ޑިސެންބަރު 30، 2020

ވަގުތު ނަގައިލުން: މަރު ވުމަށްވުރެން ބޮޑު ކަމެއް

ރޭނގަޑުގެ ވަގުތުތައް ހޭލައިތިބުމާއި، ދުވާލުގެ ގިނަ ވަގުތު ނިދާފައި އޮތުމާއި، އެއްވެސް މަސައްކަތެއްނެތި ފޫހިކަމުގައި ގިނަ ވަގުތުތައް ނަގާލާ ޒުވާނުން މަދެއް ނޫނެވެ. ހަޔާތުގެ އެންމެ ރޯޝަނީ ދުވަސްތަކަކީ ބޭކާރުވެގެންދާ ދުވަސްތަކެއް ކަމުގައިވާނަމަ އެކަމުގެ ހިތިރަހަ ކަރުގައި ލާންފަށާއިރު އޮންނާނީ މިދުނިޔެއާ ވަކިވުމުގެ ވަގުތު ޖެހިފައެވެ. ދަންނާށެވެ! ވަގުތަކީ ހަޔާތެވެ. ވަގުތު ވެގެންދަނީ ހެޔޮ އަމަލަށެވެ. ނުވަތަ އުމުރު ނަގައި ލުމަކަށެވެ. ބޭކާރު ގޮތުގައި ވަގުތުތައް ހޭދަކޮށްލުމަކީ މަރުވުމަށް ވުރެންވެސް ނުބައި ކަމެކަމެކެވެ.

އިބުނުލް ޤައްޔިމު رحمه الله ވިދާޅުވެފައިވެއެވެ. “ވަގުތު ނަގައިލުމަކީ މަރުވުމަށްވުރެންވެސް ބޮޑު ކަމެކެވެ. އެހެނީ ވަގުތު ބޭކާރުގޮތުގައި ނަގައިލުމުން ތިބާ ގުޅުން ކެނޑިގެން އެދަނީ ތިބާގެ ވެރި ރަސްކަލާނގެއާއެވެ. އަދި އާޚިރުތުގެ ޙަޔާތާއެވެ. ނަމަވެސް މަރުވުމުން ތިބާ ގުޅުން ކެނޑިގެންދަނީ ދުނިޔޭގައި ތިބި ދިރި ތިބީންނާއި ދުނިޔޭގެ ހަޔާތާއެވެ.”

ވަގުތު ނަގައިލުން މަރުވުމަށްވުރެ ބޮޑު ކަމަކަށް ވެގެންދަނީ، ތިބާ ދުނިޔޭގައި ހުރެމެ ހެޔޮ ޢަމަލުތަކެއް ކޮށްފައި ނުވާނަމަ، ތިބާ ދުނިޔެ ދޫކުރާ ހިސާބުންފެށިގެން، ބަރުޒަޚުގެ ޢާލަމުގައާއި އަލުން ދިރުއްވާ މަހުޝަރުކުރައްވާ ދުވަހުގައި ހުރި އަބާއްޖަވެރިކަމުގެ ބޮޑުކަމުންނެވެ.

ޞައްޙަ ޙަދީޘެއްގައި ވެއެވެ. «لاَ تَزُولُ قَدَمَا عَبْدٍ يَومَ القِيَامَةِ حَتَّى يُسْأَلَ عَنْ عُمُرِهِ فِيمَ أفنَاهُ؟ وَعَنْ عِلمِهِ فِيمَ فَعَلَ فِيهِ؟ وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ؟ وَفِيمَ أنْفَقَهُ؟ وَعَنْ جِسْمِهِ فِيمَ أَبلاهُ؟» މާނައީ: “ޤިޔާމަތް ދުވަހުން ހަތަރު ސުވާލަށް ޖަވާބު ދިނުމަށްފަހުގައި މެނުވީ، އެއްވެސް އަޅެއްގެ ފައިތިލަ އެ ހުރިތަނުން ގުޑުވައިވެސް ނުލެވޭހުއްޓެވެ. އެއީ އެ މީހެއްގެ އުމުރު ހޭދަކުރީ ކޮންކަމެއްގައިތޯ؟ އަދި އެ މީހަކު އުނގެނިފައިވާ ޢިލްމުން އޭނާކުރީ ކޮންކަމެއްތޯ؟ އަދި އެ މީހެއްގެ މުދާ އޭނާހޯދީ ކޮންގޮތަކަށްތޯ؟ އާއި އެ ތަކެތި ހޭދަކުރީ ކޮންކަމަކަށްތޯ؟ އަދި އޭނާގެ ހަށިގަނޑު މުސްކުޅި ކުރުވީ ކޮންކަމެއްގައިތޯ؟” (ރިވާކުރެއްވީ އަލްއިމާމުއް ތިރުމިޛީއެވެ.)

