އޮގަސްޓު 14، 2015

ކެތްތެރިވާންޖެހޭ ޙާލަތްތަކުގައި ޢަމަލުތައް ބަހައްޓާނެ ގޮތް

الحمد لله رب العالمين والصلاة والسلام على رسوله وعلى آله وصحبه أجمعين وبعد:

މި ދުނިޔޭގައި ތަފާތު އިމްތިޙާނުތަކާއި މުޞީބާތްތައް ކުރިމަތިވެއެވެ. އެއީ އަޅުތަކުންގެ ތެރެއިން ކެތްތެރިވެ މިންވަރުފުޅަށް ރުހެނީ ކޮން ބައެއްކަން ހާމަކޮށްދެއްވުމަށްޓަކައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً وَهُوَ الْعَزِيزُ الْغَفُورُ“(الملك: 2) މާނައީ: “އެކަލާނގެއީ ދިރުމާއި މަރުވުން ޚަލްޤުކުރެއްވި އިލާހެވެ. އެއީ ތިޔަބައިމީހުންކުރެ އެންމެ ހެޔޮ ޢަމަލު ކުރުން ގިނައީ ކޮންބަޔަކުތޯ އިމްތިޙާނު ކުރެއްވުމަށްޓަކައެވެ.”

އިބްނުލް ޤައްޔިމު ރަޙިމަހު ﷲ ވިދާޅުވެފައިވެއެވެ. “މާތް ﷲ ގެ އަޅުތަކުންކުރެ އަޅަކަށް ކުރިމަތިވާ އިމްތިޙާނުތަކުގައި، އޭނާ އަމިއްލައަށް އެކަމުން ސަލާމަތްވެވެން ނެތް ކަންކަމުގައި، މިސާލަކަށް ގާތްތިމާގެ މީހަކު މަރުވުން، ބަލި ޙާލަތެއް މެދުވެރިވުން، ޤުދުރަތީ ކާރިޘާތަށް ކުރިމަތިވުންފަދަ ކަންކަމުގައި އޭނާއަށްވަނީ ހަތަރު ޙާލަތެކެވެ. އެއީ:

އެކެއް: مقام العجز ، އެއީ ޝަކުވާކުރުމާއި ހިތްހަމަ ނުޖެހުމުގެ ޙާލަތެވެ. މިފަދައިން ޢަމަލު ކުރާނީ، މީސްތަކުންގެ ތެރެއިން ވިސްނުން އެންމެ ކޮށި، ދީންވެރިކަމެއް، މުރޫވަތްތެރިކަމެއް ނެތް މީހާއެވެ.

ދޭއް: مقام الصبر ، އެއީ ކެތްތެރިވުމުގެ ޙާލަތެވެ. ކެތްތެރިވަނީ މާތް ﷲ ގެ ޙަޟުރަތުން ލިބޭ ދަރުމަޔަށް އެދިއެވެ. އަނެއްބަޔަކު ކެތްތެރިވަނީ މީސްތަކުންގެ މެދުގައި އޭނާއަށް އޮތް މަޤާމަށްޓަކައި ކަމުގައިވިޔަސް މެއެވެ.

ތިނެއް: مقام الرضى ، އެއީ ރުހުމުގެ ޙާލަތެވެ. މިއީ ކެތްތެރިކަމަށްވުރެ މަތީ މަޤާމަކެވެ.

ހަތަރެއް: مقام الشكر ، އެއީ ޝުކުރުވެރިވުމުގެ ޙާލަތެވެ. އަދި މިޙާލަތަކީ ކެތްތެރިވުމަށްވުރެންވެސް މަތީ ދަރަޖައެކެވެ. އެފަދަ މީހަކަށް އިމްތިޙާނާއި މުޞީބާތް ފެންނާނީ ނިޢުމަތެއްގެ ގޮތުގައެވެ. އެހެންވުމަން އޭނާ އެކަމަށް ޝުކުރުވެރިވާނެތެވެ. (عدة الصابرين ގެ ސ 81)

