ޑިސެންބަރު 09، 2020

ރުޅި: ޝައިތާނާއަށް ހުޅުވައި ދެވޭ ދޮރެއް

ރުޅިއައުމަކީ އިންސާނާގެ ކިބައިގައި ލައްވާފައިވާ ޠަބީޢީ އިހުސާސްތަކުގެ ތެރެއިން އިހުސާސެކެވެ. ތިމާއަށް ނުރުހެވޭ ކަމެއް ކުރިމަތިވުމުން ނުވަތަ ހިތްހަމަ ނުޖެހުމެއް އައުމުން ތިމާގެ ބާރު ދައްކާލައި، ކުރިމަތިވި އަނިޔާ ނުވަތަ ނޭދޭވޭ އަސަރުން ސަލާމަތް ވުމަށް ހަށިގަނޑުގައި އުފައްދާ މި އިހުސާސަކީ އޭގެ ސަބަބުން ނުރަނގަޅު ނަތީޖާތަކެއް ގިނަފަހަރު ނިކުންނަ އިހުސާސެކެވެ.

ރުޅިއަކީ ޝައިޠާނާއަށް ހުޅުވައިދެވޭ ދޮރެކެވެ. އަދި އޭނާގެ ހީލަތްތަކުގެ ތެރެއިން ބޮޑު ހީލަތެކެވެ. އެހެނީ، ކުޑަކުއްޖަކު ކުޅޭ އެއްޗަކާ ކުޅޭފަދައިން، ރުޅިއައިސްފިއިވާ މީހަގެ ސިކުނޑިއާ ޝައިޠާނާ ކުޅެލައެވެ. އަދި ރުޅިއައިސްފައިވާ މީހާގެ ކިންބައި ފާޅުވާ ކަންކަމުން މިކަން އެނގެއެވެ.

އަބޫ ޙާމިދުލް ޣަޒާލީ رحمه الله ވިދާޅުވެފައިވެއެވެ. “ރުޅު ގަދަވާންފެށުމުން ލޭ ކެކިއަރައި ހިތުގައި އުފެދޭ އުދާސްތައް ސިކުނޑިއަށް ފޯރައެވެ. އަދި އޭގެ ސަބަބުން ވިސްނުމާއި ފިކުރަށް އަސަރު ކުރުވައެވެ. އަދި ބައެއް ފަހަރު ހިސުއްތަކަށްވެސް އެ އުދާސްތަކުގެ އަސަރު ކުރެއެވެ. އޭނާގެ ލޯމައްޗަށް އަދިރިވެ، އޭނާގެ ފެނުމަށް ހުރަސް އެޅެއެވެ. އަދި ދުނިޔެ އެކުގައި އަނދިރިވާގޮތްވެއެވެ. އޭނާގެ ސިކުނޑި އަކީ އެތެރޭގައި އަލިފާން ރޯވެފައިވާ ހޮހަޅައެއްފަދައެވެ. އޭނާގެ މޫނުމަތި އަނދިރިވެ އޭނާގެ ހަމަޖެހުމަށް ބުރޫއަރައެވެ. އަދި އޭނާގެ ގުނަންތަކަށް އެދުމުގެ އަސަރު ކުރެއެވެ. ބައެއް ފަހަރު، ރުޅިވެރިކަމުގެ އަލިފާންގަނޑު ކޮންޓުރޯލުނުވެ، ހިތުގައިވާ ދިރިމުގެ ތެތްކަން ނެތިކޮށްލައި، އެރުޅިވެރިކަމުގެ ތެރޭގައި އޭނާގެ ޙަޔާތް ނެތިގެން ދެއެވެ.”