ވަގުތު ބޭކާރު ކުރެވެމާއި ހެޔޮކަމާއި ދުރައްޖެހި، ކުރާނޭ ކަމެއް ނޭނގިގެން އުޅެން ޖެހުމީވެސް މާތް ﷲ ބައެއް މީހުންނަށް ކުރިމަތިކުރައްވާ ޢުޤޫބާތެކެވެ. ކުރެވޭ ފާފަތަކުގެ ސަބަބުން، ދުނިޔެ މަތީގައި އަޅުތަކުންނަށް ކުރިމަތި ކުރައްވާ ބައެއް ޢުޤޫބާތުގެ ވާހަކަތައް ބަޔާންކުރައްވައި އިބްނުލް ޤައްޔިމު رحمه الله ވިދާޅުވެފައިވެއެވެ. “ހެޔޮ ކަންކަން ކުރުމަށް ތައުފީޤު ނުލިބުމާއި (އެބަހީ: ހެޔޮ ޢަމަލުތައް ކުރުމަށް ހިތްވަރު ނުލިބުމާއި)، ތިމާގެ ވިސްނުން ގޯސްވުމާއި، ޙައްޤު ނުފެނުމާއި، ހިތް ފަސާދަވުމާއި، ޒިކުރު ކުރުމުން އެއްކިބާވުމާއި، ޚަލްޤުތަކުންގެ ނަފްރަތު ލިބުމާއި، ތިމާއާއި ތިމާގެ ވެރި ރަސްކަލާނގެ އާއިދެމެދުގައި ބީރައްޓެހިކަން އުފެދުމާއި، ދުޢާ އިޖާބަ ނުކުރެއްވުމާއި، ހިތް ހަރުވުމާއި، ރިޒުޤުގަ އާއި ޢުމުރުގައި ބަރަކާތް ނެތިދިޔުމާއި، ޢިލްމުން މަޙްރޫމުވުމާއި، ކަނެތްވުމާއި، ހިތްނުތަނަވަސްވެ ހިތް ދަތިވުމާއި، ނުބައި އެކުވެރިންގެ ސަބަބުން ވަގުތު ބޭކާރުވުމާއި ފިތުނަތަކަށް ވެއްޓުމާއި، ހިތާމައާއި ކަންބޮޑުވުންތައް ދިގުލައި ދިޔުމާއި، ދިރިއުޅެން ދަތިވުމާއި، މިހުރިހާ ކަމެއްވެސް އުފަންވެގެން އަންނަނީ ފާފައިގެ ސަބަބުންނެވެ. އަދި މާތް ﷲ އާމެދު ޣަފުލަތްތެރިވުމުންނެވެ. އެއީ ފެނުން ގަސްފަޅާ ހެދޭފަދައިންނެވެ. އަދި ފެނުން އަލިފާން ނިވޭ ބީދައިންނެވެ.”