މި ހަތަރު ޙާލަތު ބަޔާންކުރައްވަމުން އައްޝައިޚު އިބްނު ޢުޘައިމީން ރަޙިމަހު ﷲ ވިދާޅުވެފައިވެއެވެ. އިނާސާނާއަށް މުޞީބާތެއް ޖެހޭހިނދު އޭނާއަށްވަނީ ހަތަރު ޙާލަތެކެވެ. އެއީ:

އެކެއް: ރުޅިއައުން

ދޭއް: ކެތްކުރުން

ތިނެއް: ރުހުން

ހަތަރެއް: ޝުކުރުވެރިވުން

ފުރަތަމަ ޙާލަތު: އޭނާގެ ހިތުން އެ މުޞީބާތަށް ނުރުހުންވެ ހިންހަމަ ނުޖެހުން ނުވަތަ އޭނާ ދުލުން އެކަމާ ނުރުހިގެން އެއްޗެހިކިޔާ ހެދުން ނޫނީ އޭނާގެ ގުނަވަންތަކުން އެފަދަ ކަމެއް ކުރުމެވެ.

ހިތުން ރުޅި އާދެވޭ ހިނދުގައި، އޭނާގެ ވެރި ރަސްކަލާނގެއާމެދު ހިތުގައި ހިތްހަމަ ނުޖެހުމެއް އުފެދެއެވެ. والعياذ بالله! އަދި އޭނާގެ ވެރި ރަސްކަލާނގެ އޭނާއަށް އަނިޔާވެރި ވެއްޖެކަމުގައި ހިތަށް އަރައެވެ.

އޭނާގެ ދުލުން ނުރުހެވޭފަދަ ބަސްތައް ބޭރުކުރެއެވެ. އެގޮތުން ހަލާކަށް އެދިގޮވައި، ވަޤުތާއި ޙާލަތަށް ލަޢުނަތްދީ ހަދައެވެ. އަދި އެކަމުން އޭނާގެ ވެރި ރަސްކަލާނގެއަށް ބަދުބަސްތައް ރައްދުކުރެއެވެ.

ގުނަންތަކުން ނުރުހެވޭ ޙާލަތުގައި، އޭނާގެ މޫނާއި ހަށިގަނޑުގެ ތަންތާނގައި ތަޅާ ހަށިގަނޑަށް ގެއްލުންދީ، ލައިގެން ހުންނަ ހެދުން ވީދާ އެފަދަ ކަންކަން ކޮށްހަދައެވެ. މިކަންކަމަކީ ދީނުގައި ނަހީކުރައްވާފައިވާ ކަންކަމެވެ. އަދި މިކަންކަމުގެ ސަބަބުން ސަވާބުން މަޙުރޫމުވެއެވެ. އަދި އޭނާގެ މުޞީބާތުން ސަލާމަތް ނުވާތާނގައި، އިތުރު ފާފަ ނޫނީ އޭނާއަށް ނުލިބެއެވެ. އެޙާލަތުގައި އޭނާއަށް އެވަނީ ދެ މުޞީބާތް ޖެހިފައެވެ. އެއީ ރުޅިއަމުގެ ސަބަބުން ދީނުގައި ނަހީކުރެއްވި ކަންކަމަށް އަރައިގަނެވިގެން ކުރިމަތިވި ދީނުގެ މުޞީބާތާއި، ދުނިޔެވީ ގޮތުން ލިބުނު ހިތާމައިގެ ސަބަބުން ކުރިމަތިވި ދުނިޔެވީ މުޞީބާތެވެ.

