ޑިސެންބަރު 30، 2020

ގަބޫލުވެވިގެންވާ ހެޔޮ އަމަލަކީ ކޮބާ؟

އާދަމްގެފާނުގެ ދެ ދަރިކަލުންގެ ވާހަކަ އަލްމާއިދާ ސޫރަތުގައި، މާތް ﷲ ވަނީ ވަޙީކުރައްވާފައެވެ. އެ ދެ ދަރިކަލުން އިމްތިޙާނު ކުރެއްވުމަށްޓަކައި ޤުރްބާނެއް ކުރެއްވުމަށް މާތް ﷲ އަމުރު ކުރެއްވިއެވެ. އެ ޤުރްބާން ޤަބޫލު ކުރެއްވުނީ އޭގެ ތެރެއިން އެއް ދަރިކަލެއްގެ ކިބައިންނެވެ.

އެއާޔަތްތަކުގެ މާނައިގައިވެއެވެ. “އާދަމުގެފާނުގެ ދެ ދަރިކަލުންގެ ޚަބަރު، ޙައްޤުގޮތުގައި ކަލޭގެފާނު އެއުރެންނަށް ކިޔައިދެއްވާށެވެ! އެއީ، އެ ދެދަރިކަލުން ޤުރުބާނެއް ކުރިމަތިކުރެއްވިހިނދު (ކަންހިނގިގޮތުގެ ވާހަކަ) އެވެ. ފަހެ، އެ ދެ ދަރިކަލުންކުރެ އެއްދަރިކަލެއްގެ ކިބައިން (ޤުރްބާން) ޤަބޫލު ކުރެއްވިއެވެ. އަނެއް ދަރިކަލުންގެ ކިބައިން ޤަބޫލެއް ނުކުރެއްވިއެވެ. އެ ދަރިކަލުން ވިދާޅުވިއެވެ. ތިމަން، ކަށަވަރުންވެސް ކަލޭ ޤަތުލު ކުރާހުށީމެވެ. އަނެއް ދަރިކަލުން ވިދާޅުވިއެވެ. ﷲ ޤަބޫލު ކުރައްވާކަން ކަށަވަރީ ތަޤުވާވެރިންގެ ކިބައިންނެވެ.” (އަލްމާއިދާ 27)

މިއާޔަތާ ގުޅޭގޮތުން ޢަލީގެފާނު رضي الله عنه ވިދާޅުވެފައިވެއެވެ. “ތިޔަބައިމީހުން ޢަމަލެއް ކުރުމަށް ދޭ ސަމާލުކަމަށްވުރެ، އެ ޢަމަލަކީ މާތް ﷲ ގެ ޙަޟުރަތުގައި ޤަބޫލު ކުރެއްވިގެންވާ ޢަމަލެއްކަމުގައި ހެދުމަށް ދޭ ސަމާލުކަން ބޮޑުކުރާށެވެ. ތިޔަބައިމީހުން މާތް ﷲ ގެ އަންނަނިވި ބަސްފުޅު އަޑު ނާހަމު ހެއްޔެވެ؟ “إِنَّمَا يَتَقَبَّلُ اللَّهُ مِنَ الْمُتَّقِينَ”(المائدة: 27) މާނައީ: “މާތް ﷲ ޤަބޫލު ކުރައްވާކަން ކަށަވަރީ ތަޤުވާވެރިންގެ ކިބައިން އެކަންޏެވެ.”

ހަމަ މިއާޔަތާއި ވިދިގެން، އިބްނު ފުޟާލަތު ބުނު ޢުބައިދު رحمه الله ވިދާޅުވެފައިވެއެވެ. “އަހުރެންގެ ޢަމަލުތަކުގެ ތެރެއިން ރެވި އޮއްޓަރެއްގެ މިންވަރުގެ ހެޔޮ ޢަމަލެއް މާތް ﷲ ޤަބޫލު ކުރެއްވިކަން އެނގުންވެސް، ދުނިޔެއާއި ދިނިޔޭގައިވީހާ އެއްޗަކަށްވުރެ އަހުރެންނަށް ލޮބުވެތިކަން ބޮޑެވެ. އެހެނީ އެއިލާހު ވަޙީކުރައްވާފައެވެ. “މާތް ﷲ ޤަބޫލު ކުރައްވާކަން ކަށަވަރީ ތަޤުވާވެރިންގެ ކިބައިން އެކަންޏެވެ.”

އިހުގެ އެއްތައް ދަންނަބޭކަލުނެއް ވިދާޅުވެފައިވެއެވެ. “ކުރާ ހެޔޮ ޢަމަލުތައް މާތް ﷲ ގެ ޙަޟުރަތުގައި ޤަބޫލު ވެވިގެން ނުވެދާނެ ކަމަށްޓަކައި (އެ ޢަމަލު ރަނގަޅަށް ކުރަން ކުރެވޭ މަސައްކަތަކީ)، ޢަމަލު ކުރުމަށްވުރެންވެސް ބޮޑު ކަމެކެވެ.” މިއީ އިސްވެދިޔަ ޖީލުތަކުގެ މާތްވެގެންވާ ބޭކަލުން، އެބޭކަލުންގެ ޢަމަލުތަކާމެދު އެބޭކަލުން ދެކެވަޑައިގެންނެވި ގޮތެވެ.

