ޖޫން 01، 2016

ރަސްގެފާނުގެ މިސްކިތް

އެއްދުވަސްވަރެއްގައި އުޅުއްވި ރަސްކަލަކު، އޭނާގެ ރަށުގައި މިސްކިތެއް ބިނާކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. އެ މިސްކިތަކީ ސީދާ ރަސްގެފާނުގެ މުދަލާ ފައިސާއިން އެކަނި ބިނާކުރާ މިސްކިތެއް ކަމުގައި ހެދުމަށް ރަސްގެފާނު ބޭނުވެވަޑައިގަތެވެ. އެހެންކަމުން، އެ މިސްކިތް ބިނާ ކުރުމުގައި އެހެން އެއްވެސް މީހެއްގެ މުދަލެއް ނުވަތަ އެހީތެރިކަމެއް ނުހޯދުމަށް އެރަސްގެފާނު އަމުރު ކުރެއްވިއެވެ.

މިސްކިތް ބިނާކޮށް ނިމި، މިސްކިތުގައި ރަސްގެފާނުގެ ނަން ޖައްސަވައިފިއެވެ. އެރޭ ރަސްގެފާނު ނިދިކުރައްވަން އޮންނަވަނިކޮށް، ހުވަފެންފުޅުގައި މަލާއިކަތަކު ދެކެވަޑައިގަތެވެ. އެ މަލާއިކަތާ ވަޑައިގެން މިސްކިތުގައި ޖަހާފައިވާ ރަސްގެފާނުގެ ނަންފުޅު ފޮއްސެވުމަށްފަހު އަންހެނެއްގެ ނަން ޖެއްސެވިއެވެ. ދެން ރަސްގެފާނަށް ކުއްލިއަކަށް ހޭފުޅު ލެއްވިއްޖެއެވެ. އަދި އެ ހުވަފެންފުޅާމެދު ވަރަށް ކަންބޮޑުވެވަޑައިގެން، މިސްކިތުގައި ޖަހާފައިވާ ރަސްގެފާނުގެ ނަން އޮތްތޯ ބެލުމަށް ސިފައިން ފޮނުއްވެވިއެވެ. ސިފައިން އެބުރި އައިސް މިސްކިތުގައި ހުރީ ރަސްގެފާނުގެ ނަންފުޅު ކަމުގައި ދެންނެވިއެވެ. އަދި އެ ހުވަފެންފުޅަކީ ބިލާހެއް ކަމުގައި ބުނެ ރަސްގެފާނުގެ ހިތްޕުޅު ހަމަޖެއްސެވުމަށް ނަޞޭޙަތްތެރިވިއެވެ.

ދެވަނަ ރޭވެސް ރަސްގެފާނު ނިދިކުރައްވަން އޮންނަވަނިކޮށް، އުޑުން މަލާއިކަތަކު ފައިބައިވަޑައިގަންނަވަނިކޮށް ހުވަފެންފުޅުގައި ފެނިވަޑައިގަތެވެ. އެ މަލާއިކަތާ ވަޑައިގެން މިސްކިތުގައި ލިޔެފައިވާ ރަސްގެފާނުގެ ނަންފުޅު ފުއްސަވައި އަންހެނެއްގެ ނަން ލިޔުއްވާތީ ފެނިވަޑައިގަތެވެ. ދެން ކުލިއަކަށް ހޭފުޅު ލެއްވިޖެއެވެ. އެރޭވެސް ވަރަށް ކަންބޮޑުވެވަޑައިގެން މިސްކިތުގައި ލިޔެފައިވާ ރަސްގެފާނުގެ ނަންފުޅު ހުރިތޯ ބެލުމަށް ސިފައިން ފޮނުއްވެވިއެވެ. މިސްކިތުގައި ލިޔެފައިވަނީ އަދިވެސް ހަމަ ރަސްގެފާނުގެ ނަންފުޅުކަމުގައި ސިފައިން ދެންނެވިއެވެ.