ދެވަނަ ޙާލަތު: މުޞީބާތަށް ކެތްކުރުން، އެއީ ނުރުހުވޭފަދަ ޢަމަލުތައް ނުކޮށް އޭނާގެ ނަފްސު ހިފެހެއްޓުމެވެ. ނަމަވެސް އެޙާލަތުގައި އެ މުޞީބާތަށް އޭނާ ނުރުހެއެވެ. އެކަމަކީ އޭނާ ލޯބިވާ ކަމެއްކަމުގައި ނުވެއެވެ. އަދި އެކަން އޭނާއަށް ކުރިމަތިވުމަކީ އޭނާ ލޯބިކުރާ ކަމަކަށް ނުވެއެވެ. ނަމަވެސް އެ މުޞީބާތް ކުރިމަތިވީތީ އޭނާގެ ނަފްސު ކެތްތެރިކުރުވައެވެ. މާތް ﷲ ނުރުއްސަވާފަދަ ބަހެއް އޭނާގެ ދުލުން ބޭރު ނުކުރެއެވެ. އަދި އޭނާގެ އަތުންފައިން މާތް ﷲ ނަހީކުރެއްވި ކަމެއް ނުކުރެއެވެ. އަދި އެމުޞީބާތް ކުރިމަތިވީތީ މާތް ﷲ އާމެދު ނުރުހުމުގެ އެއްވެސް އެއްޗެއް އޭނާގެ ހިތަކަށް ނާރައެވެ. އޭނާ އެހުރީ ކެތްތެރިކަމުގެ މަތީގައެވެ. ނަމަވެސް މުޞީބާތަށް ނުރުހިގެންވާ ޙާލުގައެވެ.

ތިންވަނަ ޙާލަތު: މުޞީބާތަށް ރުހުމުގެ ޙާލަތުގައި، އޭނާއަށް ކުރިމަތިވި މުޞީބާތުގެ ސަބަބުން އޭނާއަށް ހިތްދަތިކަމެއް ނުގެނުވައެވެ. އެ މުޞީބާތާމެދު އޭނާގެ ހިތްވަނީ ރުހިފައެވެ. އަދި މާތް ﷲ ގެ މިންވަރުފުޅަށް ފުރިހަމައަށް ރުހި ޤަބޫލުވެއެވެ. އޭނާއަށް ހިތްހަމަ ނުޖެހޭ އެއްވެސް ކަމެއް ކުރިމަތި ނުވާފަދައެވެ.

ހަތަރުވަނަ ޙާލަތު: ޝުކުރުވެރިވުމުގެ ޙާލަތުގައި މުޞީބާތް ކުރިމަތިވުމުން އޭނާ ﷲ ތަޢާލާއަށް ޝުކުރު ކުރެއެވެ. ރަސޫލާ صلى الله عليه وسلم އަށް ނުރުހެވޭފަދަ ކަމެއް ފެނިވަޑައިގެންފިނަމަ ޙަދީޘްކުރައްވައެވެ. “الحَمْدُ لِلّهِ عَلى كُلِّ حَالٍ” މާނައީ: “ކޮންމެ ޙާލެއްގައިވެސް މާތް ﷲ އަށް ޙަމްދު ހުއްޓެވެ.” އަދި އެ މުޞީބާތުގެ ސަބަބުން ކުރިމަތިވި ނުތަނަވަސްކަމަށްވުރެ އެތައް ގުނައެއް އިތުރަށް އެކަލާނގެ ޙަޟުރަތުން ލިބޭނޭ ދަރުމަޔާއި ސަވާބަށްޓަކައި ޝުކުރު އަދާކުރެއެވެ.

މުޞީބާތެއް ކުރިމަތިވުމުން ޢަމަލު ކުރާނީ ކިހިނެއް؟

 1. ކެތްތެރިވުން. މުޞީބާތަށް ކެތްތެރިވުން ސުންނަތްވެގެން ވެއެވެ. އަދި ޙަރާމް ކަމަކަށް އަރި ނުގަނެ ހުރެވޭ މިންވަރުގައި ކެތްތެރިކަން ބެހެއްޓުން ވާޖިބުވެގެންވެއެވެ.

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހު ﷲ ވިދާޅުވެފައިވެއެވެ. “ޢިލްމުވެރިން އިއްތިފާޤު ވެލައްވާފައިވާ ގޮތުގައި ކެތްތެރިވުމަކީ ވާޖިބެކެވެ.”

އިބްނުލް ޤައްޔިމު ރަޙިމަހު ﷲ ވިދާޅުވިއެވެ. “ކެތްތެރިކަމަކީ ވާޖިބެއްކަމުގައި ޢިލްމުވެރިންވަނީ އިޖްމާޢު ވެލައްވާފައެވެ. ކެތްތެރިކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ. އަނެއް ބަޔަކީ ޝުކުރު އަދާކުރުމެވެ.”