ޝައިޠާނާ އިންސާނާގެ ހަށިގަނޑަށް އަސަރު ކުރުވާކަން ސުންނަތުން ސާބިތުވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. «إِنَّ الشَّيْطَانَ يَجْرِي مِنَ الْإِنْسَانِ مَجْرَى الدَّمِ» (رواه البخاري ومسلم) މާނައީ: “އިންސާނާގެ ނާރުތަކުގައި ލޭ ހިނގާފަދައިން އޭނާގެ ހަށިގަނޑުގައި ޝައިޠާނާ ދަތުރު ކުރެއެވެ.” އެބަސްފުޅުގެ މުރާދަކީ އިންސާނާގެ ހަށީގަނޑުގައި ލޭ ދައުރުވާފަދައިން، އާދަމުގެ ދަރިޔާގެ ހިތުތެރޭގައި އާއި ސިކުނޑީގައި ޝައިޠާނާގެ ވަސްވާސްތައް ދައުރު ކުރެއެވެ.

ސުލައިމާން ބުނު ސުރަދު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި އިންދާ، ދެމީހަކު؛ އެކަކު އަނެކަކަށް ފުރައްސާރަކޮށް ޒުވާބުކުރަމުން ދިޔައެވެ. އެތަނުން އެކެއްގެ މޫނުވަނީ ރުޅިއައިސްގެން ރަތްވެ، ކަނދުރާގެ ނާރު ފުފި އަރާފައެވެ. އެހިނދު ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “إِنِّي لَأَعْرِفُ كَلِمَةً لَوْ قَالَهَا لَذَهَبَ عَنْهُ الَّذِي يَجِدُ: أَعُوذُ بِاللهِ مِنَ الشَّيْطَانِ الرَّجِيمِ” رواه مسلم ‏މަނާއީ: “އެ ކަލިމައެއް ކިޔައިފިނަމަ އޭނާގެ ކިބައިގައި އެވާ ކަންތައް ފިލައިގެން ދާނޭ ކަލިމައެއް ތިމަން ކަލޭގެފާނު ދެވަޑައިގަންނަވަމެވެ. އެއީ؛ أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ އެވެ.”

ރުޅި އައުމުން ޢަމަލުކުރަންވީ ގޮތްވެސް ކީރިތި ނަބިއްޔާ صلى الله عليه وسلم ވަނީ ބަޔާންކޮށްދެއްވާފައެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. «إِذَا غَضِبَ أَحَدُكُمْ وَهُوَ قَائِمٌ فَلْيَجْلِسْ، فَإِنْ ذَهَبَ عَنْهُ الْغَضَبُ وَإِلَّا فَلْيَضْطَجِعْ» رواه أبو داود މާނައީ: “ތިޔަބައިމީހުންކުރެ މީހަކު ރުޅިއަންނަހިނދު އޭނާހުރީ ކޮޅަށް ކަމުގައިވާނަމަ އިށީންނާށެވެ. އެވަރުންވެސް އޭނާގެ ކިބައިން ރުޅި ފިލައި ނުގޮސްފިނަމަ އޮށޯންނާށެވެ.”

ރުޅި އަންނަހިނދު، އެ ރުޅި އަންނަ މީހާ ހުރި ހާލަތު ބަދަލުކޮށްލުމުން އޭނާގެ ގައިގައި ހިނގަމުންދާ ލޭގެ އޮއިވަރު ބަދަލުވެގެންދެއެވެ. އެގޮތުން ކޮޅަށް ހުންނަ މީހާ އިށީނުމުން އޭނާގެ ހަށިގަނޑަށް އަންނަ ބަދަލާއެކު އޭނާގެ ރުޅިގަނޑުވެސް މަޑުވެގެން ދެއެވެ. އެވަރުންވެސް ރުޅި ފިލައި ނުގޮސްފިނަމަ އޭނާ އޮށޯތުމަށްވަނީ އަމުރު ކުރައްވާފައެވެ.