ހެޔޮ ޢަމަލެއް ކުރާހިނދު އެންމެ ފުރިހަމައަށް އެކަމެއް ކުރެވޭތޯ ބަލާށެވެ. އަދި ފުރިހަމައަށް ކުރެވިއްޖެނަމަ، އެއާއެކުވެސް، އެ ޢަމަލު މާތް ﷲ ގެ ޙަޟުރަތުގައި ޤަބޫލު ނުކުރެވިއްދާނޭ ކަމަށް ބިރުވެތިވާށެވެ.

ބައެއް ޞާލިޙު ބޭކަލުންގެ އަރިހުން ރިވާވެގެންވެއެވެ. “ހެޔޮ ޢަމަލެއް ކޮށްފިނަމަ ހަތަރު ކަމަކަށް ބިރުވެތިވާންޖެހެއެވެ. -ވީއިރު ނުބައި ޢަމަލެއްކޮށްފިނަމަ ހާލަކީ ކޮބައި ހެއްޔެވެ؟

* އެކެއް: އެ ޢަމަލު ޤަބޫލު ނުކުރެއްވިދާނޭކަމުގައި ބިރުވިތިވުމެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “إِنَّمَا يَتَقَبَّلُ اللَّهُ مِنَ الْمُتَّقِينَ”(المائدة: 27) މާނައީ: “މާތް ﷲ ޤަބޫލު ކުރައްވާކަން ކަށަވަރީ ތަޤުވާވެރިންގެ ކިބައިން އެކަންޏެވެ.”

* ދޭއް: ދެއްކުންތެރިކަން (އެ ޢަމަލުގައި ހިމެނިދާނޭ ކަމަށް) ބިރުވެތިވުން، މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. “وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ”(البينة: 5) މާނައީ: “ބާޠިލު މަގުން އެއްކިބާވެތިބެ، ﷲ އަށް އަޅުކަން ޚާލިޞްކުރާ ޙާލު، ﷲއަށް އަޅުކަންކުރުމަށް، މެނުވީ އަމުރުވެވިގެން ނުވެއެވެ.”

* ތިނެއް: އެ ޢަމަލު ރައްކާތެރި ކުރައްވައި، ޤިޔާމަތް ދުވަހާއި ހަމައަށް ފޯރުކުރައްވުމާމެދު ބިރުވެތިވުން، މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “مَنْ جَاءَ بِالْحَسَنَةِ فَلَهُ عَشْرُ أَمْثَالِهَا”(الأنعام: 160) މާނައީ: “ހެޔޮކަމަކައިގެން އަތުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެފަދަ ދިހަ ހެޔޮކަމުގެ ޘަވާބު ހުށްޓެވެ.”

* ހަތަރެއް: މާތް ﷲ އަށް އަޅުވެތިވެ ކިޔަމަންގަތުމުން އެއްކިބާވެވިދާނޭކަމަށް ބިރުވެތިވުން، އެހެނީ މާތް ﷲ އަށް ކިޔަމަން ގަތުމުގެ ހެޔޮ ތައުފީޤު ދެއްވިކަން ނުވަތަ ނޫންކަން އޭނާއަކަށް އެނގުމެއް ނުވެއެވެ. “وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ”(هود: 88) މާނައީ: “އަދި ﷲގެ ޙަޟުރަތުން މެނުވީ، އަހުރެންނަށް ތައުފީޤު ލިބުމެއްނުވެތެވެ. އަހުރެން ވަކީލުކުރަނީ، އެކަލާނގެއަށެވެ. އަދި ތައުބާ ވަނީވެސް، އެކަލާނގެ ޙަޟުރަތަށެވެ.”

އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު، ހެޔޮ ޢަމަލުތައް ކުރުމަށްފަހު އެކަމާމެދު ފަޚުރުވެރިވެ، ނުވަތަ ދެއްކުތެރިކަމާއެކު އަނެކާގެ ގާތުގައި އެވާހަކަތައް ދައްކައި ހަދައެވެ. ނަމަވެސް ދެއްކުންތެރިކަމުން އެކިބާވެ، ޚާލިޞްކޮށް މާތް ﷲ އަށް އެއަޅުކަން އަދާކުރުމުން މެނުވީ އާޚިރުތުގައި އެ ޢަމަލުގެ ފައިދާ ނުކުރާނެތެވެ. ވީމާ، ހެޔޮ ޢަމަލުތައް ކުރާހިނދު، އެ ޢަމަލުތަކަކީ މާތް ﷲ އަށް އިޚުލާޞްތެރިކަމާއެކު، އަދި އެއިލާހު އެންގެވިގޮތަށް، އެބަހީ ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތާ އެއްގޮތަށް ކުރެވޭ ޢަމަލުތަކެއް ކަމުގައި ހަދާށެވެ. އަދި އެ ޢަމަލު އެންމެ ފުރިހަމައަށް ކުރެވޭތޯ ބަލައި، ކުރެވުނު ހެޔޮ ޢަމަލުތައް ޤަބޫލު ކުރެއްވުންއެދި ދުޢާކުރާށެވެ.

Copyright 2021 © Sheikh Hassan Moosa Fikree