ކެތްތެރިކަމަކީ ރުޅިއައުމާއި ހިތްހަމަ ނުޖެހުމުން ނަފްސު ހިފަހައްޓައި، ދުލުން ޝަކުވާކޮށް ހެދުމުން އެއްކިބާވެ، ގުނަންތަކުން އެފަދަ ޢަމަލު ނުކޮށް ހުރުމެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “وَلَنَبْلُوَنَّكُمْ بِشَيْءٍ مِنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِنَ الأمْوَالِ وَالأنْفُسِ وَالثَّمَرَاتِ وَبَشِّرِ الصَّابِرِينَ (١٥٥) الَّذِينَ إِذَا أَصَابَتْهُمْ مُصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ (١٥٦) أُولَئِكَ عَلَيْهِمْ صَلَوَاتٌ مِنْ رَبِّهِمْ وَرَحْمَةٌ وَأُولَئِكَ هُمُ الْمُهْتَدُونَ (١٥٧)” (އަލްބަޤަރާ 155 – 157) މާނައީ: “ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާނު ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު، ކަލޭގެފާނު ދެއްވާށެވެ! * އެއުރެންނީ އެއުރެންނަށް މުޞީބާތެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، اللَّه އަށް މިލްކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ ޙަޟުރަތަށް އެނބުރިދާނޭ ބަޔެކޭ ބުނާ މީހުންނެވެ. * އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟުރަތުން މަޣުފިރަތާއި ރަޙުމަތް އެއުރެންގެ މައްޗަށް ހުރި މީހުންނެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންނީ ހަމަ އެއުރެންނެވެ.”

އަނަސް ބުނު މާލިކު ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. މަހާނައެއްގެ ކައިރީގައި ރޯން އިން އަންހެނެއްގެ ގާތުންލާފައި ކީރިތި ރަސޫލާ صلى الله عليه وسلم ވަޑައިގަތެވެ. އެހިނދު ޙަދީޘް ކުރެއްވިއެވެ. “اِتَّقِي اللهَ وَاصْبِرِي” މާނައީ: “ތިބާ މާތް ﷲ އަށް ތަޤުވާވެރިވެ ކެތްތެރިވާށެވެ.” އެ އަންހެނާ ބުންޏެވެ. “ތިބާ މިތަނުން ދާށެވެ. ތިމަންނާއަށް ޖެހިފައިވާ މުޞީބާތް ތިބާއަކަށް ޖެހިފައެއް ނުވެއެވެ. އެހެންވީމާ ތިމަންނާއަށް މިވާވަރެއް ތިބާއަކަށްނޭނގޭނެ އެވެ.” އެ އަންހެންނާއަށް ބުނެވުނެއެވެ. “އެހެން އެވިދާޅުވެ ޙަދީޘްކުރެއްވީ ކީރިތި ރަސޫލާ صلى الله عليه وسلم އެވެ.” ދެން އެއަންހެނާ ކީރިތި ރަސޫލާ صلى الله عليه وسلم ގެ ގޭދޮށަށް ދިޔައެވެ. އެހެނދު އެކަލޭގެފާނުގެ ގޭ ދޮރުކޮޅު މަތީގައި ގާޑުން ނުވަތަ ދޮރުވާނުން ނުތިބޭތީ ޢަޖައިބުވިއެވެ. އެއަންހެނާ އެކަލޭގެފާނަށް ދެންނެވިއެވެ. “އެހެން ބުނެވުނީ ތިމަންނާއަށް ކަލޭގެފާނުކަން ނޭގިގެންނެވެ.” އެހިނދު ޙަދީޘްކުރެއްވިއެވެ. “إِنَّمَا الصَّبْرُ عِنْدَ الصَّدْمَةِ الأُوَلَى” މާނައީ: “ހަމަކަށަވަރުން ކެތްތެރިކަންވަނީ މުޞީބާތް ކުރިމަތިވާ އެންމެ ފުރަތަމަ ހިނދުކޮޅުގައެވެ.”