އަދިވެސް އިބްނުލް ޤައްޔިމު رحمه الله ގެ އެހެން ބަސްފުޅެއްގައި ވިދާޅުވެފައިވެއެވެ. “ދިހަ އެއްޗެއް ނަގައި ލުމުން (ބޭކާރު ކޮށްލުމުން) އެއިން ފައިދާއެއް ނުކުރާ ދިހަ އެއްޗެއްވެއެވެ. އެއީ؛ އެއާ އެއްގޮތަށް ޢަމަލު ނުކުރެވޭ ޢިލްމާއި، އިޚްލާޞްތެރިކަމެއް ނެތް ޢަމަލާއި، އެ (ޢަމަލުގައި) އިޤުތިދާއުވުމެއް ނުވާނަމަ (އެބަހީ: ކީރިތި ރަސޫލާ صلى الله عليه وسلم ގެންނެވި ޝަރީޢަތާ އެއްގޮތަށް އެ ޢަމަލު ނުކުރާނަމައެވެ.)، މަންފާއެއް ނުކުރަނިވި މުދަލާއި، އެ (މުދަލުން) ދުނިޔެއާއި އާޚިރަތަށް އެއްވެސް ފައިދާއެއް ނުކުރެއެވެ. އަދި އެއިން އެއްވެސް އެއްޗެއް އާޚިރަތަށްޓަކައި އިސްނުކުރެއެވެ. މާތް ﷲ ގެ ލޯބި ކުރުމެއް ނެތް ހިތާއި، އެއިލާހުގެ ޙަޟުރަތަށް ދިޔުމަށް ޝައުޤުވެރިކަމެއް ނެތުމާއި، އެއިލާހުގެ ޙަޟުރަތުން ތިމާއަށް ލިބޭ އެކަނިވެރިކަން ފިލުވައިދިނުމުގެ އިހުސާސެއް ނެތުމާއި، މާތް ﷲ އަށް ކިޔަމަން ގަތުމާއި ޚިދުމަތް ކުރުމަށް ބޭނުން ނުކުރާ ހަށިގަނޑާއި، އެ އިލާހުގެ އަމުރުފުޅުތަކަށް ކިޔަމަން ނުގަތުމާއި، ބޭކާރު ގޮތުގައި ނަގާލެވޭ ވަގުތާއި، އަދި ފައިދާއެއް ނެތް ކަންކަމުގައި ފިކުރު ކުރުމާއި، އެ މީހަކަށް ޚިދުމަތް ކޮށްގެން މާތް ﷲއާއި ގާތްކޮށް ނުދޭ ޚިދުމަތަކާއި، (އެކަމުގެ ސަބަބުން) ތިބާގެ ދީނަށް އެއްވެސް ހެވެއް ނުކުރަންޏާއެވެ.”

އިންސާނަކަށް އެއްޗެއްގެ އަގު އެނގިއްޖެނަމަ އެ އެއްޗެއް ހޯދުމާއި ރައްކާކުރުމަށް ފަރުވާތެރިވެއެވެ. އަދި އެ އެއްޗެއް ގެއްލިގެން ދިޔުމަކީ އޭނާ ކަންބޮޑުވާ ކަމެއްކަމުގައިވެސް ވެއެވެ. މިއީ އިންސާނާގެ ތަބީޢަތެވެ. ވީއިރު، މުސްލިމަކަށް އޭނާގެ ޙަޔާތުގެ ވަގުތުގެ މުހިންމުކަން އިހުސާސްވެއްޖެނަމަ އެ ވަގުތަށް ރައްކާތެރިވުމަށް އޭނާ ގަދައަޅާ މަސައްކަތްކުރާނޭކަން ކަށަވަރެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. “ދުނިޔޭގައި މާތް ﷲ ޒިކުރު ކުރުމެއްނެތި ހޭދަވާ ވަގުތުކޮޅަކާމެދު މެނުވީ ސުވަރުގެ ވަންތަވެރިން، އެކަމަކާ ހިތާމަކުރާ އެއްވެސް ކަމެއްނުވެއެވެ.” (ރިވާކުރެއްވީ އަލްއިމާމު ޠަބަރާނީއެވެ.)

Copyright 2021 © Sheikh Hassan Moosa Fikree