ބައެއް ބަސްފުޅުތަކުގައިވެއެވެ. ރުޅިއެރުމަކީ ޝައިޠާނާގެ ކިބައިން އަންނަ ކަމެކެވެ. ޝައިޠާނައަކީ ޖިންނީންގެ ތެރެއިންވާ އެއްޗެކެވެ. ޖިންނީން ޚަލްޤު ކުރެއްވުނީ އަލިފާނުންނެވެ. ފެނަކީ އަލިފާން ނިއްވައިލާ އެއްޗެކެވެ. ވީމާ، ރުޅި އައުމުން ވުޟޫކުރާހުށިކަމެވެ. މިފަދައިން އައިސްފައިވާ ޙަދީޘްއަކީ ޟަޢީފު، ޞައްޙަ ނޫން ޙަދިޘެކެވެ. ނަމަވެސް މި ބަސްފުޅުގައިވާ ގޮތަށް ޢަމަލު ކުރުމަށްވެސް ބައެއް ދަންނަ ބޭކަލުން އިރުޝާދު ދެއްވައެވެ. ކޮންމެއަކަސް ވެން ބޭނުން ކުރުމާއި، ހަށިގަނޑުގެ ގުނަވަންތަކުގައި ފެން ޖައްސައި ދޮވެލުމަކީ، ހަށިގަނޑުގައި އުފެދޭ ނުތަނަވަސްކަމުގެ އުދާސްތަކަން ކުޑަކޮށްދީ އާރޯކަމާއި ތާޒާކަން ގެނުވާ އެއްޗެކެވެ.

ރުޅިއަކީ ޝައިޠާނާގެ ކިބައިން އަންނަ އެއްޗެއް ކަމުގައިވީހިނދު، ޝައިޠާނާގެ ވަސްވާސެއް ޖެހިއްޖެނަމަ އަޢޫޛު ކިޔުމަށްވެސް ކީރިތި ޤުރްއާންގައިވެސްވަނީ އަންގަވާފައެވެ. އަދި ޝައިޠާނާގެ އެ ނުބައި ވަސްވާސްތަކުގެ ތެރެއަށް ނަފްސު ދޫކޮށްލައިގެން ނުހުރުމަށްވެސް ދީން ބާރު އަޅުއްވައެވެ.

ރުޅި މަޑުކުރުމަކީ އަޚުލާޤީ ރިވެތި ސިފަތަކުގެ ތެރެއިން ހިމެނޭ މަތިވެރި ސިފައެކެވެ. ރުޅި އިސްނުކުރެއްވުމާއި އިހުސާސްތައް ކޮންޓުރޯލް ކުރެއްވުމާއި، އޯގާތެރިވެވަޑައިގަތުމަކީ އުއްމަތުގެ ނަބިއްޔާ صلى الله عليه وسلم ވަނީ މަތިވެރި ނަމޫނާ ދައްކަވާފައެވެ.
ބުޚާރީއާއި މުސްލިމްގައި ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޚާދިމެއްގެ ގޮތުގައި މަސައްކަތް ކުރެއްވި މާތް ޞަޙާބީ އަނަސް ބުނު މާލިކު رضي الله عنه ވިދާޅުވެފައިވެއެވެ. “ތިމަންނާ ދިހަ އަހަރުވަންދެން ރަސޫލާ صلى الله عليه وسلم އަށް ޚިދުމަތް ކުރެއްވީމުއެވެ. (މި ދިގު މުއްދަތުގައި) ދުވަހަކުވެސް ތިމްނާއަށް އެކަލޭގެފާނު (ރިހިވަޑައިނުގެން) ޗުއްޕުވެސް ވިދާޅުވެފައި ނުވެއެވެ. އަދި ތިމަނާ ކުރި ކަމަކާމެދު، ތިޔަކަން ތިޔަހެން ކުރީ ކީއްވެހޭ ވެސް ވިދާޅެއްނުވެއެވެ. އަދި ތިމަންނާ ނުކޮށް ދޫކޮށްލި ކަމަކާމެދު އެވެނި ކަމެއް އެވެނި ގޮތަކަށް ނުކުރީ ކީއްވެހޭވެސް ނާއްސަވައެވެ.”

ނަބިއްޔާ އަކީ މުއުމިނުތަކުންގެ ނަމޫނާއެވެ. ޒުވާނުންނަށްހުރި އެންމެ ހެޔޮވެގެންވާ މިސާލަކީ އެކަލޭގެފާނުގެ ޙަޔާތްޕުޅެވެ. އެކަލޭގެފާނާ ހެޔޮގޮތުގައި ތަބާވުމަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ޞާޙިލުވާނޭ މަގެވެ.

Copyright 2021 © Sheikh Hassan Moosa Fikree