އިބްނު ޙަޖަރު ރަޙިމަހު ﷲ ވިދާޅުވެފައިވެއެވެ. މުޞީބާތް ކުރިމަތިވާ އެންމެ ފުރަތަމަ ދަނޑިވަޅުގައި އެކަމަށް ކެތްތެރިވެވިއްޖެނަމަ، ހިތުގެ ތެރެއަށް ވަންނަ ނުރުހުމާއި ހިތްހަމަ ނުޖެހުމުގެ މައްޗަށް ގަދަވެގަނެވޭނެއެވެ. އޭރުން ފުރިހަމަ ކެތްތެރިކަމެއް ލިބި އެކަމުގެ ދަރުމައާއި ސަވާބުވެސް ޙާޞިލުކުރެވޭނެއެވެ.

އިބްނު ޤުދާމާ ރަޙިމަހު ﷲ ވިދާޅުވެފައިވެއެވެ. “މުޞީބާތެއް ޖެހިފައިވާ މީހާ މާތް ﷲ ގެ ޙަޟުރަތުން ވާގި ހޯދައި، މުޞީބާތުގެ ޙާލަތުގައި ކިޔުމަށް އެކަލާނގެ ބާވައިލެއްވި ދުޢާ ކިޔައި، އަދި ނަމާދާއި ކެތްތެރިކަމުން ވާގި ހޯދުމަށް އެކަލާނގެ ކުރައްވާފައިވާ އަމުރަށް ކިޔަމަންތެރިކަން އަދާކޮށް، ކެތްތެރިންނަށް ދެއްވާނޭކަމުގައި ވަޢުދުވެވޮޑިގެންފައިވާ ނިޢްމަތްތަކަށް އެދިގެން ހުރުން ވާޖިބުވެގެންވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “وَبَشِّرِ الصَّابِرِينَ * الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُواْ إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ * أُولَـئِكَ عَلَيْهِمْ صَلَوَاتٌ مِّن رَّبِّهِمْ وَرَحْمَةٌ وَأُولَـئِكَ هُمُ الْمُهْتَدُونَ” (البقرة 155-157) މާނައީ: “އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު، ކަލޭގެފާނު ދެއްވާށެވެ! * އެއުރެންނީ އެއުރެންނަށް މުޞީބާތެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، اللَّه އަށް މިލްކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ ޙަޟުރަތަށް އެނބުރިދާނޭ ބަޔެކޭ ބުނާ މީހުންނެވެ. * އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟުރަތުން މަޣުފިރަތާއި ރަޙުމަތް އެއުރެންގެ މައްޗަށް ހުރި މީހުންނެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންނީ ހަމަ އެއުރެންނެވެ.”

 1. ޤަޟާޤަދަރަށް ރުހި ، ﷲ ތަޢާލާއަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންގަތުން. މިއީ މާތް ﷲ އަށް ވަކީލުކުރާ، މާތް ﷲ ގެ ވަޢުދުފުޅު ތެދުކަމުގައި ޤަބޫލުކުރާ އެކަލާނގެ މުއުމިނު އަޅުތަކުންގެ އެންމެ މަތިވެރި ސިފަތަކުތެރެއިން ހިމެނޭ ސިފައެކެވެ. ޤަޟާޤަދަރަށް އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.
 2. إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ ކިޔުން .

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُواْ إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ” (ބަޤަރާ 156) މާނައީ: “އެއުރެންނީ އެއުރެންނަށް މުޞީބާތެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، اللَّه އަށް މިލްކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ ޙަޟުރަތަށް އެނބުރިދާނޭ ބަޔެކޭ ބުނާ މީހުންނެވެ.”