ތިންވަނަ ރޭވެސް ރަސްގެފާނުގެ އެހުވަފެންފުޅު ފެނިވަޑައިގަތެވެ. އެރޭ ހޭފުޅު ލެއްވުނު އިރު، އެ މަލާއިކަތާ ލިޔުއްވި އަންހެން މީހާގެ ނަން ހަދުމަފުޅު ހުއްޓެވެ. ދެން އަނެއްދުވަހު، އެ އަންހެނާ ހޯދައިގެން ގެނެސް، ރަސްގެފާނުގެ ދަރުބާރަށް ހާޒިރު ކުރެވުނެވެ. އެ އަންހެނާއަކީ ޢުމުރުން ދުވަސްވެފައިވާ މުސްކުޅި ފަޤީރެކެވެ. އޭނާ ރަސްގެފާނުގެ ދަރުބާރަށް ޙާޟިރު ކުރުމުން ބިރުން ތުރުތުރު އަޅައެވެ. އެހިނދު ރަސްގެފާނުގެ ހުވަފެންފުޅު ކިޔައިދިނުމަށްފަހު، އެމިސްކިތް ބިނާ ކުރުމުގައި އޭނާ އެއްވެސް ކަމެއް ކުރިތޯ ރަސްގެފާނު ސުވާލު ކުރެއްވިއެވެ.

އެ އަންހެނާ ދެންނެވިއެވެ. “އޭ ރަސްގެފާނެވެ! މިސްކިތް ބިނާ ކުރުމުގައި އެހެން އެއްވެސް މީހަކު ބައިވެރި ނުކުރުމަށް ރަސްގެފާނު ކުރައްވާފައިވާ އަމުރަށް، އަޅުގަނޑު ކިޔަމަންތެރިވީމެވެ. އަދި އަޅުގަނޑަކީ ގައިބާރުދެރަވެ، ޢުމުރުން ދުވަސްވެފައިވާ ފަޤީރު އަންހެނަކީމެވެ. އަޅުގަނޑަށް މިސްކިތް ބިނާކުރުމުގައި ކުރެވޭނީ ކޮންކަމެއްތޯއެވެ؟ ނަމަވެސް މިސްކިތް ޢިމާރާތް ކުރަމުން ދިޔައިރު، އެއްދުވަހެއްގައި ތިމަންނާ މިސްކިތް ކައިރިން ދަނިކޮށް، އެތާގެ މަސައްކަތުގައި ގެންގުޅޭ ހިމާރެއް ދުށީމެވެ. އެސޮރު އޮތީ އައްސާފައެވެ. އޭރު ފެން ބޮވައިގަނެގެން އެސޮރުގެ ދޫވަނީ ބޭރުވެފައެވެ. އޭތީގައި އައްސާފައި އޮތް ވާގަޑުގެ ސަބަބުން އެތާހުރި ފެން އެއްޗާ ކައިރިޔަށް އެ ޙިމާރަށް ދެވޭވަރެއް ނުވެއެވެ. ދެން ތިމަންނާ އެ ފެން އެތި އެ ހިމާރުގެ ކައިރިޔަށް ޖައްސައިލަދިނީމެވެ. މި ނޫނީ މިސްކިތުގެ މަސައްކަތުގެ އެއްވެސް ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ.”

ރަސްގެފާނު ވިސްނަވަން އިންނަވާފައި ވިދާޅުވިއެވެ. “ކަލޭ އެކަންކުރީ މާތް ﷲ އަށްޓަކައެވެ. އެކަލާނގެ އެ ޢަމަލު ޤަބޫލު ކުރެއްވެވިއެވެ. އަހަރެން މިސްކިތް ބިނާކުރަން ބޭނުންވީ، އަހަރެއްގެ ނަން ދެމެހެއްޓުމަށެވެ. އެހެންވުމުން މާތް ﷲ އަހަރެންގެ ޢަމަލު ޤަބޫލު ނުކުރެއްވެވިއެވެ.”

ދެން އެ އަންހެނާގެ ނަމުން އެ މިސްކިތަށް ނަން ދިނުމަށް ރަސްގެފާނު އަމުރު ކުރެއްވިއެވެ.

Copyright 2021 © Sheikh Hassan Moosa Fikree