

ހެޔޮބަހެއް ނޫނީ ނުބުނުން

ކޮންމެ ޙާލަތެއްގައިވެސް ދުލުން ހެޔޮ ބަހެއް ނޫނީ ނުބުނާށެވެ. މީސްތަކުން އެބައިމީހުންގެ ދުލުން ކުރާ ފާފަތަކަށްޓަކައި އެތައް ބަޔަކު ނަރަކައަށް އެއްލައިލެވޭނޭ ކަމުގައި ޙަދީޘެއްގައިވެއެވެ. ދުލުން ބޭރުވާ ބަހަކީ އަނބުރާ ގެއްދެވޭނޭ އެއްޗެއް ނޫނެވެ. ވީމާ، އެ ބަހެއް ބުނެވިގެން ފަހުން ހިތާމަކުރަންޖެހޭނޭ އެއްވެސް ބަހެއް ދުލުން ބޭރުވިޔަ ނުދޭށެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. “مَنْ كَانَ يُؤْمِنُ بِاللَّهِ وَاليَوْمِ الآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ” رواه البخاري މާނައީ: “މާތް ﷲ އަށް އީމާންވެ، އާޚިރަތް ދުވަށް އީމާންވާ މީހަކު، އޭނާގެ ދުލުން ހެޔޮ ބަހެއް ނޫނީ ނުބުނާށެވެ. (ހެޔޮ ބަހެއް ނުބުނެވޭނަމަ) ބަހެއް ނުބުނެ ހުއްނާށެވެ.”

އަޅުގަނޑުމެންގެ މި ދުނިޔެވީ ޙަޔާތަކީ އިމްތިޙާނެއްކަމުގައިވީހިނދު، ހިތް ރުހޭ ކަންކަމާއި، ހިތް ނުރުހޭ ކަންކަންވެސް ކުރިމަތިވާނެއެވެ. އެފަދަ ދަތި އުނދަގޫކަމާއި، ކަންބޮޑުވުންތައް ކުރިމަތިވާހިނދު ކެތްތެރިވެ ހެޔޮ މަގުގައި ދެމިހުންނާށެވެ.

Copyright 2021 © Sheikh Hassan Moosa Fikree