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. “މާތް ﷲ ގެ އަޅުތަކުންކުރެ އަޅަކަށް މުޞީބާތެއް ޖެހޭހިނދު މިފަދައިން ކިޔައިފިނަމަ “إِئا لِئَهِ وَإنُّا اٍلَيْهِ رَاجِعًونَ اللَّهُمَّ ، أجُرْنِى فِى مُصِيَبَتِى ، وَأخْلِفْ لِى خَيْرآ مِنْهَا” މާތް ﷲ އޭނާގެ މުޞީބާތް ފިލުއްވައިދެއްވަވައި އެއަށްވުރެ ރަނގަޅު ގޮތެއް އޭނާއަށް ދައްކަވަތެވެ.”

 1. ދުނިޔެއަކީ އިމްތިޙާނު ކުރުމުގެ ގޯތިކަމުގައިވާތީ ދުނިޔޭގައި އެތަކެއް މުޞީބާތްތަކާއި ދަތި އުނދަގޫތަކާއި ހިތާމަތައް ކުރިމަތިވާނެކަން ހަނދާން ކުރާށެވެ.
 2. ދަންނާށެވެ! ތިބާޔާއި ތިބާގެ އަނބިދަރީންނާއި މުދަލަކީވެސް މާތް ﷲ އަށް މިލްކުވެވޮޑިގެންވާ ފަރާތްތަކާއި ތަކެއްޗެވެ. އެކަލާނގެ ދެއްވި އެއްޗެތި މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެ އެދިވޮޑިގެންނެވި ކޮންމެ ވަގުތެއްގައި ގެންދެވުންވަނީވެސް އެކަލާނގެއަށެވެ. ކޮންމެ އެއްޗެއްވެސް އެކަލާނގެ ހެއްދެވީ ކަނޑައެޅިގެންވާ ވަކި އަޖަލަކަށެވެ.
 3. މުޞީބާތްތަކުގައި ނަމާދުން ވާގިވެރިކަން ހޯދާށެވެ. ކީރިތި ރަސޫލާ صلى الله عليه وسلم އަށް ބޮޑުކަމެއް ކުރިމަތިވެލައްވައިފިނަމަ، ނަމާދު ކުރެއްވުމަށް އެކަލޭގެފާނު އަމުރު ކުރައްވައެވެ. މުއުމިނު އަޅާގެ ޙާލަކީ މިއީއެވެ. އިމްތިޙާނުތަކުގެ ވަޤުތުގައި އޭނާ މާތް ﷲ ހަނދުމަކުރެއެވެ. އެހެނީ އެކަންކަމުން ސަލާމަތްކޮށްދެއްވާ ފަރާތަކީ އެކަލާނގެއެވެ.
 4. މުޞީބާތްތަކަށް ކެއްތެރިވުމުން ލިބޭ ސަވާބާއި ދަރުމައިގެ މަތިން ހަނދާންކުރާށެވެ. އޭގެ ތެރޭގައި:
  • ސުވަރުގެ ވެއްދެވުން
  • ކެތްތެރީންނަށް އެއްވެސް ހިސާބެއްނެތި ދަރުމަޔާއި ސަވާބު ދެއްވުން
  • ކެތްތެރިންނާއެކުގައި މާތް ﷲ ވޮޑިގެންވުން
  • މުޞީބާތްތަކަށް ކެތްތެރިވާ ފަރާތްތަކުގެ ފާފަތަކުގެ ކައްފާރާއެއް ކަމުގައި ކެތްތެރިކަން ވެގެން ދިޔުން
  • މާތް ﷲ ރަޙުމަތާއި ޞަލަވާތާއި ހިދާޔަތް ކެތްތެރީންނަށް ލިބިގެންވުން
  • ކެތްތެރީންގެ މަޤާމު މަތިވެރިކޮށް ދެއްވުން

ނޯޓް: މި ލިޔުމަކީ ޠަރީޤުލްއިސްލާމް ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގެ ދިވެހިތަރުޖަމާއެވެ. ލިޔުމުގެ ބައެއް ބައިތަކަށް ކުދި ބަދަލުތައް ގެނެސް ބައެއް ނުކުތާތައް ޚުލާޞާކޮށްފައި ވާނެއެވެ.

http://ar.islamway.net/article/48442

Copyright 2021 © Sheikh Hassan Moosa Fikree